އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާ ބްރެންޓްފޯޑް އަތުން މެންޗެސްޓަރ ޔުނައިޓެޑް މޮޅުވި މެޗުގެ ދެ ވަނަ ހާފުގައި ކްރިސްޓިއާނޯ ރޮނާލްޑޯ ބަދަލުކުރުމުން، ރޮނާލްޑޯ ރުޅިގަދަވީ ޖަޒުބާތުގައި ޖެހިގެން ކަމަށް ޔުނައިޓެޑް ކޯޗު ރަލްފް ރަންގްނިކް ބުނެފި އެވެ.
ރަށުން ބޭރުގައި ބްރެންޓްފޯޑް އަތުން 3-1 އިން ޔުނައިޓެޑް މޮޅުވި މެޗުގެ 71 ވަނަ މިނެޓުގައި ރޮނާލްޑޯގެ ބަދަލުގައި ކުޅެން އެރުވީ ޑިފެންޑަރު ހެރީ މެގުއާ އެވެ. އޭރު ޔުނައިޓެޑް އޮތީ ދެ ގޯލުން ކުރީގަ އެވެ. މެޗުގައި ބާކީ 20 މިނެޓު އޮއްވައި ބަދަލުކުރުމުން އުމުރުން މިހާރު 36 އަހަރުގެ ރޮނާލްޑޯ ހުރީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފަ އެވެ. ރޮނާލްޑޯގެ ހިތްހަމަނުޖެހުން ޓީވީން ފެނުނުއިރު އޭގެ އިރުކޮޅެއް ފަހުން ޔުނައިޓެޑުން މެޗުގައި ތިން ލަނޑުގެ ލީޑެއްނެގި އެވެ. އެ ލަނޑަށް ފަހު ކޯޗު ރަންގްނިކް ރޮނާލްޑޯ ހަމައަކަށް އަޅުވަން ވާހަކަދައްކަމުންދިޔަ މަންޒަރު ފެނުނެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރަންގްނިކް ބުނީ އޭނާ ބޭނުންވަނީ ރޮނާލްޑޯ އެއް ދުވަހަކުން ފުޓްބޯޅަ ޓީމެއްގެ މެނޭޖަރަކަށް ވާންކަމާއި، އޭރުން އެ އުމުރުގެ ކުޅުންތެރިއަކު ހާލަތަށް ބަލައި ބަދަލުކުރަނީ ކީއްވެކަން ރޮނާލްޑޯ އަށް ވިސްނޭނެ ކަމަށެވެ. ކޯޗު ބުނީ އެރޭ ރޮނާލްޑޯގެ ފަރާތުން ފެނުނީ ރުޅި ނޫން ކަމަށާއި، އޭނާ ގަބޫލުކުރާ ގޮތުގައި ރޮނާލްޑޯ އެގޮތަށް އަމަލުކުރީ ކުޅެން ބޭނުންވެފައި ހުއްޓައި ބޭލުމުން ޖަޒުބާތުގައި ޖެހިގެން ކަމަށެވެ.
“އަހަރެންނަށް ހީވާ ގޮތުގައި ކޮންމެވެސް ހިސާބަކުން ރޮނާލްޑޯ ވެސް މެނޭޖަރަކަށް ވާނެ. ފަހަރެއްގަ ކުރިއަށް އޮތް ދެއަހަރުތެރޭ ނޫނީ އިތުރު ފަސް އަހަރު ކުޅެފިނަމަ ކުރިއަށް އޮތް 10 ވަރަކަށް އަހަރުތެރޭ ކޯޗަކަށް ވެއްޖެނަމަ ރޮނާލްޑޯ ވެސް އަމިއްލަ އަށް އެ ތަޖުރިބާ ކުރާނެ. އެކަމުގަ އަހަރެން ރޮނާލްޑޯ ގޯހެއް ނުކުރަން. އަދި އެއްވެސް މެނޭޖަރަކަށް އެއީ މާ އުނދަގޫ ކަމަކަށް ވެގެންނުވާނެ” ރޮނާލްޑޯއާ ގުޅޭގޮތުން ރަންގްނިކް ބުންޏެވެ.
އެ މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ޖަހައިދިނީ ޒުވާން ފޯވާޑް އެންތަނީ އިލާންގާ އާއި މޭސަން ގްރީންވުޑް އަދި މާކަސް ރަޝްފޯޑް އެވެ.
ލީގުގައި ޔުނައިޓެޑް މިރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ 8 ޖަހާއިރު އެވެ. 21 މެޗުން 35 ޕޮއިންޓާ އެކު ޔުނައިޓެޑް މިވަގުތު ހަތް ވަނައިގައި އޮތްއިރު 22 މެޗުން ލިބުނު 37 ޕޮއިންޓާ އެކު ވެސްޓް ހޭމް އޮތީ ހަތަރު ވަނައިގަ އެވެ. މެޗަށް ނުކުންނައިރު އަނިޔާގެ ސަބަބުން ރޮނާލްޑޯ ފެނުމުގެ ފުރުސަތު ކުޑަ އެވެ.