ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ މުއާމަލާތްތަކާއި ގުޅޭ ޖިނާއީ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށް، ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ޓީމެއް މިދިޔަ އާދީއްތަ ދުވަހު އެ އިދާރާއަށް ވަދެ، މުހިއްމު އާލާތްތަކެއް ތަހުގީގުގެ ބޭނުމަށް ގެންދިއުމުން ދިވެހި ޕްރިމިއާ ލީގާއި އެފްއޭއެމް އިން ރާވާ އެހެނިހެން މުބާރާތްތައް ނުބޭއްވޭނެކަމަށް އެ އިދާރާއން ބުނެފި އެވެ.
އެފްއޭއެމް ހިންގުން ފެއިލްވެ ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އިދާރާއިން މިއަދު ވަނީ ރައްދުގައި ނޫސް ބަޔާނެއް އާއްމުކޮށްފަ އެވެ. އެފްއޭއެމްގެ ބަޔާނުގައި ވަނީ އެ އިދާރާގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި މެނޭޖްމަންޓަށް ކުރާ ހުރިހާ ތުހުމަތެއް ދޮގުކޮށްފަ އެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނީ އެ އިދާރާގައި ބޭނުންކުރާ ގިނަ އަދަދެއްގެ ލިޔެކިޔުމާއި މަސައްކަތުގެ މާހައުލުގައި ކޮންމެހެން ބޭނުންކުރަންޖެހޭ އެތަކެއް އާލާތްތަކެއް ފުލުހުންގެ ތަހުގީގަށް ގެންދެވިފައިވުމުގެ ސަބަބުން އެ އިދާރާގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކަށް ބުރޫ އަރައި ހުއްޓިފައިވާ ކަމަށެވެ.
“…އަދި މި ހާލަތުގައި ފުޓްބޯޅަ ލީގާއި، ރޭވިފައި ހުރި އެނޫންވެސް އެހެނިހެން މުބާރާތްތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެކަމެއް ނޫންކަމުގައި ހިތާމަޔާއެކު ފާހަގަކުރަން” އެފްއޭއެމުން ނެރުނު ތިން ސަފްހާގެ ދިގު ބަޔާނުގައި ވެ އެވެ.
ބަޔާނުގައި ފާހަގަކޮށްފައިވާ މުހިއްމު އާލާތްތަކަކީ ކޮބައިތޯ އެހުމުން އެފްއޭއެމްގެ ޖަވާބެއް ނުލިބެ އެވެ.
ފުޓްބޯޅަ މުބާރާތްތައް ނުބޭއްވޭނެކަމަށް އެފްއޭއެމުން ބުނިއިރު ރާއްޖޭގެ ދެ ވަނަ ޑިވިޝަނަށް ޓީމުތަކުން އަންނަނީ ފޯރީގައި ތައްޔާރުވަމުންނެވެ. ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޓީމުތަކުން ވަނީ ބިދޭސީ ކުޅުންތެރިންނާއި އެކު ޓީމު ވަރުގަދަކޮށް ޕްރެކްޓިސް ވެސް ފަށައިފަ އެވެ. އެކަމަކު އެފްއޭއެމްގެ ތަހުގީގާ އެކު ދެ ވަނަ ޑިވިޝަން ބޭއްވުމުގެ ފުރުސަތު ކުޑަ އެވެ.
އެފްއޭއެމުން ބުނީ މިވަގުތު އެ އިދާރާގެ އެންމެ އިސް މަސްއޫލިއްޔަތަކީ ތަހުގީގީ އިދާރާތަޖަށް އެންމެ ފުރިހަމައަށް އެއްބާރުލުން ދިނުން ކަމަށެވެ.
“ތަހުގީގުގެ މަރުހަލާ އަވަސްކޮށްދިނުމަކީ މި އިދާރާގެ ވަރަށް ބޮޑު އެދުމެއް. އަދި ދިވެހި ފުޓްބޯޅައަށްޓަކައި ފީފާ އާއި އޭއެފްސީގެ ލަފާގެ މަތިން އެފަރާތްތަކާއި ދިވެހިރާއްޖޭގެ އިދާރާތަކާއި ގުޅިގެން ކުރެވެންހުރި އެންމެހާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރުމުގައި ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވަން” ބަޔާން ނިންމާލަމުން ބުނެފައިވެ އެވެ.