މި މަހުގެ 15 އިން 20 ވަނަ ދުވަހުގެ ނިޔަލަށް ތައިލެންޑުގައި ބާއްވާ އެންއެސްއެފްޑީ ފުޓްސަލް މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމު މިއަދު ތައިލެންޑަށް ގޮސްފި އެވެ.
ތައިލެންޑް މުބާރާތުގައި ވާދަކުރަނީ 6 ގައުމެކެވެ. ރާއްޖެ ގްރޫޕުގައި މުބާރާތް ބާއްވާ ތައިލެންޑުގެ އިތުރުން ހިމެނެނީ އޮމާން އެވެ. އަނެއް ގްރޫޕުގައި ހިމެނެނީ މޮންގޯލިއާ، އީރާން އަދި މިޔަންމާ އެވެ. ރާއްޖޭގެ ފުރަތަމަ މެޗުގައި މި މަހުގެ 15 ވަނަ ދުވަހު ތައިލެންޑާ ދެކޮޅަށް ނުކުންނައިރު ދެ ވަނަ މެޗުގައި މި މަހުގެ 16 ވަނަ ދުވަހު ކުޅޭނީ ތައިލެންޑާ އެވެ.
މިއީ ގާތްގަނޑަކަށް ތިން އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ގައުމީ ފުޓްސަލް ޓީމު ވާދަކުރާ ފުރަތަމަ މުބާރާތެވެ. 2017 ވަނަ ގައުމީ ފުޓްސަލް ޓީމު ވާދަކުރީ ތުރުކެމެނިސްތާނުގައި އޮތް އިންޑޯ އޭޝިއަން ޗެމްޕިއަންޝިޕްގަ އެވެ.

ފުޓްސަލް ތަރި ހާއްޕެ ފުޓްސަލް ގައުމީ ޓީމާ އެކު. – ފޮޓޯ: އަދަދު ސްޕޯޓްސް
ރާއްޖޭން އިންވިޓޭޝަނަލް ކަޕެއްގައި ވާދަކުރަން ނިންމީ އަންނަ މަހު އޮންނަ އޭޝިއަން ކަޕް ކޮލިފައިންގެ ކުރިން ޓީމަށް އިތުރު ތަޖުރިބާ ހޯދައިދިނުމުގެ ގޮތުންނެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖެ ލައްވާލީ އެންމެ ފަހުގެ ޗެމްޕިއަން އީރާން އާއި ތުރުކެމެނިސްތާން އައި ތަޖިކިސްތާނާ އެކު އެއް ގްރޫޕެއްގަ އެވެ. ސެންޓްރަލް އެންޑް ސައުތު ޒޯންގައި ރާއްޖެ ހިމެނޭ ގްރޫޕުގެ މެޗުތައް ކުޅެން ނިންމާފައިވަނީ ކުވޭތުގަ އެވެ. ފުރަތަމަ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހު އީރާނާ ވާދަކުރާއިރު ދެ ވަނަ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭނީ ކިރްގިސްތާނާ އެވެ. ފަހު މެޗުގައި އަންނަ މަހުގެ 12 ވަނަ ދުވަހު ރާއްޖެ ނުކުންނާނީ ތުރުކެމެނިސްތާނާ ދެކޮޅަށެވެ. ފުޓްސަލް އޭޝިއަން ކަޕަށް ކޮލިފައިވާނީ ގްރޫޕުން އެންމެ ކުރި ހޯދާ ދެގައުމެވެ.
ރާއްޖޭން އެކުލަވާލި ފުޓްސަލް ޓީމުގައި މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ވަނީ ހިމަނައިފަ އެވެ. ޓީމުގެ ހެޑް ކޯޗަކީ އަބްދުﷲ ނަސީރު (އަބޯ) އެވެ. އެސިސްޓެންޓް ކޯޗުންގެ ގޮތުގައި މަސައްކަތްކުރާނީ އަހުމަދު ނިޔާޒް (ނިޔާ) އަދި އަހުމަދު ވިސާލް (އަންދު) އެވެ. އޮފިޝަލްގެ ގޮތުގައި އަލީ ނަދީމް (ކޮކޯ) ހިމަނާފައިވާއިރު ކީޕަރު ޓްރެއިނަރަކީ އިބްރާހީމް އަހުމަދު އެވެ. ޓީމުގެ މެނޭޖަރަކީ އަހުމަދު ގާސިމް (އަހޫ) އެވެ.
ގައުމީ ފުޓްސަލް ޓީމުގައި ހިމެނުނު ކުޅުންތެރިން
އިސްމާއީލް ފާތިހު (ތާޑޭ)
ޒައިދާން އަހުމަދު
އަބްދުﷲ ނާސިހު
ހަސަން ނިމާލް
އިޝާން އިބްރާހީމް (ސައްޓު)
މުހައްމަދު އިމްރާން (އިންމި)
ހުސެއިން ޝަރީފް (އޮންލީ)
އަލީ ހާފިޒް (ހާއްޕެ)
އަބްދުﷲ ޝާފިއު (ޝާއްޕެ)
މުހައްމަދު ޔަފާއު (ޔާ)
ހުޒައިފަތު ރަޝީދު (ހުޒޭ)
ހަސަން ސުހޭލް (ސޮކޭ)
އަބްދުﷲ ޝައްފާން (ޝާކާ)
ސާމިން މުހައްމަދު