ކުރިން ކުޅުނު ފެންވަރަށް ނާދެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް މިދިޔަ އަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ މެޗެއްގެ ތެރެއިން ހިތް ހުއްޓިގެން ވެއްޓި، ފަރުވާއަށްފަހު އެނބުރި އައިސް މިހާރު އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބް ބްރެންޓްފޯޑަށް ސޮއިކޮށްފައިވާ ޑެންމާކްގެ މިޑްފީލްޑަރު ކްރިސްޓިއަން އެރިކްސެން ބުނެފި އެވެ.
ހާޓްއެޓޭކެއް ޖެހިގެން އެރިކްސެން އަށް ފަރުވާކުރީ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ފިންލެންޑާ ދެކޮޅަށް ޑެންމާކް ކުޅުނު މެޗުގެ ފުރަތަމަ ހާފުގަ އެވެ. ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓު ވަންދެން އެރިކްސަންގެ ހިތް ހުއްޓުނުއިރު އޭނާ އަށް އަވަސް ފަރުވާދީ ފުރާނަ ސަލާމަތް ކުރުމުގައި އެވަގުތު ދަނޑުގައި ތިބި މެޑިކަލް ޓީމުން ގިނަ މަސައްކަތްތަކެއްކުރި އެވެ. ހޮސްޕިޓަލަށް ގެންގޮސް ފަރުވާދިނުމަށްފަހު އެރިކްސަން މިހާރު ދިރިއުޅެނީ ހިތަށް އިމްޕްލާންޓަބަލް ކާޑިއޮވާޓާ ޑެފިބްރިލޭޓާ (އައިސީޑީ) ލައްވައިގެންނެވެ. އައިސީޑީ ލައްވަނީ ހިތުގެ ވިންދު ކޮންޓްރޯލް ވަރެއްގައި ދެމެހެއްޓުމަށެވެ. އެހެންވެ ހިތުގެ ވިންދު އަވަސްވާނަމަ އައިސީޑީ އިން އެކަން ޑިޓެކްޓްކޮށް ކޮންޓްރޯލްކުރެ އެވެ.
އައިސީޑީ ލައްވައިގެން އިޓާލިއަން ލީގުގައި ނުކުޅެވޭތީ އެރިކްސެންއާ އެކު އިންޓަ މިލާނުން ހަދާފައިވާ އެއްބަސްވުން ބާތިލްކުރި އެވެ. 29 އަހަރުގެ އެރިކްސެން އައިސީޑީ ލައްވައިގެން ޕްރެކްޓިސްތައް އަލުން ފެށީ އޭނާ އެންމެ ފުރަތަމަ ކުޅުނު ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ) އިންނެވެ. އޭގެފަހުން އެރިކްސެން ވަނީ އޭނާގެ ކުރީގެ ކްލަބް އަޔެކްސް ޓީމާ އެކު ވެސް ފަރިތަކުރުންތައް ކުރިއަށްގެންގޮސްފަ އެވެ. ކުރިން ޓޮޓެންހަމް ހޮޓްސްޕާސްގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެރިކްސެން ހަ މަހުގެ އެއްބަސްވުމެއްގައި ބްރެންޓްފޯޑަށް ބަދަލުވީ މިދިޔަ ޖެނުއަރީ މަހު ނިމުނު ފިނި މޫސުމުގެ ޓްރާންސްފާ ބާޒާރުގަ އެވެ.
“އަހަރެންގެ ކުޅުމުގެ ސްޓައިލް ބަދަލެއް ނުކުރާނަން. މިދިޔަ ހަ މަސް ދުވަހު ވަރަށް ރަނގަޅަށް އަހަރެން މަސައްކަތްކޮށްފިން. އަހަރެން މިހުރީ ކުރިން ހުރި ވަރަށް ވުރެވެސް ރަނގަޅު ހާލަތުގަ. މިސްވަނީ ހަމައެކަނި ފުޓްބޯޅަ” ބީބީސީ އަށް ދިން އިންޓަވިއުއެއްގައި އެރިކްސެން ބުންޏެވެ.
