ފުރަތަމަ ސަފްޙާ / ޚަބަރު / އޭޝިއަން ކަޕްގެ އުއްމީދުގައި ދިވެހި ޓީމު އުޒްބެކިސްތާނަށް

އޭޝިއަން ކަޕްގެ އުއްމީދުގައި ދިވެހި ޓީމު އުޒްބެކިސްތާނަށް

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 2 ޖޫން 2022

އޭއެފްސީ އޭޝިއަން ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މިއަދު އުޒްބެކިސްތާނަށް ގޮސްފި އެވެ.

ކޮލިފައިންގައި ރާއްޖެ ހިމެނޭ ގްރޫޕް ސީގައި، މެޗުތައް ކުޅޭ އުޒްބެކިސްތާނާއި ރާއްޖޭގެ އިތުރުން ދެން އޮތީ ތައިލެންޑާއި އަވައްޓެރި ސްރީ ލަންކާ އެވެ. ކޮލިފައިންގެ ފުރަތަމަ މެޗުގައި އަންނަ ބުދަ ދުވަހު ރާއްޖެ ނުކުންނާނީ ތައިލެންޑާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ޖޫން 11 ވަނަ ދުވަހު އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު ފަހު މެޗުގައި ލަންކާއާ ދެކޮޅަށް ރާއްޖެ ނުކުންނާނީ މި މަހުގެ 14 ވަނަ ދުވަހު އެވެ.

އޭޝިއަން ކަޕްގެ ކޮލިފައިންގައި ހަ ގްރޫޕް ކުޅޭއިރު މުބާރާތަށް ކޮލިފައިވާނީ ކޮންމެ ގްރޫޕަކުން އެއް ވަނަ ކަށަވަރުކުރާ ޓީމާއި ހަ ގްރޫޕުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާގައި ނިންމާ ފަސް ޓީމަށެވެ. 24 ޓީމު އޭޝިއަން ކަޕްގައި ވާދަކުރާއިރު މިހާރު 13 ޓީމު ވަނީ ކޮލިފައިވެފަ އެވެ.

އުޒްބެކިސްތާނަށް ފުރި ގައުމީ ފުޓްބޯޅަ ޓީމު. – ފޮޓޯ: އެފްއޭއެމް

މިއަދު އުޒްބެކިސްތާނަށް ފުރީ 23 ކުޅުންތެރިންގެ ޓީމެކެވެ. މިފަހަރު ގައުމީ ސްކޮޑުން އަލަށް ފުރުސަތު ލިބުނީ ކްލަބް ވެލެންސިއާގެ މިޑްފީލްޑަރު ހަސަން ސުފިޔާން އާއި ކްލަބް އީގަލްސްގެ ގޯލްކީޕަރު ހަސަން އަލީފް އިބްރާހީމް އަށެވެ. ސުފިޔާން އަކީ ވެލެންސިއާގެ މެދުތެރޭގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ކުޅުންތެރިއެކެވެ. ޒުވާން ގައުމީ ޓީމުގެ ގޯލު ވެސް މީގެ ކުރިން ބެލެހެއްޓި އަލީފް މިހާރު އަންނަނީ އީގަލްސްގެ އެއް ނަންބަރު ކީޕަރުގެ ގޮތުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ.

ފުރުސަތު ނުލިބޭ ކުޅުންތެރިންގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ މިދިޔަ އަހަރުތަކުގައި ގައުމީ ސްކޮޑުން ގަވައިދުން ޖާގަ ހޯދަމުން އައި މާޒިޔާގެ ފޯވާޑް އަސަދުﷲ އަބްދުﷲ އެވެ. މީގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސްގައި މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ހަސަން ނަޒީމް ގާސިމް (ޗޯޓު) އަށް މިފަހަރުގެ ޓީމުން ފުރުސަތެއް ނުލިބުނެވެ. މި ދެކުޅުންތެރިންގެ އިތުރުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގެ ގޯލު ބަލަހައްޓަމުން އަންނަ މުހައްމަދު ޝަފީއު (ޗެކް) ވެސް ސްކޮޑުގައި ނެތެވެ.

ގައުމީ ސްކޮޑުގައި ހިމެނޭ 23 ކުޅުންތެރިންގެ ތެރެއިން 11 ކުޅުންތެރިން ނިސްބަތްވަނީ މާޒިޔާއަށެވެ. ވެލެންސިއާގެ ހަ ކުޅުންތެރިން ތިބިއިރު އީގަލްސް އިން ސްކޮޑުގައި ހިމެނެނީ ފަސް ކުޅުންތެރިންނެވެ. ދެން ހިމެނެނީ ކްލަބް ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއެކެވެ.

ގައުމީ ޓީމު އުޒްބެކިސްތާނަށް ފުރުމުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެ ހިމެނޭ ގްރޫޕުގެ ލަންކާ އާއި ތައިލެންޑުން ވަނީ އެކުވެރިކަމުގެ މެޗުތައް ކުޅެފަ އެވެ. ގަތަރުގައި ކޭމްޕްކޮށްފައިވާ ލަންކާއިން ނޭޕާލާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅުނުއިރު ތައިލެންޑުން ވަނީ ބަހްރޭނާއި ތުރުކެމެނިސްތާނާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތައް ކުޅެފަ އެވެ. ރާއްޖެ އެންމެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ މާޗް މަހު ބަންގްލަދޭޝްއާ އެވެ. ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުން ރާއްޖެ މޮޅުވީ 0-2 އިންނެވެ.

އޭޝިއަން ކަޕް ކުޅެން ޝެޑިއުލްކޮށްފައި ވަނީ އަންނަ އަހަރުގެ ޖޫން 16 އިން ޖުލައި 16 އަށެވެ. އެންމެ ފުރަތަމަ ޗައިނާގައި ބާއްވަން ނިންމި މުބާރާތް ކޮވިޑާ ގުޅިގެން މިހާރު އެގައުމުގައި ނުބާއްވަން ވަނީ ނިންމައިފަ އެވެ. އޭއެފްސީ އިން މިހާރު މަސައްކަތްކުރަމުން އަންނަނީ މުބާރާތް އަންނަ އަހަރު ބާއްވާނެ ގައުމެއް ކަނޑައެޅުމަށެވެ. މުބާރާތް ބާއްވަން ޝައުގުވެރިކަން ފާޅުކުރި ގައުމުތަކުގެ ތެރޭގައި އިންޑިއާ ވެސް ހިމެނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!