މާލޭގައި މިހާރު ކުރިއަށްދާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި ރޭ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން މާޒިޔާގެ މައްޗަށް 1-0 އިން ކުރި ހޯދައިފި އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ސަސް ވަނީ އީގަލްސް އަތުން ބަލިވެފަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ދެ މެޗުން 6 ޕޮއިންޓް ހޯދާފައިވާ އީގަލްސް އެވެ. އީގަލްސް ވަނީ އިއްޔެ ހަވީރު ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް 6-0 އިން ބަލިކޮށްފަ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ތިން ވަނައިގައި އޮތް ސަސް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. މާޒިޔާ ދެ ވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. މި ގްރޫޕުގައި ދެން އޮތީ ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ސަސް އާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
އީގަލްސް އަތުން ބަލިވި މެޗާ ހިލާފަށް ސަސް އިން ރޭ ވަނީ ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގެ ހަމައެކަނި ލަނޑު 62 ވަނަ މިނެޓުގައި ޖެހީ ސަސްގެ މުތާއު އަހުމަދު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސަސްގެ ޑިފެންޑަރު އަހުމަދު އައިހަމް މޫސާ އެވެ. އައިހަމް ވަނީ މާޒިޔާގެ އެޓޭކުތައް ހުއްޓުވުމުގައި ފަހަތުގައި ހުރެގެން ޓީމު ލީޑުކޮށްފަ އެވެ.
މުބާރާތުގެ ގްރޫޕް ބީގައި ވާދަކުރަނީ މަހިބަދޫ ސްޕޯޓްސް ކްލަބާއި، ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ. މުބާރާތުގައި މިއަދު ހަވީރު ކުޅޭ މެޗުގައި ވެލެންސިއާ އާއި ޔޫވީ ވާދަކުރާއިރު މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ޓީސީ އެވެ. ފުރަތަމަ މެޗުގައި ޓީސީން ވެލެންސިއާ ބަލިކުރިއިރު މަހިބަދޫ ވަނީ ޔޫވީއާ އެއްވަރުކޮށްފަ އެވެ.

ސަސް އާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
ޔޫތު ޗެމްޕިއަންޝިޕް އެފްއޭއެމުން ބާއްވަން ފެށީ 2011 ވަނަ އަހަރު އެވެ. ކޮވިޑާ ގުޅިގެން މިދިޔަ ދެ އަހަރުގެ މުބާރާތް ބާއްވާފައެއްނުވެ އެވެ. މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ކްލަބް އީގަލްސް، ކްލަބް ގްރީން ސްޓްރީޓްސް، ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ އެވެ. މުބާރާތުގައި އެންމެ ކާމިޔާބު ޓީމަކީ ހަތަރު ތަށި ހޯދާފައިވާ އީގަލްސް އެވެ.