އިންޑިއާގައި މިހާރު ކުރިއަށްދާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި އިއްޔެ ބަންގްލަދޭޝް އަތުން 4-1 އިން ބަލިވެ ރާއްޖޭގެ ޒުވާން ޓީމަށް ފައިނަލުގެ އުއްމީދު ގެއްލިއްޖެ އެވެ.
މިފަހަރުގެ މުބާރާތަށް ރާއްޖެ ދިޔައީ ފައިނަލުގެ ޖާގައަކަށް އުއްމީދުކޮށްގެންނެވެ. އެކަމަކު ފުރަތަމަ މެޗުގައި ނޭޕާލް އަތުން 4-0 އިން ބަލިވިއިރު އިއްޔެ ބަންގްލަދޭޝް އަތުން ވެސް ބަލިވުމުން އެ ފުރުސަތު ގެއްލުނީ އެވެ. ރާއްޖެ އަށް ބާކީ އޮތީ އިންޑިއާ އާއި ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުތަކެވެ.
މުބާރާތުގެ ފައިނަލަށް ދަތުރުކުރާނީ ލީގު އުސޫލުން އެއް ބުރު ކުޅެ އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމެވެ. މިވަގުތު އެއް ވަނައިގައި އޮތް ބަންގްލަދޭޝް ވަނީ ތިން މެޗުން މޮޅުވެ ނުވަ ޕޮއިންޓް ހޯދާފަ އެވެ. ލަންކާ އަތުން 1-0 އިން މޮޅުވިއިރު ވަރުގަދަ އިންޑިއާ އަތުން ބަންގްލަދޭޝް މޮޅުވީ 2-1 އިންނެވެ. ދެ ވަނައިގައި އޮތީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާ ނޭޕާލް އެވެ. ނޭޕާލުން އިއްޔެ ވަނީ 3-0 އިން ލަންކާ ބަލިކޮށްފަ އެވެ. އިންޑިއާ ތިން ވަނައިގައި އޮތީ ދެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު އެވެ. އިންޑިއާ މޮޅުވީ ލަންކާއާ ދެކޮޅަށް ކުޅުނު މެޗުން 4-0 އިންނެވެ. ހަތަރު ވަނައިގައި ދެ މެޗުން ބަލިވި ރާއްޖެ އޮތްއިރު ފުލުގައި އޮތް ލަންކާ ވަނީ ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
ރާއްޖެ އަށް ބާކީ އޮތީ ލަންކާ މެޗާއި އިންޑިއާ މެޗެވެ. މި ދެމެޗުން މޮޅުވެގެން ވެސް ރާއްޖެ އަށް ލިބޭނީ ހަ ޕޮއިންޓެވެ. ފައިނަލުގެ ޖާގަ މިހާރު އެންމެ ބޮޑީ ބަންގްލަދޭޝް އަށެވެ. ފަހު މެޗުގައި އަންނަ އަންގާރަ ދުވަހު ނޭޕާލްއާ އެއްވަރުކޮށްލައިގެން ވެސް ބަންގްލަދޭޝް އަށް ފައިނަލުގެ ޖާގައެއް ކަށަވަރުކުރެވޭނެ އެވެ. އޭގެކުރިން މާދަމާ އިންޑިއާ އާއި ނޭޕާލް ކުޅޭ މެޗު އެއްވަރުވިޔަސް ބަންގްލަދޭޝް ފައިނަލަށް ދާނެ އެވެ. ފައިނަލުގެ ފުރުސަތު ދެން ފަހިވެފައި އޮތީ އިންޑިއާ އާއި ދެ ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ ނޭޕާލަށެވެ.
އިއްޔެގެ މެޗުގެ ފުރަތަމަ ހާފުގައި ބަންގްލަދޭޝުން ވަނީ ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖަހައިފަ އެވެ. އެޓީމުން މޮޅަށް ކުޅުނު މި ހާފުގައި މިރަޖުލް އިސްލާމް ވަނީ ހެޓްރިކް ހަދައިފަ އެވެ. މި ލަނޑުތައް އޭނާ ޖެހީ 19، 21 އަދި 42 ވަނަ މިނެޓުގަ އެވެ. އެޓީމުގެ އަނެއް ލަނޑު 32 ވަނަ މިނެޓުގައި ޖެހީ ރަފީގުލް އިސްލާމް އެވެ. ދެ ވަނަ ހާފުގައި ރާއްޖޭން ވަނީ ކުޅުން ރަނގަޅުކޮށް ބަންގްލަދޭޝަށް ނުރައްކާކޮށްފަ އެވެ. ރާއްޖޭގެ ހަމައެކަނި ލަނޑު 53 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްލަބް އީގަލްސްގެ ފޯވާޑް ޒައިން ޒަފަރު އެވެ.
މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި މާދަމާ ހަވީރު 3:30 ގައި ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ. ފަހު މެޗުގައި އިންޑިއާއާ ދެކޮޅަށް ކުޅޭނީ އޮގަސްޓް ދެ ވަނަ ދުވަހު އެވެ. އިންޑިއާގައި މިހާރު ކުރިއަށްދަނީ ސާފް 20 އަހަރުން ދަށުގެ ހަތަރު ވަނަ މުބާރާތެވެ.