ފުރަތަމަ ސަފްޙާ / ޚަބަރު / އެފްރިކަން ކަޕް: މިސްރުން ބޭނުންވަނީ ފައިނަލް މެޗު ފަސްކުރަން

އެފްރިކަން ކަޕް: މިސްރުން ބޭނުންވަނީ ފައިނަލް މެޗު ފަސްކުރަން

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 4 ފެބްރުއަރީ 2022

އާދީއްތަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ފައިނަލް މެޗު ހޯމަ ދުވަހަށް ފަސްކުރަން ބޭނުންވާކަމަށް މިސްރުން ބުނެފި އެވެ.

ފައިނަލުގައި މިސްރު ނުކުންނާނީ ސެނެގޯލްއާ ދެކޮޅަށެވެ. ބުދަ ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގައި ސެނެގޯލުން ވަނީ 3-1 އިން ބުރްކީނާ ފާސޯ ބަލިކޮށްފަ އެވެ. މިސްރު ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި މުބާރާތް ބާއްވާ ކެމަރޫންއާ ދެކޮޅަށް ކުޅެ ފުރިހަމަ ވަގުތު ހަމަވިއިރު 0-0 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 3-1 އިން ކުރި ހޯދައިގެންނެވެ.

މެޗަށް ފަހު މީޑީއާއާ ވާހަކަދައްކަމުން މިސްރުގެ އެސިސްޓެންޓް ކޯޗު ޑިއާ އަލް-ސައީދު ބުނީ ފައިނަލް މެޗު ހޯމަ ދުވަހަށް ބަދަލުކޮށްދޭން ކޮންފަޑެރޭޝަން އޮފް އެފްރިކަން ފުޓްބޯލް (ކާފް) ގެ ކިބައިން އެދޭ ކަމަށެވެ. އެސިސްޓެންޓް ކޯޗު މީޑިއާއާ ވާހަކަދެއްކީ ރޭގެ މެޗުގައި ދެ ރީނދޫ ކާޑާ އެކު މިސްރުގެ ކޯޗު ކާލޯސް ކުއެރޯޒަށް ރެފްރީ ރަތް ކާޑު ދައްކައި ބެންޗުން ފޮނުވާލުމުންނެވެ. ރަތް ކާޑު ދެއްކުމުން ފައިނަލް މެޗުގައި ކުއެރޯޒަށް ބެންޗުގައި ނީނދެވޭނެ އެވެ.

“އަހަރެން އެދެން ފައިނަލް މެޗު ހޯމަ ދުވަހަށް ބަދަލުކޮށްދޭން. އެއީ މިހާރު އޮތްގޮތުން ސެނެގޯލަށް އަރާމުކުރަން އިތުރު ދުވަހެއް ލިބޭނެ” މެޗަށް ފަހު މިސްރުގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

2019 ވަނަ އަހަރު ކުޅުނު މުބާރާތުގެ ސެމީ ފައިނަލް ދެ މެޗު ވެސް ކުޅުނީ އެއް ދުވަހެއްގަ އެވެ. އެކަމަކު މިފަހަރު ދެ ދުވަހެއްގައި ކުޅުމުން ފަހުން ސެމީ ފައިނަލް ކުޅުނު މިސްރަށް ގެއްލުންވާނެކަމަށް އެޓީމުން ބުނެ އެވެ. ސެމީ ފައިނަލުގައި ބަލިވި ބުރްކީނާ ފާސޯ އާއި ކެމަރޫން ވާދަކުރާ ތިން ވަނަ ހޮވާ މެޗު އާދީއްތަ ދުވަހު ކުޅެން ހަމަޖެއްސި ނަމަވެސް މިހާރު ވަނީ މާދަމާ އަށް ބަދަލުކޮށްފަ އެވެ.

“ތިނަ ވަނަ ހޮވާ މެޗު އަވަސްކުރީމަ އަހަރެން އުއްމީދުކުރަން ފައިނަލް މެޗު އަހަރެމެން ކުޅޭނީ ހޯމަ ދުވަހުގައި ކަމަށް” މިސްރުގެ އެސިސްޓެންޓް ކޯޗު ބުންޏެވެ.

ފައިނަލުގައި ވާދަކުރާ މިސްރަކީ މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށް، ސަރަހައްދުގެ އެންމެ ކާމިޔާބު ޓީމެވެ. މިސްރުން އެންމެ ފަހުން މި މުބާރާތުގެ ފައިނަލުގައި ކުޅުނީ 2017 ވަނަ އަހަރު އެވެ. އެފަހަރު ކެމަރޫން އަތުން ބަލިވިއިރު މިއަހަރު މިސްރު ފައިނަލަށް ދިޔައީ ކެމަރޫން ބަލިކޮށްފަ އެވެ. ސެނެގޯލަށް ސަރަހައްދުގެ ޗެމްޕިއަންކަން މިހާތަނަށް ލިބިފައިނުވާއިރު 2019 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލުގައި އަލްޖީރިއާ އަތުން އެޓީމު ވަނީ ބަލިވެފަ އެވެ. މިއީ ސެނެގޯލުން މި މުބާރާތުގެ ފައިނަލުގައި ޖެހިޖެހިގެން ކުޅޭ ދެ ވަނަ ފަހަރެވެ.

ފައިނަލް މެޗު ކުޅުމަށް މިހާރު ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ. އެކަމަކު މެޗު ފަސްކުރުމާ ގުޅޭގޮތުން އެފްރިކާ ފުޓްބޯޅައިގެ މައި އިދާރާއިން އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!