ޔޫއެފާ ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގެ މެޗުން މޮޅުވެ ސްޕެއިންގެ ބާސެލޯނާ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދިއިރު މުބާރާތުގެ އެންމެ ކާމިޔާބު ޓީމު، ސެވިއްޔާ ބަލިކޮށް އިނގިރޭސި ކްލަބް ވެސްޓް ހޭމް ޔުނައިޓެޑް ގަދަ އަށަކަށް ދަތުރުކޮށްފި އެވެ.
ބާސެލޯނާ އިން ރޭ ރަށުން ބޭރުގައި ގަލަޓަސަރާއީއާ ވާދަކޮށް މޮޅުވީ 2-1 އިންނެވެ. މި ދެޓީމު ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ރޭގެ މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ޖެހީ ގަލަޓަސަރާއީގެ ބްރެޒިލް ޑިފެންޑަރު މާކާއޯ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސެލޯނާ އަށް ނަތީޖާ ހަމަހަމަކޮށްދިނީ ހުނަރުވެރި މިޑްފީލްޑަރު ޕެޑްރީ އެވެ.
ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުތެރޭ ބާސެލޯނާގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށްދިނީ މިދިޔަ ޖެނުއަރީ މަހު އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވި ފޯވާޑް ޕިއޭ އެމެރިކް އޮބާމިޔަން އެވެ. މިއީ އެޓީމަށް ބަދަލުވެ ކުޅުނު ހަތް މެޗުގައި އޮބާމިޔަން ޖެހި ހަތް ވަނަ ލަނޑެވެ.
ބާސެލޯނާ ޔޫރޮޕާ ލީގުގައި ވާދަކުރަން ޖެހުނީ މި ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ބަޔާން މިއުނިކާއި ބެންފީކާގެ ފަހަތުން ތިން ވަނަ ލިބުމުންނެވެ.
ވެސްޓް ހޭމުން އަމިއްލަ ދަނޑުގައި ރޭ ސެވިއްޔާ ބަލިކުރީ 0-2 އިންނެވެ. މި ދެޓީމުގެ ފުރަތަމަ ލެގްގައި ސްޕެއިންގައި ކުޅެ ސެވިއްޔާ ވަނީ 1-0 އިން މޮޅުވެފަ އެވެ. ރޭގެ މެޗުގެ 90 މިނެޓު ނިމުނުއިރު 0-1 އިން ވެސްޓް ހޭމް ކުރީގައި އޮތްއިރު އެގްރިގޭޓް ނަތީޖާއިން ވެސްޓް ހޭމް ކުރި ހޯދީ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ޖެހި ލަނޑުންނެވެ.
ފުރަތަމަ ހާފުގައި ވެސްޓް ހޭމަށް ލީޑު ނަގައިދިން ލަނޑު ބޮލުން ކާމިޔާބުކޮށްދިނީ ތޯމަސް ސޫޗެކް އެވެ. މެޗު އެއްވަރުވުމުން ކުޅުނު އިތުރު ވަގުތުގެ ދެ ވަނަ ހާފުގެ 112 ވަނަ މިނެޓުގައި ވެސްޓް ހޭމް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ ޔޫކްރޭނަށް ނިސްބަތްވާ އެންޑްރީ ޔާމޮލެންކޯ އެވެ. ތާރީހީ ލަނޑު ޖަހައިދީ ވެސްޓް ހޭމް ކުއާޓާ ފައިނަލަށް ގެންގޮސްދިނުމަށް ފަހު ޔާމޮލެންކޯ ވަނީ ޔޫކްރޭންގެ ދިދަ ހިފައިގެން ސަޕޯޓަރުންނާ އެކު އުފާފާޅުކޮށްފަ އެވެ.
ސެވިއްޔާ އަކީ މިދިޔަ އަށް ސީޒަނުގެ ތެރެއިން ހަތަރު ސީޒަނުގައި ޔޫރޮޕާ ލީގު ކާމިޔާބުކުރި ޓީމެވެ. އަނެއްކޮޅުން މިއީ 1981 ވަނަ އަހަރުގެ ފަހުން ޔޫރަޕްގެ މުބާރާތެއްގެ ކުއާޓާ ފައިނަލުން ވެސްޓް ހޭމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.
ބާސެލޯނާ އާއި ވެސްޓް ހޭމްގެ އިތުރުން ގަދަ އަށަކުން ޖާގަ ހޯދީ އިޓަލީގެ އެޓަލާންޓާ އާއި ޕޯޗުގަލްގެ ބްރާގާ ޖަރުމަނުގެ ދެ ޓީމު ކަމަށްވާ އެއިންޓްރަކް ފްރެންކްފާޓާއި އާރުބީ ލައިޕްޒިގްގެ އިތުރުން ފްރާންސްގެ ލިޔޯން އަދި ސްކޮޓްލެންޑުގެ ރޭންޖާސް އެވެ.