ފުރަތަމަ ސަފްޙާ / ޚަބަރު / ޕެލެސް ބަލިކޮށް އާސެނަލުން އުއްމީދާ އެކު ސީޒަން ފަށައިފި

ޕެލެސް ބަލިކޮށް އާސެނަލުން އުއްމީދާ އެކު ސީޒަން ފަށައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 6 އޮގަސްޓް 2022

އިނގިރޭސި ޕްރިމިއާ ލީގުގެ ކުޅުން ރޭ ފެށިއިރު، ފުރަތަމަ މެޗުގައި އާސެނަލުން ރަށުން ބޭރުގައި 2-0 އިން ކްރިސްޓަލް ޕެލެސް ބަލިކޮށްފި އެވެ.

ޕްރީ ސީޒަނުގައި މޮޅު ކުޅުމެއް ދައްކައި އާ ސީޒަނާ އާސެނަލް ކުރިމަތިލީ އިތުބާރާ އެކު އެވެ. އެޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއެކު ޕްރީ ސީޒަނުގައި ކޯޗު މިކެލް އާޓެޓާ ވަނީ ވަރުގަދަ ޓީމެއް އެކުލަވާލާފަ އެވެ.

ރޭގެ މެޗުގެ 20 ވަނަ މިނެޓުގައި އާސެނަލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ގެބްރިއެލް މާޓިނެލީ އެވެ. މިއީ މެންޗެސްޓަރ ސިޓީ އިން އާސެނަލާ ގުޅުނު އޮލެކްސަންޑަ ޒިންޗެންކޯގެ އެހީތެރިކަމާ އެކު ބޮލުން މާޓިނެލީ ޖެހި ލަނޑެކެވެ. އާސެނަލްގެ ދެ ވަނަ ލަނޑަކީ މެޗު ނިމެން ފަސް މިނެޓަށް ވެފައިވަނިކޮށް ޕެލެސްގެ މާކް ގުއެހީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އާސެނަލްގެ ބުކާޔޯ ސަކާ ނަގައިދިން ހުރަސް ގޯލަށް ވަނީ ގުއެހީގެ ބޮލުގައި ޖެހިފަ އެވެ. މެޗުގައި ޕެލެސް އިން އުފެއްދި ނުރައްކާތެރި ދެ ހަމަލާއެއް އާސެނަލްގެ ގޯލްކީޕަރު އާރޮން ރަމްސްޑޭލް ވަނީ މަތަކޮށްފަ އެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު އާޓެޓާ ބުނީ އެޓީމުގެ ކުޅުންތެރިން ތިބީ މޮޅަކުން ސީޒަން ފަށަން ވަރަށް ބޭނުންވެފައި ކަމަށެވެ. އަދި އެޓީމު މޮޅަށް ކުޅުނު ކަމަށާއި ޕްރެޝަރުވި ވަގުތުތަކުގައި ބޭނުންވި ގޮތަށް ޑިފެންސް ކުރިކަމަށް އާޓެޓާ ބުނެފައިވެ އެވެ.

ލީގުގައި މިއަދު ހަވީރު 4:30 ގައި ކުޅޭ މެޗުގައި ރަށުން ބޭރުގައި ލިވަޕޫލް ނުކުންނާނީ އަލަށް ޕްރޮމޯޓްވި ފުލަމްއާ ދެކޮޅަށެވެ. މިރޭ 7 ޖަހާއިރު ޓޮޓެންހަމް ހޮޓްސްޕާސް އާއި ސައުތެމްޓަން ވާދަކުރާއިރު 9:30 ގައި ފަށާ މެޗުގައި އެވަޓަން ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!