މިއަހަރުގެ ބޮޑުއީދާ ދިމާކޮށް ބ. އޭދަފުށީގައި މުޅި އަތޮޅަށް ހުޅުވާލައިގެން “އޭދަފުށި ބައިބަލާ 1443” ގެ ނަމުގައި ބައިބަލާ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.
އޭދަފުށީ ގުރޫޕެެއް ކަމަށްވާ ބަނަފްސާ ކަންމަތި (ބީކޭ) އިން އިންތިޒާމްކުރާ މި މުބާރާތަކީ ރަށުގެ ކައުންސިލާއި ބައިބަލާ އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުމާ އެކު އެރަށުގެ އީދު ކުޅިވަރުތަކުގެ ތެރެއިން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ފޯރި ގަދަ މުބާރާތަކަށް ވާނެ އެވެ.
ބީކޭ އިން ހާމަކުރާ ގޮތުގައި މުބާރާތުގައި ބ. އަތޮޅުގެ ހުރިހާ ރަށަކުން ވެސް ޓީމުތައް ބައިވެރިކުރުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެެ. އަދި މީގެ އިތުރުން ފިތުރު އީދާ ދިމާކޮށް ބައިބަލާ އެސޯސިއޭޝަނުން މާލޭގައި ބާއްވާ މުބާރާތްތަކުގައި ވާދަކުރާ މަޝްހޫރު ގިނަ ތަރިންތަކެއް އޭދަފުށީ މުބާރާތުން ވެސް ފެންނާނެ ކަމަށް ބީކޭ އިން މައުލޫމާތު ދެއެވެ.

އޭދަފުށީގައި ބައިބަލާ ކުޅެން ރިންގު އެޅުމުގެ މަސައްކަތުގެ ތެރެއިން. – ފޮޓޯ: ބީކޭ
އަންނަ މަހުގެ ނުވަވަނަ ދުވަހުގެ ރެއިން ފެށިގެން 11 ވަނަ ދުވަހުގެ ރެއާ ހަމައަށް އޭދަފުށީގެ ދެކުނު ފަރާތު ހިއްކި ބިމުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މުބާރާތުގެ އިންތިޒާމްތަކުގައި ރަށުގެ ހުރިހާ ކްލަބް ޖަމިއްޔާ އަކާއި އަދި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ވަރަށް ފުރިހަމައަށް ލިބޭކަމަށް ބީކޭ އިން ހާމަ ކުރެ އެވެ. މީގެ އިތުރުން ރަށުގެ ކައުންސިލާއި އަދި ބައިބަލާ އެސޯސިއޭޝަނުން ފޯރުކޮށްދެމުން ގެންދާ އެހީތައް ވެސް އެ ގުރޫޕުން ފާހަގަ ކުރެ އެވެ.
ކޮންމެ ރަށެއްގެ ޓީމަކަށް ވެސް ވަނީ ރަށުން ބޭރު ތިން ކުޅުންތެރިން ޓީމު ލިސްޓުގައި ހިމެނުމުގެ ފުރުސަތު ދީފަ އެވެ. އަދި މުބާރާތުގެ ރަޖިސްޓްރޭޝަން މި ޖޫން މަހުގެ 20 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ އެވެ.
މި މުބާރާތް ސްޕޮންސާ ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފަ އެވެ. އިތުރު މައުލޫމާތު ހޯއްދެއްވުމަށްޓަކައި 9904645، 7832072 ފޯނާ ގުޅުއްވުމަށް އެ ގުރޫޕުން އެދެ އެވެ. އަދި މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ބީކޭގެ ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ އެވެ.
“އޭދަފުށީ ބައިބަލާ 1443” ގެ މީޑިއާ ޕާޓްނަރަކީ “ފަހުމިނެޓް” އެވެ.

މާލޭން ބޭރު ރަށެއްގައި ބައިބަލާ އެސޯސިއޭޝަން ގުޅިގެން މީގެ ކުރިން މުުބާރާތް ކުރިއަށް ގެންދިޔައީ ލ. ގަމުގައި “ހައްދުންމަތީ ބައިބަލާ” ގެ ނަމުގަ އެވެ.
ބައިބަލާ އެސޯސިއޭޝަނުން ވަނީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު، މާލޭގައި މިއަހަރުގެ ފިތުރު އީދު ބައިބަލާ މުބާރާތް ކާމިޔާބުކަމާ އެކު ކުރިއަށް ގެންގޮސްފަ އެވެ. އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކްލަބް އޯވަންއޯ އެވެ.
ބައިބަލާ އެސޯސިއޭޝަނުން ބުނާ ގޮތުގައި ބައިބަލާ އަކީ ސަގާފީ ކުޅިވަރަކަށް ވެފައި، ކުޅިވަރަކީ ކޮންމެ އަހަރަކު ފިރުރު އީދުގައި ހަމައެކަނި މާލޭގައި ބާއްވާ މުބާރާތަކަށް ވިޔަ ނުދޭން، އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކަށް ވެސް އެ އެސޯސިއޭޝަނުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.