އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގައި މިއަދު ހަވީރު އއ. މާޅޮހާއި މުބާރާތް ބާއްވާ ފޯކައިދޫ ވާދަކުރި މެޗު އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ. މި މެޗު 0-0 އިން އެއްވަރުވުމުން މި ދެޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. ނަމަވެސް ފައިދާ ލަނޑުގެ ތަފާތުން ގްރޫޕުގެ އެއްވަނަ ލިބެނީ މާޅޮހަށެވެ.
މި ގްރޫޕުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހއ. މުރައިދޫ އާއި އދ. ފެންފުށްޓެވެ. މި ދެޓީމުވެސް ވަނީ ކުޅުނު ފުރަތަމަ ދެމެޗުން ބަލިވެފައެވެ. މާދަމާގެ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލަށް ދިއުމުގެ ހަނި ފުރުސަތެއް ލިބިގެން ދާނެއެވެ. މެޗު އެއްވަރުވެގެން ނިމިއްޖެ ނަމަ މި ދެޓީމުވެސް މުބާރާތުން ކަޓާނެއެވެ.
މި ގްރޫޕުގައި މިހާތަނަށް ކުޅެވުނު މެޗުތަކުން ސެމީ ފައިނަލުގެ ފުރުސަތު އަދި އެއްވެސް ޓީމަކަށް ނުލިބެއެވެ. ނަމަވެސް އަންނަ އާދިއްތަ ދުވަހު މާޅޮހާއި ފެހެންދޫ ވާދަކުރާ މެޗުން ސެމީގެ ޖާގަތައް ކަށަވަރު ވެގެންދާނެއެވެ.
މިއަހަރުގެ މުބާރާތުގައިވެސް ސެމީ ފައިނަލަށްދާ ހަތަރު ޓީމަށް މިއަހަރުގެ ދިވެހި ޕްރިމިއަރ ލީގުން ފުރުސަތު ލިބިގެންދާނެއެވެ.