އާ އަހަރު ޗެލްސީ އިން ކުޅުނު ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ރޭ ނޮޓިންހަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރު ވެއްޖެ އެވެ.
ފަހަކަށް އައިސް ނަތީޖާ ދަށްވެފައިވާ ޗެލްސީ އިން އަމާޒުހިފީ އާއަހަރުގެ ފުރަތަމަ މެޗުން މޮޅުވެ ގަދަ ހަތަރަކާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު ކުޑަކުރުމަށެވެ. މެޗުން ލިބުނު ޕޮއިންޓާ އެކު ޗެލްސީ އޮތީ ލީގުގެ އަށް ވަނައިގަ އެވެ. 16 މެޗުން އެޓީމަށް ލިބިފައިވަނީ 25 ޕޮއިންޓެވެ. ޗެލްސީއާ ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑާ ދެމެދު ހަތް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.
މެޗު ފަށައިގެން 16 ވަނަ މިނެޓުގައި ރަހީމް ސްޓާލިންގެ ގޯލުން ޗެލްސީ ވަނީ ލީޑު ނަގައިފަ އެވެ. ނޮޓިންހަމްގެ ވިލީ ބޮލީ އަށް ސާފުނުކޮށްލެވުނު ބޯޅަ ސްޓާލިން އަށް ލިބުމުން ގޯލަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ.
ދެވަނަ ހާފު ވަރުގަދަކޮށް ފަށައި ނޮޓިންހަމުން ވަނީ ޗެލްސީގެ ގޯލަށް ނުރައްކާކޮށްފަ އެވެ. އެޓީމުން ނަތީޖާ ހަމަހަމަ ކުރުމުގެ ކުރިން މޯގަން ގިބްސް-ވައިޓް ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑި އަށް އަމާޒުވި އެވެ. އޭގެ އިރުކޮޅެއް ފަހުން 63 ވަނަ މިނެޓުގައި ސާޖް އޮރިއޭގެ ގޯލުން ނޮޓިންހަމް ނަތީޖާ ހަމަހަމަކުރި އެވެ. މިއީ ބޮލީ ޖައްސާލި ބޯޅަ އޭރިޔާ ތެރެއިން ކޮންޓްރޯލް ކުރުމަށް ފަހު އޮރިއޭ ވައްދާލި ގޯލެކެވެ.
މި ސީޒަނުގެ ކުރީކޮޅު ޗެލްސީގެ ނަތީޖާތައް ދަށްވުމުން ތޯމަސް ޓުކެލް ވަކިކުރުމަށް ފަހު މިހާރުގެ ކޯޗު ގްރަހަމް ޕޮޓައާ އެ ޒިންމާ ހަވާލުކުރީ ސެޕްޓެމްބަރު އަށް ވަނަ ދުވަހު އެވެ. ބްރައިޓަންގައި ރަނގަޅު ނަތީޖާތަކެއް ނެރުނު ނަމަވެސް ޕޮޓާގެ ކޯޗުކަމުގައި ޗެލްސީގެ ނަތީޖާތައް ދަށެވެ. އެންމެ ފަހުން ޕްރިމިއާ ލީގުގައި ކުޅުނު 10 މެޗުގައި ޗެލްސީ އަށް ލިބުނީ އެންމެ 15 ޕޮއިންޓެވެ. ހުރިހާ މުބާރާތެއްގައި ޗެލްސީ އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވީ އެންމެ މެޗަކުންނެވެ. ނޮޓިންހަމް އަތުން އެއްވަރުވުމާ އެކު ޕޮޓާ އަށް މިހާރު ވަނީ ޕްރެޝަރުވެފަ އެވެ.
ޗެލްސީ އަތުން ޕޮއިންޓެއް ހޯދައި ނޮޓިންހަމް މިހާރު އޮތީ 14 ޕޮއިންޓާ އެކު 18 ވަނައިގަ އެވެ. 17 ވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑަށް ވެސް ލިބިފައިވަނީ 14 ޕޮއިންޓެވެ. ނޮޓިންހަމް 18 ވަނައިގައި އޮތީ ގެއްލުން ގޯލު ގިނަވުމުންނެވެ.
ލީގުގައި ޓޮޓެންހަމް ހޮޓްސްޕާ ވަނީ ރޭ އަމިއްލަ ދަނޑުގައި އެސްޓަން ވިލާ އަތުން 2-0 އިން ބަލިވެފަ އެވެ. މެޗުގައި އެސްޓަން ވިލާގެ ގޯލުތައް ކާމިޔާބުކޮށްދިނީ އެމިލިއާނޯ ބުއެންޑިއާ އާއި ޑަގްލަސް ލުއިޒް އެވެ.
ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތީ 43 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ. ދެ ވަނައިގައި އޮތް މެންޗެސްޓާ ސިޓީ އަށް ލިބިފައިވަނީ 36 ޕޮއިންޓެވެ. ނިއުކާސަލް ޔުނައިޓެޑް 34 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތްއިރު ހަތަރު ވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. 30 ޕޮއިންޓް ލިބިފައިވާ ޓޮޓެންހަމް މިހާރު ވަނީ ފަސް ވަނަ އަށް ވެއްޓިފަ އެވެ.