19 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން އެފްއޭއެމުން މިއަދު ފެށި ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗު ކްލަބް އީގަލްސް އިން ކާމިޔާބުކޮށްފި އެވެ. ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް އީގަލްސް އިން މެޗު ކާމިޔާބުކުރީ 0-1 އިންނެވެ.
މި މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ އިތުރުން މަހިބަދޫ ސްޕޯޓްސް ކްލަބެވެ. ގްރޫޕް އޭގައި އީގަލްސް އާއި ސަސްގެ އިތުރުން ހިމެނެނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، ކްލަބް ގްރީން ސްޓްރީޓްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބެވެ. ހަތަރު ޓީމު ހިމެނޭ ގްރޫޕް ބީގައި ހިމެނެނީ މަހިބަދޫ އާއި ޓީސީ ސްޕޯޓްސް ކްލަބް، ކްލަބް ވެލެންސިއާ އަދި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި ސަސް ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
މުބާރާތުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ނިމޭނީ ފެބްރުވަރީ ފަސް ވަނަ ދުވަހު އެވެ. ސެމީ ފައިނަލުގެ މެޗުތައް އޮންނާނީ ފެބްރުވަރީ ނުވަ ވަނަ ދުވަހު އެވެ. ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ފެބްރުވަރީ 14 ވަނަ ދުވަހު އެވެ.
ސަސް ކޮޅަށް އީގަލްސް މޮޅުވި ލަނޑު 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އީގަލްސްގެ ފަހަތް ބެލެހެއްޓި ހުމެއިދު ހުސައިން އެވެ. ހުމެއިދު އަކީ މި ސީޒަނުގައި އީގަލްސްގެ ސީނިއާ ޓީމުން ވެސް ފެނިފައިވާ ކުޅުންތެރިއެކެވެ.
ޔޫތު ޗެމްޕިއަންޝިޕް 19 އަހަރުން އަމާޒުކޮށްގެން އެންމެ ފަހުން ބޭއްވީ 2018 ވަނަ އަހަރު އެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ގްރީން ސްޓްރީޓްސް އިންނެވެ. ޖެހިގެން އައި އަހަރު 21 އަހަރުން ދަށަށް އަމާޒުކޮށްގެން ބޭއްވިއިރު ޗެމްޕިއަންކަން ހޯދީ ކްލަބް އީގަލްސް އެވެ. އީގަލްސް އަކީ ޔޫތު ޗެމްޕިއަންޝިޕް ހަތަރު ފަހަރު ހޯދާފައިވާ މި މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ. އެ ކްލަބުން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ 2014، 2016، 2017 އަދި 2019 ވަނަ އަހަރު އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި އީގަލްސް އާއި ސަސް ވާދަކުރި މެޗުގެ ތެރެއިން. – ފޮޓޯ: އެފްއޭއެމް
ޔޫތު ޗެމްޕިއަންޝިޕް އެފްއޭއެމުން ބާއްވަން ފެށީ 2011 ވަނަ އަހަރު އެވެ. މިދިޔަ ދެ އަހަރު ކޮވިޑާ ގުޅިގެން މުބާރާތް ބާއްވާފައި ނުވާއިރު 2015 ވަނަ އަހަރު ވެސް މުބާރާތް ބާއްވާފައެއްނުވެ އެވެ. އީގަލްސް އާއި ގްރީން ސްޓްރީޓްސްގެ އިތުރުން ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައިވާ ކްލަބްތަކަކީ ކްލަބް ވެލެންސިއާ، ވިކްޓްރީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ މަހިބަދޫ އާއި ޔޫވީ އެވެ. މެޗު ފަށާނީ މިރޭ 8:30 ގަ އެވެ.