ފުރަތަމަ ސަފްޙާ / ޚަބަރު / ގްރީން ސްޓްރީޓްސް އިން ވެލެންސިއާ ބަލިކޮށްފި

ގްރީން ސްޓްރީޓްސް އިން ވެލެންސިއާ ބަލިކޮށްފި

އެޑްމިން
އެޑްމިން
3 އަހަރު ކުރިން 22 ފެބްރުއަރީ 2022

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް ގްރީން ސްޓްރީޓްސް އިން ކްލަބް ވެލެންސިއާ 1-0 އިން ބަލިކޮށްފި އެވެ.

ވެލެންސިއާ އަކީ މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގައި މޮޅު ކުޅުމެއް ދައްކައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޓީމެވެ. އެކަމަކު އެޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަނިޔާގައި ހުރުމުން ލީގުގައި އެޓީމަށް އެތަން ފޫބައްދަން ވަނީ އުނދަގޫވެފަ އެވެ. ސެންޓޭ އަށް އަނިޔާވީ ރ. އަލިފުށީގައި މާޒިޔާއާ ދެކޮޅަށް ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލުގަ އެވެ.

ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ވެލެންސިއާ އިން ވަނީ 2-1 އިން ޔުނައިޓެޑް ވިކްޓްރީ ބަލިކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި ދަ ގްރާންޑޭ ސްޕޯތްސް ކްލަބާ ވާދަކޮށް 1-1 އިން ވީ އެއްވަރެވެ. މިރޭގެ މޮޅާ އެކު ގްރީން ސްޓްރީޓްސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. ލީގުގެ އެއް ވަނައިގައި އޮތީ ފުރަތަމަ ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. މާޒިޔާ ވަނީ މި ހަފްތާ ކުޅުނު މެޗުގައި އީގަލްސް ބަލިކޮށްފަ އެވެ.

ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް

ވެލެންސިއާ ކޮޅަށް ގްރީން ސްޓްރީޓްސްގެ ހަމައެކަނި ލަނޑު 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަސަން ނަޒީމް (ޗޯޓު) އެވެ. މެޗުގެ ކުރީކޮޅު ނެގި ލީޑާ އެކު ވެލެންސިއާގެ އެޓޭކުތައް ހުއްޓުވުމުގައި ގްރީން ސްޓްރީޓްސް އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭއާ ވާދަކުރި މެޗު 1-0 އިން ޔުނައިޓެޑް ވިކްޓްރީ ވަނީ ކާމިޔާބުކޮށްފަ އެވެ. މެޗުގައި ޔުނައިޓެޑް ވިކްޓްރީގެ ހަމައެކަނި ލަނޑު ދެ ވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ކުރިން ޓީސީ ސްޕޯޓްސް ކްލަބަށް ވެސް ކުޅުނު ކްރިގިސްތާނުގެ މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް (ޓޯނީ) އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ދަ ގްރާންޑޭ އަށް ދެ މެޗުން ލިބިފައިވަނީ ޕޮއިންޓެކެވެ.

ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ހަފްތާގެ މެޗުތައް އޮންނާނީ އަންނަ ހޮނިހިރު އަދި އާދީއްތަ ދުވަހު އެވެ. ހޮނިހިރު ދުވަހުގެ ހަވީރު ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ވާދަކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ އެވެ. އެރޭ ކުޅޭ މެޗުގައި ގްރީން ސްޓްރީޓްސް އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާނެ އެވެ. އާދީއްތަ ދުވަހުގެ ހަވީރު ކްލަބް އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!