ފުރަތަމަ ސަފްޙާ / ޚަބަރު / ހަނދާނީ ކެރިއަރަކަށް ފަހު ބޭލް ފުޓުބޯޅައާ ދުރަށް

ހަނދާނީ ކެރިއަރަކަށް ފަހު ބޭލް ފުޓުބޯޅައާ ދުރަށް

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 10 ޖެނުއަރީ 2023

ވޭލްސްގެ ފުޓްބޯޅަ ލެޖެންޑް އުމުރުން 33 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކޮށްފި އެވެ.

ވޭލްސްގެ ކާޑިފްއަށް އުފަން ބޭލްގެ ފުޓުބޯޅަ ކެރިއަރު ފެށީ އުމުރުން   އެންމެ 16 އަހަރުގައި ސައުތެމްޕްޓަންގަ އެވެ. އޭނާ ސައުތެމްޕްޓަންއަށް ކުޅެން ފެށީ 2006 ވަނަ އަހަރު އެވެ.

އެ ޓީމުގައި އެއް އަހަރު ހޭދަކުރުމަށް ފަހު 2007 ގައި ޓޮޓެންހަމް ހޮޓްސްޕާ އަށް ބަދަލުވި އެވެ. ސްޕާސްގައި ހޭދަކުރި ދުވަސްވަރު ދެ ފަހަރެއްގެ މަތިން ޕްރިމިއާ ލީގުގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމް ބޭލް ވަނީ ހާސިލް ކޮށްފަ އެވެ. ހަ ސްޕާސްގައި ހޭދަކުރުމަށް ފަހު 2013 ގައި އޭރު ދުނިޔޭގެ ރެކޯޑް އަގަކަށް ބޭލް ބަދަލުވީ ރެއާލް މެޑްރިޑަށެވެ.

ކެރިއަރުގައި ބޭލް އެންމެ ކާމިޔާބު ދުވަސްތައް ހޭދަކުރީ ރެއާލްގަ އެވެ. އެގޮތުން އޭނާ ވަނީ ފަސް ޗެމްޕިއަންސް ލީގު ރެއާލް މެޑްރިޑްއާ އެކު ކާމިޔާބު ކޮށްފަ އެވެ. މި ފަސް ޗެމްޕިއަންސް ލީގުގެ ތެރެއިން ދެ ފައިނަލެއްގައި އޭނާ ވަނީ ލަނޑު ޖަހާފަ އެވެ. މީގެ އިތުރުން ޔޫރަޕިއަން ސުޕަ ކަޕާއި، ސްޕެނިޝް ލީގާއި، އަދި ސްޕެނިޝް ސުޕަ ކަޕް އޭނާ ވަނީ ތިން ފަހަރަށް ކާމިޔާބު ކޮށްފަ އެވެ. އަދި ސްޕެނިޝް ކަޕް ވެސް ކާމިޔާބުކުރި އެވެ.

ރެއާލްގައި ކާމިޔާބު ނުވަ އަހަރުގެ މުއްދަތަކަށް ފަހު ލޯނަކަށް އަނެއްކާވެސް ބޭލް މިސްރާބު ޖެހީ ސްޕާސް އަށެވެ.

ލޯނުގެ އެއް އަހަރު ސްޕާސްގައި ނިންމައި، ބޭލްގެ ކްލަބް ފުޓުބޯޅައިގެ ހަޔާތައް ނިމުމެއް ގެނައީ އެމެރިކާގެ ޓީމު ލޮސް އެންޖެލެސްގައި ކުޅެމުންނެވެ.

ވޭލްސްގެ ގައުމީ ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދައި، 2016 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ކުޅެ ވޭލްސް ސެމީ ފައިނަލަށް ގެންދިޔުމުގައި ބޭލް މުހިއްމު ދައުރެއް އަދާ ކުރި އެވެ. މީގެ އިތުރުން 64 އަހަރަށް ފަހު މިދިޔަ އަހަރު ބޭއްވުނު ފީފާ ވޯލްޑް ކަޕަށް ވޭލްސް ކޮލިފައި ކޮށްދިނުމުގައި ވެސް އޭނާގެ ރޯލު ވަރަށް ބޮޑެވެ. ވޭލްސްގައި ބޭލް ކުޅުނު 111 މެޗުން އޭނާ 41 ގޯލު ޖަހާފައިވެ އެވެ.

“ވަރަށް ފުން ވިސްނުން ތަކަކަށް ފަހު ކުލަބް އަދި ގައުމީ ފުޓުބޯޅައިން އަހަރެންގެ ރިޓަޔާމެންޓް އިއުލާން ކޮށްފިން” ލޮސް އެންޖެލެސްގެ ފޯވާޑް، ބޭލްގެ މެސެޖުގައި ބުންޏެވެ.

ބޭލް ބުނީ ފުޓްބޯޅަ ކުޅެން ހުއްޓާލަން ނިންމުމަކީ އޭނާ އަށް ވަރަށް އުނދަގޫވި ނިންމުމެއް ކަމަށާއި، ފުޓްބޯޅައިން އޭނާގެ ހަޔާތަށް އުފާވެރި އެތައް ހަނދާންތަކެއް ގެނުވި ކަމަށެވެ.

ކާމިޔާބު 17 އަހަރަށް ފަހު ބޭލް ފުޓްބޯޅަ ކުޅުން ހުއްޓާލުމުން ފުޓްބޯޅައިގެ ކުރީގެ ކުޅުންތެރިންނާއި މިހާރު ތަރިން އަންނަނީ ބޭލް އެކި މެސެޖުތައް ފޯރުކޮށްދެމުންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!