ސްޕެނިޝް ކަޕްގެ ކުއާޓާ ފައިނަލުގައި ރޭ އެތުލެޓިކް ބިލްބާއޯ އަތުން 0-1 އިން ބަލިވެ ރެއާލް މެޑްރިޑް މުބާރާތުން ކަޓައިފި އެވެ.
މިދިޔަ މަހު ސައުދީ އަރަބިއާގައި ކުޅުނު ސްޕެނިޝް ސުޕަ ކަޕްގެ ފައިނަލުގައި ރެއާލުން ވަނީ ވަނީ ބިލްބާއޯ ބަލިކޮށްފަ އެވެ. އޭގެ ދުވަސްކޮޅެއް ފަހުން ރެއާލްގެ މައްޗަށް ކުރި ހޯދުމަކީ ބިލްބާއޯ އަށް ލިބުނު ރަނގަޅު ބަދަލުހިފުމެކެވެ. އަނެއްކޮޅުން ސްޕެނިޝް ކަޕުން ކެޓުމުން މި ސީޒަނުގައި ޑޮމެސްޓިކް ޑަބަލް ހޯދަން ރެއާލުން ކުރި މަސައްކަތް ފަނުފުލުން ދިޔައީ އެވެ. މިވަގުތު ސްޕެނިޝް ލީގުގެ އެއް ވަނައިގައި ރެއާލް އޮތީ ހަތަރު ޕޮއިންޓުގެ ލީޑެއްގަ އެވެ. ދެ ވަނައިގައި އޮތީ ސެވިއްޔާ އެވެ.
މުހިއްމު ކުޅުންތެރިޔާ ކަރީމް ބެންޒެމާ ނެތި ކުޅުނު ރެއާލް މެޑްރިޑް ކޮޅަށް ހަމައެކަނި ގޯލު ބިލްބާއޯ އިން ޖެހީ 89 ވަނަ މިނެޓުގަ އެވެ. މިއީ ބިލްބާއޯގެ މިކޭލް ވެސްގާގެ އެހީތެރިކަމާ އެކު އަލެކްސް ބެރެންގިއޭ ޖެހި ލަނޑެކެވެ. އޭރިޔާ ތެރެއިން ބެރެންގިއޭ އަށް ލިބުނު ބޯޅަ ގޯލްކީޕަރު ތިބައޫ ކޯޓުއާ އަށް ފުރުސަތެއް ނުދީ ބެރެންގިއޭ ފޮނުވާލީ ގޯލުގެ ތިރީ ކަނަށެވެ.
މި ސީޒަނުގެ ސްޕެނިޝް ކަޕްގައި ބިލްބާއޯ އިން ވަނީ ބާސެލޯނާ ވެސް ކަޓުވާލާފަ އެވެ. މިއާއެކު ބިލްބާއޯ ވެފައިވަނީ ސްޕެނިޝް ކަޕްގައި ބާސެލޯނާ އާއި ރެއާލް މެޑްރިޑް އެއް ސީޒަނެއްގައި ކަޓުވާލި ދެ ވަނަ ޓީމަށެވެ. މީގެ ކުރިން އެ ރެކޯޑް އޮތީ ރެއާލް ޒަރަގޯޒާ އަތުގަ އެވެ.
މިދިޔަ ދެ ސީޒަނުގައި ވެސް ބިލްބާއޯ ވަނީ ސްޕެނިޝް ކަޕްގެ ފައިނަލުގައި ކުޅެފަ އެވެ. ބިލްބާއޯއާ އެކު މިފަހަރު ސެމީ އަށް ދަތުރުކުރި އަނެއް ތިން ޓީމަކީ ވެލެންސިއާ، ރެއާލް ބެޓިސް އަދި ރަޔޯ ވަޔޮކާނޯ އެވެ.