އާޖެންޓީނާގެ ރިވަ ޕްލޭޓަށް ކުޅެމުން އަންނަ 21 އަހަރު ހުނަރުވެރި ފޯވާޑް ހޫލިއަން އަލްވަރޭޒް މެންޗެސްޓަރ ސިޓީ އަށް ބަދަލުވާނެކަމަށް ރިޕޯޓުތައް ބުނެފި އެވެ.
ވިންގެއްގެ ގޮތުގައި އަދި ސެންޓަ ފޯވާޑަށް ވެސް ކުޅޭ އަލްވަރޭޒް އަކީ ސައުތު އެމެރިކާގައި މިހާރު އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާ އެވެ. ރިޕޯޓުތައް ބުނާގޮތުން ސިޓީން އަލްވަރޭޒް ގެންނަށް ހުށަހަޅަނީ 20 މިލިއަން ޕައުންޑެވެ. އަލްވަރޭޒް ކްލަބް ބަދަލުކުރުމުގެ އެއްބަސްވުމަކަށް ދެޓީމުން އައިސްފައިވާއިރު ސިޓީން ވަރަށް އަވަހަށް ރަސްމީކޮށް މި ޑީލް އާއްމުކުރާނެކަމަށް ބެލެވެ އެވެ.
2016 ވަނަ އަހަރު ރިވަ ޕްލޭޓްގެ ޔޫތު ޓީމުން ކުޅެން ފަށައި އަލްވަރޭޒް ވަނީ 2018 ވަނަ އަހަރު އެ ކްލަބުގެ ސީނިއާ ޓީމުން ފުރުސަތު ހޯދައިފަ އެވެ. ރިވަ ޕްލޭޓަށް ކުޅުނު 96 މެޗުގައި އަލްވަރޭޒް ވަނީ 36 ލަނޑު އެޓީމަށް ޖަހައިދީފަ އެވެ. އަދި މިދިޔަ އަހަރު ރިވަ ޕްލޭޓުން އާޖެންޓީނާގެ ޗެމްޕިއަންކަން ހޯދިއިރު އަލްވަރޭޒް އެޓީމުގެ މޮޅު ކުޅުމެއް ދެއްކި އެވެ. މިދިޔަ އަހަރު ލީގުގައި ޖެހި 18 ގޯލާ އެކު އަލްވަރޭޒް ވަނީ ރަން ބޫޓު ހޯދައި ސައުތު އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. ރިވަ ޕްލޭޓާ އެކު އަލްވަރޭޒް ހަދާފައިވާ އެއްބަސްވުން ހަމަވާނީ މިއަހަރުގެ ޑިސެމްބަރު މަހު އެވެ.
އާޖެންޓީނާގެ 20 އަހަރުން ދަށުގެ ގައުމީ ޓީމުން 2019 ވަނަ އަހަރު ފުރުސަތު ލިބުނު އަލްވަރޭޒް އަކީ މިހާރު ސީނިއާ ޓީމުގެ ކުޅުންތެރިއެކެވެ. ގައުމީ ޓީމަށް މިހާތަނަށް ފަސް މެޗު ކުޅެދީފައިވާއިރު މިދިޔަ އަހަރު އާޖެންޓީނާ އިން ކޮޕާ އެމެރިކާ ކާމިޔާބުކުރި ޓީމުގައި އަލްވަރޭޒް ހިމެނުނެވެ. އަދި ކުރިއަށް އޮތް ވޯލްޑް ކަޕް ކޮލިފައިން މެޗުތަކުގައި ވެސް އަލްވަރޭޒް އާޖެންޓީނާގެ ޓީމުން ފެންނާނެ އެވެ.
ސިޓީ އިން ފޯވާޑެއްގެ ސޮއި ހޯދުމާ ގާތަށް ޖެހިލިއިރު މި ސީޒަނުގެ ޕްރިމިއާ ލީގުގެ އެއް ވަނައިގައި އެޓީމު އޮތީ ނުވަ ޕޮއިންޓުގެ ފަރަގަކާ އެކު އެވެ. އާޖެންޓީނާ އަށް އުފަން ސާޖިއޯ އަގުއޭރޯ އެ ކްލަބް ދޫކޮށްލިފަހުން އެ މަގާމަށް ކުޅޭ ފޯވާޑެއް ސިޓީން ހޯދާފައި ނުވިނަމަވެސް ކޯޗު ޕެޕް ގާޑިއޯލާ އަންނަނީ ނަތީޖާ ނެރެމުންނެވެ.