ފުރަތަމަ ސަފްޙާ / ޚަބަރު / ހިތަދޫ އަތުން ބަލިވެ ހޯނޑެއްދޫއަށް ސެމީގެ ފުރުސަތު ކުޑަވެއްޖެ

ހިތަދޫ އަތުން ބަލިވެ ހޯނޑެއްދޫއަށް ސެމީގެ ފުރުސަތު ކުޑަވެއްޖެ

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 9 ޖުލައި 2018

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ބުރުގެ ގްރޫޕް ދޭއްގައި މިއަދު ހަވީރު ކުޅުނު މެޗުން ބަލިވެ ގދ. ހޯނޑެއްދޫއަށް މުބާރާތުގެ ސެމީ ފައިނަލުގެ ފުރުސަތު ކުޑަ ވެއްޖެއެވެ. ފ. ނިލަންދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުގައި ސ. ހިތަދޫއާ ވާދަކޮށް އެޓީމު ބަލިވީ 4-1 އިންނެވެ. މި ބައްޔާއެކު ކުޅުނު ދެމެޗުންވެސް ބަލިވެ އެޓީމު އޮތީ ގްރޫޕުގެ ފުލުގައެވެ. ފުރަތަމަ މެޗުގައި އެޓީމު ވަނީ 3-0 އިން ކުޑަހުވަދޫ އަތުން ބަލިވެފައެވެ.

މިއަދުގެ މެޗުގައި ހިތަދޫ ޓީމުން ވަނީ މޮޅަށް ކުޅޭ ހޯނޑެއްދޫގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ހިތަދޫ ޓީމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު އެޓީމުން ޖެހީ މެޗުގެ ފުރަތަމަ ހާފުގައެވެ. މެޗުގެ ފުރަތަމަ ލަނޑު 10 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެޓީމުގެ އަޓަންގަނާ އޮނަމްބީ އެވެ. ހިތަދޫ ޓީމުގެ ދެވަނަ ލަނޑު ޖެހީ ޒޯން ބުރުގައި މ. މުލަކު ޓީމަށް ކުޅުނު އާދަމް ޝަހީމް އެވެ. ފުރަތަމަ މެޗުގައި ފ. ނިލަންދޫ ކޮޅަށްވެސް ލަނޑުޖެހި އާދަމް ޝަހީމް މި ލަނޑު ޖެހީ މެޗުގެ 30 ވަނަ މިނެޓުގައެވެ. ހިތަދޫ ޓީމަށް ފުރަތަމަ ހާފުގައި ލީޑު ފުޅާކޮށްދިނީ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި މުޙައްމަދު ސައީދެވެ. އެޓީމުގެ ހަތަރު ވަނަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ޖެހީ ބިދޭސީ ކުޅުންތެރިޔާ އަޑެލްކޯ ޑޭވިޑް އެވެ. މެޗުގައި ހޯނޑެއްދޫ ޓީމުން ޖެހި ހަމައެކަނި ލަނޑު މެޗުގެ 67 ވަނަ މިނެޓުގައި ޖެހީ އަޙްމަދު އުސާމް އެވެ.

މި މޮޅާއެކު ކުޅުނު ދެމެޗުން ހިތަދޫ އަދި ފ. ނިލަންދޫ އަށްވެސް ވަނީ ހަތަރު ޕޮއިންޓް ލިބިފައެވެ. ނަމަވެސް ފައިދާ ގޯލުގެ ތަފާތުން އެއްވަނަ ލިބެނީ ހިތަދޫ އަށެވެ. މި ގްރޫޕްގެ ތިންވަނައިގައި ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑާ އެކު ކުޑަހުވަދޫ އެވެ. ކުޅުނު ދެމެޗުން ލިބުނު ތިން ޕޮއިންޓާއެކު ތިމަރަފުއްޓަށް ހަތަރު ވަނަ ލިބޭއިރު ގްރޫޕުގެ ފުލުގައި އޮތީ ހޯނޑެއްދޫ އެވެ.

މި މުބާރާތުގެ ގްރޫޕް އެކެއްގެ މެޗެއް ދެން ކުޅެވޭނީ އަންނަ ހުކުރު ދުވަހު އެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ ނިލަންދޫ އާއި ދ. ކުޑަހުވަދޫ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!