ފުރަތަމަ ސަފްޙާ / ޚަބަރު / ފަހަތުން އަރައި މޮޅުވެ އެވަޓަން ރެލިގޭޝަނުން ސަލާމަތްވެއްޖެ

ފަހަތުން އަރައި މޮޅުވެ އެވަޓަން ރެލިގޭޝަނުން ސަލާމަތްވެއްޖެ

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 20 މެއި 2022

ފަހަތުން އަރައި ތިން ގޯލު ޖަހައި 2-3 ކްރިސްޓަލް ޕެލެސް ބަލިކޮށް އަންނަ ސީޒަނުގައި ވެސް އިނގިރޭސި ޕްރިމިއާ ލީގުގައި ދެމިއޮތުމުގެ ފުރުސަތު އެވަޓަން އިން ހޯދައިފި އެވެ.

ފްރޭންކް ލަމްޕާޑުގެ ކޯޗުކަމުގައި ކުޅެމުން އަންނަ އެވަޓަން ކޮޅަށް ކްރިސްޓަލް ޕެލެސް އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޖީން-ފިލިޕްސް މަޓޭޓާ އަދި ޖޯޑަން އަޔޫ އެވެ. އެވަޓަން އިން މެޗުގެ ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 54 ވަނަ މިނެޓުގައި މައިކަލް ކީން ޖެހިއިރު ނަތީޖާ ހަމަހަމަކުރި ލަނޑު 75 ވަނަ މިނެޓުގައި ޖެހީ ރިޗާލިސަން އެވެ. އެވަޓަން މޮޅުކޮށްދިން ލަނޑު 85 ވަނަ މިނެޓުގައި ޖެހީ ޑޮމިނިކް ކެލްވާޓް ލެވިން އެވެ. މިއީ އަނިޔާގެ ސަބަބުން މި ސީޒަނުގެ ގިނަ މެޗުތަކެއްގައި ނުކުޅެވުނު ކެލްވާޓް ލެވިން މިދިޔަ އޮގަސްޓް މަހުގެ ފަހުން ޕްރިމިއާ ލީގުގައި ޖެހި ފުރަތަމަ ގޯލެވެ.

އަމިއްލަ ދަނޑުގައި ހޯދި ތާރީހީ މޮޅަށް ފަހު ލީގުގެ ފަހު މެޗުގައި ރަށުން ބޭރުގައި އެވަޓަން ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ. ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތްއިރު އެވަޓަން އޮތީ 37 މެޗުން ލިބުނު 39 ޕޮއިންޓާ އެކު ލީގުގެ 16 ވަނައިގަ އެވެ. އެވަޓަންގެ ފަހަތުން 17 ވަނައިގައި އޮތީ 37 މެޗުން 35 ޕޮއިންޓް ލިބިފައިވާ ބާންލީ އެވެ. ރޭ ރަށުން ބޭރުގައި ބާންލީ އިން އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

ލީގުގެ ފުލުގައި އޮތް ނޯވިޗް ސިޓީ އާއި 19 ވަނައިގައި އޮތް ވެޓްފޯޑް ވަނީ ރެލިގޭޓްވެފަ އެވެ. ލީގުގައި ދެމިއޮންނަން މިހާރު މަސައްކަތްކުރާ ދެ ޓީމަކީ 18 ވަނައިގައި އޮތް ލީޑްސް ޔުނައިޓެޑާއި ބާންލީ އެވެ.

ރެލިގޭޝަނުން ސަލާމަތްވުމުން އެވަޓަންގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި އުފާފާޅުކޮށްފަ އެވެ. އެވަޓަން އަކީ އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި އެންމެ ގިނަ ދުވަސް ވަންދެން ކުޅެމުން އަންނަ ތިން ކްލަބުގެ ތެރެއިން ކްލަބެކެވެ. މިއީ އެޓީމުން އިނގިރޭސި ލީގުގައި ޖެހިޖެހިގެން ވާދަކުރި 68 ވަނަ ފަހަރެވެ. މި ސީޒަނުގެ އިތުރުން 1994 ވަނަ އަހަރާއި 1998 ވަނަ އަހަރު ވެސް އެޓީމަށް ރެލިގޭޝަނުގެ ބިރު ބޮޑުވި އެވެ.

އިނގިރޭސި ލީގު 9 ފަހަރު އެވަޓަން އިން ކާމިޔާބުކޮށްފައިވާއިރު އެޓީމުން ވަނީ އެފްއޭ ކަޕް ފަސް އަހަރު އަދި ލީގު ކަޕް ދެ ފަހަރު ހޯދާފަ އެވެ.

ލީގުގެ އެހެން މެޗުތަކަށް ބަލާއިރު ރޭ ޗެލްސީ އާއި ލެސްޓާ ސިޓީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ލެސްޓާގެ ޖޭމްސް މަޑިސަން ޖެހިއިރު ޗެލްސީ އަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު ކާމިޔާބުކޮށްދިނީ މާކޮސް އަލޮންސޯ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުތައް އޮންނާނީ އަންނަ އާދީއްތަ ދުވަހު އެވެ. ފަހު މެޗަށް ނުކުންނައިރު ލީގު ޗެމްޕިއަންކަމާއި ގަދަ ހަތަރެއް އަދި ރެލިގޭޝަނުގެ ފޯރު ވަނީ ގަދަވެފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!