ޗެލްސީގެ އެއްބަސްވުން އާނުކުރަން ނިންމައި މުހިއްމު ޑިފެންޑަރު އެންޓޯނިއޯ ރުޑިގާ ޔޫރަޕްގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ބަދަލުވެއްޖެ އެވެ.
ޖަރުމަނަށް އުފަން އުމުރުން 29 އަހަރުގެ ރުޑިގާ ރެއާލަށް ބަދަލުވީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގަ އެވެ.
2017 ވަނަ އަހަރު 29 މިލިއަން ޕައުންޑަށް ރުޑިގާ ޗެލްސީ އަށް ބަދަލުވީ އިޓަލީގެ ރޯމާ އިންނެވެ. ޗެލްސީގައި ހޭދަކުރި މުއްދަތުގައި 203 މެޗު ކުޅެ ރުޑިގާ ވަނީ 12 ލަނޑު ޖަހައިފަ އެވެ. އަދި އެޓީމުގައި ގިނަ ކާމިޔާބީތަކެއް ރުޑިގާ ހޯދި އެވެ. އޭގެތެރޭގައި ޗެމްޕިއަންސް ލީގާއި، ޔޫރޮޕާ ލީގުގެ އިތުރުން، އިނގިރޭސި އެފްއޭ ކަޕާއި، ޔޫއެފާ ސުޕަރ ކަޕް އަދި ފީފާ ކްލަބް ވޯލްޑް ކަޕް ހިމެނެ އެވެ.
ސީޒަން ނިމުމުން ރުޑިގާ ޗެލްސީ ދޫކޮށްލާނެކަން އެޓީމުގެ ކޯޗު ތޯމަސް ޓުކެލް ވަނީ މިދިޔަ އޭޕްރީލް މަހު އިއުލާންކޮށްފަ އެވެ. ރުޑިގާ ޓީމުގައި ބަހައްޓަން ޗެލްސީން ވަނީ ހަފްތާއަކު ދެ ލައްކަ ޕައުންޑް ހުށަހަޅައިފަ އެވެ. އެކަމަކު ރުޑިގާ ވަނީ އެ ހުށަހެޅުމަށް ނޫނެކޭ ބުނެފަ އެވެ. މިދިޔަ އަހަރު ޗެލްސީން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ރުޑިގާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި ފަހަކަށް އައިސް ކޯޗު ޓުކެލްގެ ޑިފެންސިވް ޕްލޭންގައި އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ރުޑިގާ އެވެ.
ރުޑިގާގެ އިތުރުން ޗެލްސީ އަށް ކުޅޭ ޑެންމާކުގެ ޑިފެންޑަރު އަންދްރެސް ކްރިސްޓިއެންސަން ވެސް ހިލޭ ޓްރާންސްފާގައި ކްލަބް ބަދަލުކުރާނެކަމަށް ބެލެވެ އެވެ. ކްރިސްޓިއެންސަން ހޯދުމުގެ ރޭހުގައި ކުރީގައި އުޅެނީ ބާސެލޯނާ އެވެ. މިދިޔަ ސީޒަނަށް ފަހު ތަޖުރިބާކާރު ޑިފެންޑަރު ސެޒާ އަޒްޕްލިކުއެޓާ ޗެލްސީ ދޫކޮށްލާނެކަމަށް ބެލެވުނު ނަމަވެސް އިތުރު އެއް އަހަރު އޭނާ ޗެލްސީގައި މަޑުކުރާނެކަމަށް ރިޕޯޓުތައް ބުނެ އެވެ.
ރެއާލުން ރުޑިގާ ރަސްމީކޮށް އިއުލާންކުރާނީ މި މަހުގެ 20 ވަނަ ދުވަހު އެވެ.