މެންޗެސްޓާ (އޮކްޓޫބަރ 21) – މެންޗެސްޓާ ޔުނައިޓެޑަށް ކުރިން ކުޅުނު ގޯލްކީޕަރުންގެ ތަޖުރިބާއިން މިހާރު އެޓީމުގެ ގޯލު ބަލަހައްޓަމުން އަންނަ އަންދްރޭ އޮނާނާ އަށް ކޮންފިޑެންސް އަނބުރާ ހޯދިދާނެ ކަމަށް ޔުނައިޓެޑް ކޯޗު އެރިކް ޓެން ހާގް ބުނެފި އެވެ.
މިދިޔަ ސީޒަނުގައި އިންޓަ މިލާނާ އެކު އޮނާނާ ވަނީ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލުގައި ކުޅެފަ އެވެ. ޔުނައިޓެޑުން މި ސީޒަނުގައި އޮނާނާ، 27، ގެ ސޮއި ހޯދީ 47 މިލިއަން ޕައުންޑަށެވެ.
ނައިޖީރިއާ ގައުމީ ޓީމުގެ ގޯލްކީޕަރު މި ސީޒަނުގައި ބެލެހެއްޓި 11 މެޗުގައި ގޯލެއް ނުވަދެ ނިމުނީ ތިން މެޗުގަ އެވެ. މެޗުތަކުގައި އޮނާނާ ހަދާ ބޮޑެތި ގޯސްތަކާ އެކު އޭނާއަކީ މިހާރު އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ގޯލްކީޕަރެވެ.
“ޔުނައިޓެޑަށް ކުޅުނު ޝްމައިކަލް އާއި ޑެހެއާގެ ފެށުން ވެސް ރަނގަޅެއް ނޫން. އޮނާނާ އަށް އެ ތަޖުރިބާއިން ދަސްކޮށްގެން ރަނގަޅުކުރެވޭނެ” އޮނާނާ އަށް އަންނަ ޕްރެޝަރާ ގުޅޭގޮތުން ޓެން ހާގް ބުންޏެވެ.
ޔުނައިޓެން އެންމެ ފަހުން އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑް އަތުން ފަހު ވަގުތު މޮޅުވި މެޗުގައި އޮނާނާ ކޮޅަށް ވަނީ ވަރަށް އާދައިގެ ގޯލެކެވެ. ޓެން ހާގް ވެސް ވަނީ އޮނާނާގެ ފަރާތުން ފެންނަ ކުޅުން ދަށްކަމަށް އެއްބަސްވެފަ އެވެ.
“ޕްރިމިއާ ލީގަށް އަންނަ ކޮންމެ ކުޅުންތެރިއަކު ވެސް ހަމައަކަށް އެޅެން ވަގުތު ބޭނުންވާނެ. އަހަރެންނަށް ޔަގީން އޮނާނާ އަދި ރަނގަޅުކުރާނެކަން” އޮނާނާ އަށް އިތުބާރު އޮތްކަން ހާމަކުރަމުން ޓެން ހާގް ބުންޏެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ އަށް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ޔުނައިޓެޑް އޮތީ 10 ވަނައިގަ އެވެ. ލީގުގައި އެޓީމު މިރޭ ރަށުން ބޭރުގައި ނުކުންނާނީ ޝެފީލްޑް ޔުނައިޓެޑާ ދެކޮޅަށެވެ. އެ މެޗު ފަށާނީ ދަންވަރު 12 ޖަހާއިރު އެވެ.