ފުރަތަމަ ސަފްޙާ / ޚަބަރު / އާސެނަލް ބަލިކޮށް ސިޓީ އިން އާ އަހަރުގެ ފެށުން ފާހަގަކޮށްފި

އާސެނަލް ބަލިކޮށް ސިޓީ އިން އާ އަހަރުގެ ފެށުން ފާހަގަކޮށްފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 1 ޖެނުއަރީ 2022

އާ އަހަރުގެ ފުރަތަމަ މެޗުގައި މިރޭ ރަށުން ބޭރުގައި 2-1 އިން އާސެނަލް ބަލިކޮށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި 11 ޕޮއިންޓުގެ ލީޑެއް މެންޗެސްޓަރ ސިޓީ އިން ނަގައިފި އެވެ.

ސިޓީ އެއް ވަނައިގައި އޮތީ 21 މެޗުން ހޯދި 53 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ޗެލްސީ އަށް 20 މެޗުން 42 ޕޮއިންޓް ލިބިފައިވާއިރު ތިން ވަނައިގައި އޮތް ލިވަޕޫލަށް 19 މެޗުން ލިބިފައިވަނީ 41 ޕޮއިންޓެވެ. ލީގުގައި މާދަމާ ރޭ ޗެލްސީ އާއި ލިވަޕޫލް ވާދަކުރާނެ އެވެ. މެޗުން ބަލިވި އާސެނަލް އޮތީ 20 މެޗުން ލިބުނު 35 ޕޮއިންޓާ އެކު ހަތަރު ވަނައިގަ އެވެ.

ފުރަތަމަ ހާފުގައި މޮޅަށް ކުޅުނު އާސެނަލުން މެޗުގައި ލީޑު ނެގީ 31 ވަނަ މިނެޓުގައި ބުކާޔޯ ސާކާ ޖެހި ގޯލުންނެވެ. ފުރަތަމަ ހާފުގެ ކުރީކޮޅު އާސެނަލްގެ މާޓިން އޮޑިގާޑަށް ސިޓީގެ ގޯލްކީޕަރު އެޑަސަން ފައުލްކުރި ކަމަށް ބުނެ އެޓީމުން ޕެނަލްޓީއަކަށް އެޕީލްކުރި އެވެ. އެކަމަކު ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީ ނުދޭށެވެ.

މެޗުގެ ނަތީޖާ ސިޓީ އިން ހަމަހަމަކުރީ ލިބުނު ޕެނަލްޓީއަކުން 57 ވަނަ މިނެޓުގަ އެވެ. ބެނާޑޯ ސިލްވާ އަށް އާސެނަލްގެ ގްރަނިޓް ޝާކާ ކުރި ފައުލަކަށް ދިން ޕެނަލްޓީ ވައްދާލީ ރިޔާދް މާރޭޒް އެވެ. މި ޕެނަލްޓީ ރެފްރީ ދިނީ ވީއޭއާރުގެ އެހީ ހޯދުމަށް ފަހު އެވެ. މާރޭޒްގެ ލަނޑަށް ދެ މިނެޓު ނުވަނީސް އާސެނަލްގެ މުހިއްމު ޑިފެންޑަރު ގެބްރިއަލް މަގާޅޭސް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރެފްރީ ރަތް ކާޑު ދެއްކި އެވެ. އޭނާ އަށް ރަތް ކާޑު ދެއްކީ ސިޓީގެ ގެބްރިއަލް ޖީސުސް އަށް ކުރި ފައުލަކަށެވެ. ސިޓީ މެޗުން މޮޅުވީ އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ރޮޑްރީ ޖެހި ގޯލުންނެވެ.

އާސެނަލް މިއަދުގެ މެޗަށް ނުކުތްއިރު ކޮވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން އެޓީމުގެ ކޯޗު މިކެލް އާޓެޓާ ހުރީ ޓީމާ ދުރުގަ އެވެ.

ޕްރިމިއާ ލީގުގައި އާސެނަލަށް ސިޓީ އަތުން އެންމެ ފަހުން ޕޮއިންޓެއް ހޯދުނީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހު 2-2 އިން އެއްވަރުވި މެޗުގަ އެވެ. އޭގެފަހުން ލީގުގައި ސިޓީއާ ދެކޮޅަށް ކުޅުނު 10 މެޗުގައި ޖެހިޖެހިގެން ބަލިވިއިރު މިއީ އެއް ޓީމަކާ ދެކޮޅަށް ލީގުގައި އާސެނަލަށް ލިބުނު އެންމެ ދަށް ނަތީޖާ އެވެ. ލީގުގެ ފުރަތަމަ ބުރުގައި ސިޓީ ދަނޑުގައި އެޓީމުން ވަނީ 0-5 އިން އާސެނަލް ބަލިކޮށްފަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!