އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ބަލިވާން ދަނިކޮށް، ފަހަތުން އަރައި ހަތަރު ގޯލު ޖަހައި މެންޗެސްޓާ ސިޓީ އިން ޓޮޓެންހަމް ހޮޓްސްޕާއާ ވާދަކުރި މެޗު 2-4 އިން ކާމިޔާބުކޮށްފި އެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނީ ޓޮޓެންހަމް ދެ ގޯލު ކުރީގައި އޮވެގެންނެވެ. 44 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ފުރަތަމަ ގޯލު ޖެހީ ޑެޔަން ކުލުސެވްސްކީ އެވެ. މި ހާފުގެ އިތުރު ވަގުތުގައި ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ އެމަސަން ރޯޔާލް އެވެ.
ދެވަނަ ހާފު ސިޓީ ފެށީ ވަރުގަދަކޮށެވެ. މި ހާފުގެ 51 ވަނަ މިނެޓުގައި ސިޓީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. އޭގެ ދެ މިނެޓު ފަހުން އާލިން ބްރައުޓް ހާލަންޑް ވަނީ ސިޓީ އަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. ސިޓީގެ މޮޅުވި ގޯލުތައް ކާމިޔާބުކޮށްދިނީ ރިޔާދު މާރޭޒް އެވެ. 63 ވަނަ މިނެޓުގައި މާރޭޒް ސިޓީގެ ތިންވަނަ ގޯލު ޖެހިއިރު އެޓީމުގެ ފަހު ގޯލު މާރޭޒް ޖެހީ 90 ވަނަ މިނެޓުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ސިޓީ ދެ ގޯލު ފަހަތުގައި އޮތުމާއި، ރެފްރީގެ ބައެއް ނިންމުންތަކާ ހެދި ދަނޑުގައި ތިބި ސިޓީގެ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އެކަމަކު ދެވަނަ ހާފުގައި މަންޒަރު ބަދަލުވުމުން ސަޕޯޓަރުންގެ ތަރުހީބު ޓީމަށް ލިބުނެވެ.
މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ ލީގުގެ ކުރީގައި އޮތް އާސެނަލް އަތުލަން ކުރާ މަސައްކަތުގައި ޓީމުގެ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ހިތްވަރު ބޭނުންވާނެ ކަމަށެވެ.
“ފުރަތަމަ މިނެޓުން ފެށިގެން މޮޅުވުމުގެ ރޫހު ޓީމުން ފެންނަން ޖެހޭ. ހަމަ އެގޮތަށް ސަޕޯޓަރުން ވެސް. އަހަރެން ބޭނުންވަނީ މުޅި ޓީމުން މިކަން ފެންނަން. ހަމައެކަނި ކުޅުންތެރިންނެއް ނޫން” ފުރަތަމަ ހާފުގައި ސިޓީގެ ސަޕޯޓަރުންގެ ނުރުހުން އަމާޒުވުމާ ގުޅިގެން ކުރި ސުވާލަށް ޖަވާބުދެމުން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާ ބުނީ އޭނާ ބޭނުންވަނީ ސަޕޯޓަރުން ދަނޑުގައި ތިބެގެން ދޭ ހިތްވަރާ އެކު ޓީމަށް އިތުބާރު ލިބެން ކަމަށެވެ.
“އަހަރެން ބޭނުން އާސެނަލް ބަލިކުރަން. އެކަމަކު އެގޮތަށް ކުޅެގެން އާސެނަލުން އަހަރެމެން ބަލިކުރާނެ” ފުރަތަމަ ހާފުގައި ފެނުނު ކުޅުމަށް އިޝާރަތް ކުރަމުން ގާޑިއޯލާ ބުންޏެވެ.
ގާޑިއޯލާގެ ކޯޗުކަމުގައި މިދިޔަ ދެ ސީޒަނުގައި ވެސް ޕްރިމިއާ ލީގު ކާމިޔާބުކުރީ ސިޓީ އެވެ. އެކަމަކު މިފަހަރު އެޓީމަށް އަދި އެއްވަނަ މަގާމުގައި ހަމަޖެހިލެވޭ ގޮތެއްނުވެ އެވެ. ލީގު ރޭހުގައި ސިޓީއާ އެކު އޮތީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އާސެނަލް އެވެ.
ރޭގެ މޮޅާ އެކު ސިޓީ ވަނީ އާސެނަލާ އޮތް ފަރަގު ފަސް ޕޮއިންޓަށް ކުޑަކޮށްފަ އެވެ. އާސެނަލް 47 ޕޮއިންޓް ހޯދާފައިވާއިރު ސިޓީ އަށް ލިބިފައިވަނީ 42 ޕޮއިންޓެވެ. އެކަމަކު އާސެނަލަށް ވުރެ ސިޓީ ވަނީ އެއް މެޗު އިތުރަށް ކުޅެފަ އެވެ.
ލީގުގެ ދެވަނަ ބުރާ ކުރިމަތިލާއިރު ސިޓީ އާއި އާސެނަލް ވާދަކުރާ ދެ މެޗު އަދި އެބައޮތެވެ.