ފުރަތަމަ ސަފްޙާ / ޚަބަރު / އާޓެޓާގެ ހިތުގައި ޕޮޗެޓީނޯ އަށް އޮތީ ހިފެހެއްޓުމެއް ލޯތްބާއި އިހުތިރާމް

އާޓެޓާގެ ހިތުގައި ޕޮޗެޓީނޯ އަށް އޮތީ ހިފެހެއްޓުމެއް ލޯތްބާއި އިހުތިރާމް

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 20 އޮކްޓޫބަރު 2023

ލަންޑަން (އޮކްޓޫބަރ 20) – ފުޓްބޯޅަ ކެރިއަރުގެ ކުރީކޮޅު ޗެލްސީގެ މިހާރުގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯގެ ފަރާތުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށާއި ޕޮޗެޓީނޯ އަކީ އޭނާގެ ކެރިއަރުގައި އެންމެ ނުފޫޒު ގަދަ އެކަކު ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި މާދަމާރޭ އާސެނަލް އާއި ދެކޮޅަށް އަމިއްލަ ދަނޑުގައި ޗެލްސީ ނުކުންނާނެ އެވެ. އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާޓެޓާ، 41، ވަނީ އޭނާގެ ކެރިއަރުގައި ޕޮޗެޓީނޯ އަދާކޮށްދިން ދައުރު ފާހަގަކޮށްފަ އެވެ.

ބާސެލޯނާގެ ޔޫތު ޓީމަށް ކުޅުމަށް ފަހު އާޓެޓާ ލޯނު އުސޫލުން 2001 ވަނަ އަހަރު ޕީއެސްޖީ އަށް ބަދަލުވިއިރު ޕޮޗެޓީނޯ އަކީ އޭރު ޕީއެސްޖީ ޓީމުގެ މުހިއްމު ޑިފެންޑަރެކެވެ.

“ކުޅުންތެރިއެއްގެ ގޮތުގައި ހުރިއިރު ޕޮޗެޓީނޯ އަކީ އަހަރެންގެ ކެރިއަރުގައި އެންމެ ނުޒޫފުގަދަ އެކަކު. ޕޮޗެޓީނޯ އަހަރެންނަށް ދިން އެހީތެރިކަމަކީ ޕެރިހުގައި އަހަރެންގެ ކާމިޔާބީގެ ބޮޑު ސަބަބެއް” އާޖެންޓީނާ އަށް އުފަން ޕޮޗެޓީނޯއާ ގުޅޭގޮތުން އާޓެޓާ ބުންޏެވެ.

ޕީއެސްޖީގައި ލޯނު އުސޫލުން އެއް ސީޒަން ކުޅުމަށް ފަހު އާޓެޓާ ޖެހިގެން އައި ސީޒަނުގައި ބަދަލުވީ ރޭންޖާސް އަށެވެ. އޭގެފަހުން ރެއާލް ސޮސިއެޑާޑްގެ އިތުރުން އެވަޓަން އަދި އާސެނަލް އަށް ކުޅުނެވެ.

“ހަމައެކަނި ކުޅުންތެރިއެއްގެ ގޮތުގައެއް ނޫން. ކޯޗެއްގެ ގޮތުގައި ވެސް ޕޮޗެޓީނޯ އަކީ ރޯލް މޮޑެލްއެއް. ޕޮޗެޓީނޯ އަހަރެންނަށް ކޮށްދިން ކަންތައްތަކަށް އަބަދުވެސް ޝުކުރުވެރިވާނަން” ކޯޗެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ޕޮޗެޓީނޯއާ ދެކޮޅަށް ނުކުތުމުގެ ކުރިން އާޓެޓާ ބުންޏެވެ.

ޕޮޗެޓީނޯ އަށް ވުރެ 10 އަހަރު ހަގު އާޓެޓާ އާސެނަލްގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރު އެވެ. އޭގެކުރިން މެންޗެސްޓާ ސިޓީގައި ޕެޕް ގާޑިއޯލާގެ އެސިސްޓެންޓަކަށް މަސައްކަތްކުރި އެވެ.

ޕޮޗެޓީނޯ ކޯޗިން ކެރިއަރު ފެށީ 2009 ވަނަ އަހަރު އެސްޕަންޔޯލް އިންނެވެ. އޭގެފަހުން ސައުތެމްޓަނާއި ޓޮޓެންހަމް ހޮޓްސްޕާ އަދި ޕީއެސްޖީގެ ކޯޗުކަން ޕޮޗެޓީނޯ ކުރި އެވެ.

ޕްރިމިއާ ލީގުގައި ޗެލްސީއާ ދެކޮޅަށް ނުކުންނައިރު އާސެނަލް އޮތީ އެއް ވަނައިގައި އޮތް ޓޮޓެންހަމްއާ ޕޮއިންޓުގެ ގޮތުން އެއްވަރުކޮށެވެ. ޓޮޓެންހަމް އެއް ވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ.

ޗެލްސީ މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން މެންޗެސްޓާ ސިޓީއާ ދެކޮޅަށް ނުކުޅެވުނު ބުކަޔޯ ސަކާ ވަނީ ފިޓްވެފަ އެވެ. ލީގުގައި މިހާތަނަށް ހަތަރު ގޯލު ޖަހައިފައިވާ ސަކާ ޗެލްސީއާ ދެކޮޅަށް ކުޅޭނެކަމުގެ އިޝާރާތެއް އާޓެޓާ ވަނީ ދީފަ އެވެ.

ޗެލްސީ ދަނޑުގައި އާސެނަލްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ މާދަމާ ރޭ 9:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!