ފުރަތަމަ ސަފްޙާ / ޚަބަރު / ސުވާލު ގިނަ ނުކުރޭ، މާދަމާ ރަސްގެފާނު ފެންނާނެ: ރޮނާލްޑޯ

ސުވާލު ގިނަ ނުކުރޭ، މާދަމާ ރަސްގެފާނު ފެންނާނެ: ރޮނާލްޑޯ

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 30 ޖުލައި 2022

މާދަމާ މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ސްޕެއިންގެ ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގައި އޭނާ ފެންނާނެ ކަމަށް، ޔުނައިޓެޑް ދޫކޮށްލަން ވިސްނަމުން އަންނަ ކްރިސްޓިއާނޯ ރޮނާލްޑޯ ބުނެފި އެވެ.

ދެ ވަނަ ފަހަރަށް މިދިޔަ ސީޒަނުގައި ޔުނައިޓެޑާ ގުޅުނު ރޮނާލްޑޯ ވަނީ ކްލަބް ދޫކޮށްލަން ބޭނުންވާކަން ޔުނައިޓެޑަށް އަންގާފަ އެވެ. މިދިޔަ ސީޒަނުގައި ޔުނައިޓެޑުން ރޮނާލްޑޯ ގެނައީ ދެ އަހަރުގެ ދުވަހުގެ އެއްބަސްވުމެއްގަ އެވެ. ޔުނައިޓެޑުން ބޭނުންނަމަ އިތުރު އަހަރަކަށް ރޮނާލްޑޯގެ އެއްބަސްވުން އާކުރެވޭނެ އެވެ. އާ ސީޒަނަށް ތައްޔާރުވާން ޔުނައިޓެޑުން ތައިލެންޑާއި އޮސްޓްރޭލިއާގައި ކުރި ކޭމްޕްގައި އަމިއްލަ ސަބަބުތަކާ ގުޅިގެން ރޮނާލްޑޯ ބައިވެރިވެފައެއް ނުވެ އެވެ. ޔުނައިޓެޑުން ބުނީ ރޮނާލްޑޯ ކޭމްޕްގައި ބައިވެރިނުވީ “އާއިލީ” ސަބަބުތަކާއި ގުޅިގެން ކަމަށެވެ.

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާއިރު، އޭނާގެ އޭޖެންޓް ދިޔައީ މަޝްހޫރު ބައެއް ކްލަބްތަކާ މަޝްވަރާކުރަމުންނެވެ. އެކަމަކު އުމުރުން 37 އަހަރުގެ ފޯވާޑަށް އަދި ކްލަބް ބަދަލުކުރެވޭ ގޮތެއްނުވެ އެވެ. ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ޗެލްސީ، ބަޔާން މިއުނިކް ނުވަތަ އެތުލެޓިކޯ މެޑްރިޑޯ ގުޅޭނެ ވާހަކަތައް ދެކެވުނެވެ.

ރޮނާލްޑޯ މިދިޔަ އަންގާރަ ދުވަހު ޔުނައިޓެޑްގެ ފަރިތަކުރުންތަކާ ގުޅިފައިވާއިރު، އެޓީމުން ޕްރީ ސީޒަނުގައި ކުޅުނު އެއްވެސް މެޗެއްގައި ފެނިފައެއްނުވެ އެވެ. ނޯވޭގެ އޮލްސޯގައި ޔުނައިޓެޑް މިއަދު ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެކަމަކު އެ މެޗަށް ޔުނައިޓެޑުން އެކުލަވާލި 21 ކުޅުންތެރިންގެ ލިސްޓުގައި ރޮނާލްޑޯގެ ނަމެއް ނެތެވެ. ރޮނާލްޑޯ އެތުލެޓިކޯ މެޑްރިޑް މެޗަށް ނެގި ސްކޮޑުގައި ނެތުމުން އިންސްޓަގްރާމް ޕޯސްޓަކަށް ކުރި ކޮމެންޓެއްގައި އޭނާ ބުނީ “އާދީއްތަ ދުވަހު ރަސްގެފާނެ ކުޅޭނެ” ކަމަށެވެ.

މިއަދު މެޗަށް ޔުނައިޓެޑުން ނެގި ސްކޮޑުގައި އެޓީމާ އަލަށް ގުޅުނު އާޖެންޓީނާގެ ޑިފެންޑަރު ލިސަންޑްރޯ މާޓީނޭޒް އާއި ޑެންމާކްގެ ކްރިސްޓިއަން އެރިކްސެން ވަނީ ހިމަނާފަ އެވެ.

ރޮނާލްޑޯ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާ މައިގަނޑު ސަބަބަކީ އާ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމު ނެތުމެވެ. ލީގުގެ ހަ ވަނަ ލިބުމުން އާ ސީޒަނުގައި ޔުނައިޓެޑް ވާދަކުރާނީ ޔޫރޮޕާ ލީގުގަ އެވެ. ރޮނާލްޑޯ ކްލަބް ދޫކޮށްލަން އެދުނު ނަމަވެސް ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހާގް ބުނީ ރޮނާލްޑޯ ދޫކޮށްލަން ބޭނުންނުވާ ކަމަށާއި، އޭނާގެ ޕްލޭންގައި ރޮނާލްޑޯ ހިމެނޭ ކަމަށެވެ.

ރޮނާލްޑޯއާ ގުޅޭގޮތުން މީޑިއާތަކުގައި ގެނެސްދޭ ވާހަކަތަކާއި ގުޅޭގޮތުން އޭނާ ވަނީ ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. މިދިޔަ ހަފްތާތަކުގައި މީޑިއާގައި އެންމެ ބޮޑަށް ދެކެވުނީ ރޮނާލްޑޯގެ ޓްރާންސްފާގެ ވާހަކަ އެވެ. އެ ވާހަކަތަކަށް އިޝާރަތް ކުރަމުން ރޮނާލްޑޯ ބުނީ އޭނާއާ ގުޅޭގޮތުން ވާހަކަނުދައްކާ ހުރެފިނަމަ މީޑިއާތަކަށް ފައިސާ ނުލިބޭ ކަމަށާއި، ދޮގުހަދައިގެން ވެސް މީޑިއާތަކަށް މުހިއްމުވާނީ ސަމާލުކަން ހޯދުން ކަމަށެވެ.

“ތިގޮތަށް ކުރިއަށް ގޮސްގެން ކޮންމެވެސް އެއް ދުވަހަކުން ތެދު ހަބަރެއް ލިޔެވިދާނެ” ގަދަ ރުޅީގައި ހުރި ރޮނާލްޑޯ ބުނެފައިވެ އެވެ.

އިނގިރޭސި ފުޓްބޯޅަ ސީޒަން މިރޭ ފަށާނީ އެފްއޭ ކޮމިއުނިޓީ ޝީލްޑްގައި ލިވަޕޫލާ މެންޗެސްޓަރ ސިޓީ ވާދަކުރާ މެޗުންނެވެ. ޕްރިމިއާ ލީގުގެ ކުޅުން އަންނަ ހުކުރު ދުވަހުގެ ރޭ ފަށާއިރު، ލީގުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ ހަތް ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!