ފުރަތަމަ ސަފްޙާ / ޚަބަރު / މުޑްރިކާ މެދު ޗެލްސީ އިން ކެތްތެރިވާންޖެހޭ: ޝެވްޗެންކޯ

މުޑްރިކާ މެދު ޗެލްސީ އިން ކެތްތެރިވާންޖެހޭ: ޝެވްޗެންކޯ

އެޑްމިން
އެޑްމިން
2 އަހަރު ކުރިން 24 މާރޗް 2023

މިދިޔަ ޖެނުއަރީ މަހު ބޮޑު އަގުގައި ޗެލްސީއާ ގުޅުނު މިކައިލޯ މުޑްރިކާ މެދު އެ ކްލަބުން ކެތްތެރިވާންޖެހޭ ކަމަށް އަންދްރޭ ޝެވްޗެންކޯ ބުނެފި އެވެ.

ޔޫކްރޭންގެ ޝަކްތާ ޑޮނެސްކަށް ކުޅުނު މުޑްރިކް ޗެލްސީ އަށް ބަދަލުވީ 89 މިލިއަން ޕައުންޑަށެވެ. މުޑްރިކް ޗެލްސީއާ ގުޅެން އެއްބަސްވީ އަށް އަހަރާއި ބައިގެ މުއްދަތަކަށެވެ.

22 އަހަރުގެ ވިންގް ޗެލްސީ އަށް ބަދަލުވެ މިހާތަނަށް ކުޅުނު ލީގު ހަ މެޗުގައި އަދި ގޯލެއް ނުޖެހެ އެވެ. ގޯލު ނުޖެހޭތީ މުޑްރިކަށް މިހާރު އަންނަނީ ފާޑުކިޔުން އަމާޒުވަމުންނެވެ. އެކަމަކު މުޑްރިކް ނިސްބަތްވާ ޔޫކްރޭންގެ ކުރީގެ ފޯވާޑް، އަދި ކުރިން ޗެލްސީ އަށް ކުޅުނު ޝެވްޗެންކޯ ބުނީ މުޑްރިކާ މެދު ޗެލްސީ އިން ކެތްތެރިވާންޖެހޭ ކަމަށެވެ.

“ޗެލްސީ އިން ގެނައީ ހުނަރުހުރި ޒުވާން ކުޅުންތެރިއެއް. އެއީ ކުރިމަގަށް ވިސްނައިގެން ޗެލްސީ އިން ގެނައި ކުޅުންތެރިއެއް. މިއީ މުޑްރިކް ފުޓްބޯޅަ ކެރިއަރުގެ ފެށުން” ޝެވްޗެންކޯ ބުންޏެވެ.

މުޑްރިކް މިހާރު ހުރީ ޔޫރޯ ކޮލިފައިންގައި ޔޫކްރޭން ތަމްސީލުކުރަން ގައުމީ ޓީމާ އެކު އެވެ. ޔޫރޯ ކޮލިފައިންގައި ޔޫކްރޭން ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.

“ޕްރިމިއާ ލީގުގައި ވަގުތުން ކުޅުންތެރިޔާ ތަފާތު ދައްކަންޖެހޭ. އެކަމަކު މީގަ ބަލަންވީ ކުރިއަށް އޮތް އަށް އަހަރު މުޑްރިކް ދައްކާ ކުޅުމަށް. މޮޅު ކުޅުން ދެއްކޭނެ ހުނަރު މުޑްރިކްގެ ކިބައިގައި އެބަހުރި” ޔޫކްރޭންގެ ކޯޗުކަން ވެސް ކޮށްފައިވާ ޝެވްޗެންކޯ ބުންޏެވެ.

ޔޫރަޕްގައި ވިދާލި ދުވަސްވަރު އޭސީ މިލާން ދޫކޮށް 2006 ވަނަ އަހަރު ޝެވްޗެންކޯ ޗެލްސީ އަށް ބަދަލުވެ ދެ ސީޒަން ހޭދަކުރި އެވެ. ޗެލްސީގައި ހޭދަކުރި މުއްދަތުގައި ޝެވްޗެންކޯ 22 ގޯލު ޖެހި އެވެ.

ފުޓްބޯޅަ ކުޅުން ހުއްޓާލުމަށް ފަހު 2016 އިން 2021 އަށް ޝެވްޗެންކޯ ވަނީ ޔޫކްރޭން ގައުމީ ޓީމަށް އިރުޝާދުދީފަ އެވެ. ޝެވްޗެންކޯގެ ކޯޗުކަމުގައި ޔޫކްރޭން ވަނީ ޔޫރޯ 2020 ގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ.

މުޑްރިކަށް ގައުމީ ޓީމުން ފުރުސަތު ލިބުނީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު އަށް މެޗުގައި މުޑްރިކަށް އަދި ގޯލެއް ނުޖެހެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!