ފުރަތަމަ ސަފްޙާ / ޚަބަރު / މާޒިޔާ އިން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި
ފަހުމިނެޓް

މާޒިޔާ އިން ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދައިފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 22 ޖުލައި 2022

ދިވެހި ލީގުގެ ތާރީހުގައި ހަތަރު ވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދައިފި އެވެ.

މާޒިޔާއިން މިފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުކުރީ މިއަދު ހަވީރު ގަލޮޅު ދަނޑުގައި ކުޅުނު މެޗުން 1-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްގެންނެވެ. ލީގުގައި މާޒިޔާ އަށް ބާކީ ދެ މެޗު އޮތްއިރު މިހާތަނަށް ކުޅުނު 19 މެޗުން އެޓީމު އެއް ވަނަ ކަށަވަރުކުރީ 54 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ކްލަބް އީގަލްސް އަށް 19 މެޗުން ލިބިފައިވަނީ 46 ޕޮއިންޓެވެ.

މި ސީޒަނުގެ ފުރަތަމަ މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގައި މާޒިޔާ ވަނީ ކްލަބް ވެލެންސިއާ އަތުން ބަލިވެފަ އެވެ. އޭރު އެޓީމުގެ ކޯޗަކަށް ހުރީ މުހައްމަދު ޝިޔާޒް (މޯހަން) އެވެ. އެ މުބާރާތް ނުލިބުމުން މޯހަން މަގާމުން ދުރުކޮށް ކޯޗުކަމަށް ހަމަޖެއްސީ ސާބިއާގެ މިއޮޑްރަގް ޖެސިކް އެވެ. ޖެސިކްގެ ކޯޗުކަމުގައި ލީގުގައި ކުޅުނު 19 މެޗުގެ ތެރެއިން 18 މެޗުން މާޒިޔާ މޮޅުވި އެވެ. ބަލިވީ އީގަލްސްއާ ވާދަކުރި މެޗަކުންނެވެ. 19 މެޗުގައި 76 ގޯލު ޖެހިއިރު މާޒިޔާ ކޮޅަށް ވަނީ އެންމެ ފަސް ގޯލެވެ.

މާޒިޔާއަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިން ގޯލު ޖެހި ޑޮމިންގޭޒް. – ފޮޓޯ: އެފްއޭއެމް

ރާއްޖޭގެ ފުޓްބޯޅައިގައި މިހާރު އޮތް އެންމެ މޮޅު ކްލަބް، މާޒިޔާ އިން ލީގު ޗެމްޕިއަންކަން އެންމެ ފުރަތަމަ ހޯދީ 2016 ވަނަ އަހަރު އަލީ ސުޒޭންގެ ކޯޗުކަމުގަ އެވެ. އޭގެފަހުން އެޓީމުން ވަނީ 2019-2020 ވަނަ ސީޒަނާ 2020-2021 ގައި ޗެމްޕިއަންކަން ހޯދާފަ އެވެ.

މިއަދުގެ މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑު 41 ވަނަ މިނެޓުގައި ކާމިޔާބުކުރީ ސްޕެއިނުގެ ހުނަރުވެރި މިޑްފީލްޑަރު ޓަނާ ޑޮމިންގޭޒް އެވެ. މިއީ ނާއިޒް ހަސަން (ދާދު) ދިން ބޯޅައަކުން ޑޮމިންގޭޒް ޖެހި ލަނޑެކެވެ. ކުރިން ސްޕެނިޝް ލީގުގައި ކުޅުނު މިޑްފީލްޑަރު އަންނަނީ މާޒިޔާގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. އޭނާ ވަނީ މިހާތަނަށް ކުޅުނު 22 މެޗުގައި 21 ލަނޑު މާޒިޔާ އަށް ޖަހައިދީފަ އެވެ.

Maziya 1 – 0 Da Grande (FT)

Alhamdulillahi

We are the Champions! ????

Tana Dominguez's first half strike was enough to give Maziya the 3 points and secure the league title for a 3rd consecutive season.

Well done to the team. #greenboys #gomaziyago #ooredoomaldives pic.twitter.com/ONpsazVrIq

— MAZIYA SPORTS (@MaziyaSr) July 22, 2022

ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ނިމުމަކާ ގާތްވެފައިވާއިރު ލީގުގެ ތިން ވަނައިގައި އޮތީ 19 މެޗުން 27 ޕޮއިންޓް ލިބިފައިވާ ޓީސީ ސްޕޯޓްސް ކްލަބެވެ. ހަތަރު ވަނައިގައި އޮތް ކްލަބް ގްރީން ސްޓްރީޓްސް އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑް ވިކްޓްރީ އަދި ހަ ވަނައިގައި އޮތް ކްލަބް ވެލެންސިއާ އަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ހަތް ވަނައިގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް އަށް 14 ޕޮއިންޓް ލިބިފައިވާއިރު ފުލުގައި އޮތް ދަ ގްރާންޑޭ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. ސަސް އާއި ދަ ގްރާންޑޭ އަށް މިހާރު ވަނީ އަންނަ ސީޒަނުގެ ރެލިގޭޝަން ޕްލޭއޮފް ކުޅެން ޖެހޭނެކަން ޔަގީންވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!