އެރިކްސެން ބުނީ މިދިޔަ އަހަރުގެ ޖޫން 12 ވަނަ ދުވަހު ހިނގި ހާދިސާގައި ހިތުގެ ވިންދު އެނބުރި އަންނަންދެން އޭނާ އަށް ވާނުވާ ނޭނގުނު ކަމަށެވެ.
“އެވަގުތު ހިނގި ފަސް މިނެޓު ނޫން ހުރިހާ ކަމެއް އަހަރެން ހަނދާން އެބަހުރި. އަހަރެން ގާތު ފަހުން ބުނީ އެކަމުގައި ހޭދަވީ ފަސް މިނެޓޭ. އެނޫން ހުރިހާ މަންޒަރެއް ހަނދާން އެބަހުރި. ބޯޅަ އެއްލި ކަމާއި، އަހަރެންގެ ކަކުލުގައި ބޯޅަ ޖެހުނުކަން. އޭގެފަހުން ވީނުވީއެއް ނޭނގުނު” ހާޓްއެޓޭކް ޖެހުނު ވަގުތު ސިފަކޮށްދެމުން އެރިކްސެން ބުންޏެވެ.
އެރިކްސެން ބުނީ އޭނާގެ އުއްމީދަކީ ބްރެންޓްފޯޑުގައި މޮޅު ކުޅުމެއް ދައްކައި މިއަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕްގައި ވާދަކުރާ ޑެންމާކް ޓީމަށް ކުޅުން ކަމަށެވެ. ލަންޑަނަށް ނިސްބަތްވާ ބްރެންޑްފޯޑަށް އެރިކްސެން ބަދަލުވުމުން، އެ ކްލަބުގެ ކޯޗު ތޯމަސް ފްރޭންކް ބުނީ އެރިކްސެން އަކީ އެ ކްލަބުގެ ތާރީހުގައި ހެދި އެންމެ ވަރުގަދަ ޓްރާންސްފާ ކަމަށެވެ. އެރިކްސެން އައުމުން ބްރެންޓްފޯޑުގެ ޖާޒީ ވިކުނު އަދަދު ވެސް ވަނީ 30 އިންސައްތަ މަތިވެފަ އެވެ.
އެރިކްސެން ބުނީ ހާދިސާ ހިނގުމުން ފުޓްބޯޅަ އަށް އެނބުރި އައުމާމެދު އޭރު ނުވިސްނި ކަމަށާއި، އެކަމަކު ކެރިއަރު ނިމުނީކަމަށް ހީކޮށް އޭނާ އޭރުވެސް ބިރު ނުގަންނަ ކަމަށެވެ.
“ހަފްތާއެއް ނުވަނީސް ޑޮކްޓަރުންގެ ޓީމުން ބުނި އައިސީޑީ ލެއްވުން ނޫން އިތުރު ކަމެއް ބަދަލުނުވާކަމަށް. ކުރިއެކޭ އެއްގޮތަށް ނޯމަލް ދިރިއުޅުން އުޅެވޭނެކަމަށް. އަހަރެންނަށް ނުރައްކަލެއް ނެތް. އައިސީޑީ ލެއްވުމުން ކަމެއް ދިމާވިޔަސް އަހަރެން ރައްކާތެރިކޮށްދޭނެ” އެރިކްސެން ބުންޏެވެ.
ލަންޑަނަށް ނިސްބަތްވާ ޓޮޓެންހަމްއާ އެކު ހަތް ސީޒަން ހޭދަކުރުމަށް ފަހު އެނބުރި ލަންޑަނުގެ ކްލަބަކަށް އާދެވުމަކީ ވަރަށް ބޮޑު އުފަލެއް ކަމަށް އެރިކްސެން ބުންޏެވެ.
“އަހަރެން ކުރީގަ ހުރި ފެންވަރަށް ނާދެވެންވީ އެއްވެސް ސަބަބެއް ނެތް” ބްރެންޓްފޯޑާ އެކު އެނބުރި ކުޅުމުގެ ތެރެއަށް އަންނަން ތައްޔާރަށް ހުރި އެރިކްސެން ބުންޏެވެ.