ފުރަތަމަ ސަފްޙާ / ޚަބަރު / ގޯލު ޖަހަން ގެނައި ވާނާ ޗެލްސީ އިން ދޫކޮށްލަނީ

ގޯލު ޖަހަން ގެނައި ވާނާ ޗެލްސީ އިން ދޫކޮށްލަނީ

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 2 އޮގަސްޓް 2022

ޗެލްސީ އިން 2020 ވަނަ އަހަރު 47 މިލިއަން ޕައުންޑަށް ގެނައި ޖަރުމަނުގެ ފޯވާޑް ޓީމޯ ވާނާ، އެޓީމާ ގުޅުނުތާ ދެ އަހަރު ފަހުން ލޯނު އުސޫލުން ދޫކޮށްލުމުގެ މަސައްކަތް ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުން ޗެލްސީން ލޯނު އުސޫލުން ވާނާ ދޫކޮށްލަން މަސައްކަތްކުރަނީ ވާނާގެ ކުރީގެ ކްލަބް ޖަރުމަނުގެ އާރުބީ ލައިޕްޒިގަށެވެ. އުމުރުން 26 އަހަރުގެ ވާނާ ލައިޕްޒިގުން ޗެލްސީއާ ގުޅުނުއިރު އޭނާއަކީ އޭރު ޔޫރަޕްގައި އެންމެ ވިދުންގަދަ އެއް ފޯވާޑެވެ. އެކަމަކު ޗެލްސީގައި ހޭދަކުރި ދެ ސީޒަނުގައި ޕްރިމިއާ ލީގުގައި ކުޅުނު 56 މެޗުގައި ވާނާ އަށް ޖެހުނީ އެންމެ 10 ގޯލެވެ. ވާނާ ދޫކޮށްލުމުގެ މަޝްވަރާ ޗެލްސީން ފެށިއިރު މިދިޔަ ސީޒަނުގައި ބޮޑުއަގުގައި އެޓީމަށް ގެނައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އަށް ކުޅުން ނުދެއްކުމުން މިހާރު ވަނީ ލޯނު އުސޫލުން އިންޓަ މިލާނަށް ދޫކޮށްލާފަ އެވެ.

އާ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޗެލްސީން އަންނަނީ އެޓީމުގެ ސްކޮޑް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެޓީމަށް ގެނައި އެންމެ މަޝްހޫރު ނަމަކީ މެންޗެސްޓަރ ސިޓީގައި މޮޅު ކުޅުމެއް ދެއްކި ރަހީމް ސްޓާލިން އެވެ. އޭގެފަހުން އެޓީމުން ފާރަލި ގިނަ ކުޅުންތެރިންގެ ސޮއި ހޯދޭގޮތެއް ނުވި އެވެ.

ވާނާ ޗެލްސީއާ އެކު ހަދާފައިވާ ފަސް އަހަރު ދުވަހުގެ އެއްބަސްވުން ހަމަވާނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. މުސާރައިގެ ގޮތުގައި ޗެލްސީން ވާނާ އަށް ހަފްތާއަކު 272000 ޕައުންޑް ދޭއިރު އެއީ އަހަރެއްގެ މައްޗަށް 14.1 މިލިއަން ޕައުންޑެވެ.

ވާނާ ދޫކޮށްލާއިރު ޗެލްސީއަށް ދިމާވާނެ އެންމެ ބޮޑު މައްސަލައަކީ ވާނާގެ މުސާރައިގެ މައްސަލައެވެ. ލޯނު އުސޫލުން ލައިޕްޒިގަށް ދާނަމަ ވާނާ ޖެހޭނީ އޭނާގެ މުސާރަ ކުޑަކުރާށެވެ. އެގޮތަށް އެއްބަސްނުވެއްޖެ ނަމަ ޗެލްސީން ވާނާގެ މުސާރައިގެ އެއްބައި ދައްކަން ޖެހޭނެ އެވެ.

ޗެލްސީން އެމެރިކާގައި ކުރިއަށްގެންދިޔަ ޕްރީ ސީޒަނުގައި ވާނާ ވަނީ ޗެލްސީ ދޫކޮށްލާނެކަމުގެ އިޝާރާތެއް ދީފަ އެވެ. ވާނާގެ ކޮމެންޓާ ގުޅޭގޮތުން ޗެލްސީގެ ކޯޗު ތޯމަސް ޓުކެލް ބުނީ ޗެލްސީއާ އެކު އެއްބަސްވުމެއް އޮތުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

ވާނާގެ ސޮއި ހޯދުމުގެ ރޭހުގައި ދެން މަސައްކަތްކުރަނީ މުއްސަނދި ނިއުކާސަލް ޔުނައިޓެޑް އެވެ. އެކަމަކު ވާނާގެ މުސާރަ މާ ބޮޑުވުމުން އެ ޑީލް ކުރިއަށް ގެންދަން ނިއުކާސަލުން މިހާރު ވަނީ މަޑުޖައްސާލާފަ އެވެ.

ވަރުގަދަ ޓީމެއް ބިނާކުރުމުގެ މަސައްކަތް ފަށާފައިވާ ނިއުކާސަލުން އަންނަނީ އެޓޭކިން ދެ ކުޅުންތެރިން ސްކޮޑަށް އިތުރު ކުރުމަށް މަސައްކަތްކުރަމުންނެވެ. އެޓީމުން އެންމެ ބޮޑަށް ފާރަލަނީ ލެސްޓާ ސިޓީގެ ޖޭމްސް މެޑިސަން ގެންދިއުމަށެވެ. އެކަމަކު ނިއުކާސަލުން ހުށަހެޅި ދެ ބިޑަށް ވެސް ލެސްޓާ އިން ވަނީ ނޫނެކޭ ބުނެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!