ފުރަތަމަ ސަފްޙާ / ޚަބަރު / މޮޅަކުން އަހަރު ނިންމައި ޔުނައިޓެޑް ހަ ވަނަ އަށް

މޮޅަކުން އަހަރު ނިންމައި ޔުނައިޓެޑް ހަ ވަނަ އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 31 ޑިސެމްބަރު 2021

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން މި އަހަރު ކުޅުނު ފަހު މެޗުގައި އަމިއްލަ ދަނޑުގައި 1-3 އިން ބާންލީ ބަލިކޮށް ލީގުގެ ހަ ވަނަ އަށް ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މެޗުގައި ހުރިހާ ލަނޑެއް ވެސް ފެނުނީ ފުރަތަމަ ހާފުގަ އެވެ. މެޗުގެ ފުރަތަމަ ލަނޑު އަށް ވަނަ މިނެޓުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޖެހީ ސްކޮޓް މެކްޓޮމިނޭ އެވެ. ދެ ވަނަ ލަނޑަކީ ބާންލީގެ ބެން މީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޖޭޑަން ސަންޗޯ ތިރިތިރިން ގޯލުގެ ކަނަށް ފޮނުވާލި ބޯޅަ ގޯލަށް ވަނީ މީގެ ފައިގައި ޖެހިފަ އެވެ. ޔުނައިޓެޑްގެ ތިން ވަނަ ގޯލު ޖެހީ ރޮނާލްޑޯ އެވެ. މެކްޓޮމިނޭ ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ރޮނާލްޑޯ ވައްދާލީ ހުސްކޮށް އޮތް ގޯލަށެވެ. މިއީ ޕްރިމިއާ ލީގުގައި މި ސީޒަނުގައި ރޮނާލްޑޯ ޖެހި އަށް ވަނަ ލަނޑެވެ. މި ސީޒަނުގައި ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް 14 ލަނޑު ޖަހައިދީފަ އެވެ. ޔުނައިޓެޑް ތިން ގޯލުގެ ލީޑެއްގައި އޮއްވައި ބާންލީގެ އާރޮން ލެނޮންގެ ގޯލުން އެޓީމުން ވަނީ ފަރަގު ކުޑަކޮށްފަ އެވެ. އެކަމަކު އޭގެފަހުން މެޗުގައި އިތުރު ގޯލެއް ނުފެނުނެވެ.

ކޮވިޑާ ގުޅިގެން ރޭގެ މެޗަކީ ޑިސެމްބަރު 12 ވަނަ ދުވަހުގެ ފަހުން ބާންލީ ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑަށް ވެސް ކޮވިޑާ ގުޅިގެން މެޗުތަކެއް ގެއްލުމަށް ފަހު މިދިޔަ ހަފްތާ ރަށުން ބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރިފަހުން މިއީ ބަލިނުވެ އެޓީމުން ކުޅުނު އަށް ވަނަ މެޗެވެ. އެޓީމުގެ ކޯޗުކަމާ ރަލްފް ރަންގްނިކް ހަވާލުވުމުގެ ކުރިން ސޯލްޝެއާއާ އެކު ކޯޗިން ޓީމުގައި މަސައްކަތްކުރި މައިކަލް ކެރިކް ވަނީ ތިން މެޗުގައި ޔުނައިޓެޑަށް އިރުޝާދުދީފަ އެވެ.

ލީގުގެ ހަ ވަނައިގައި ޔުނައިޓެޑް އޮތީ 18 މެޗުން ލިބުނު 31 ޕޮއިންޓާ އެކު އެވެ. 19 މެޗުން ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ގޯލުގެ ތަފާތުން ފަސް ވަނައިގައި އޮތީ ވެސްޓް ހޭމް ޔުނައިޓެޑެވެ. ލީގުގެ ހަތަރު ވަނައިގައި 35 ޕޮއިންޓާ އެކު އާސެނަލް އޮތްއިރު 41 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތީ ލިވަޕޫލެވެ. 42 ޕޮއިންޓާ އެކު ޗެލްސީ ދެ ވަނައިގައި އޮތްއިރު އެއް ވަނައިގައި އޮތީ 50 ޕޮއިންޓް ހޯދާފައިވާ މެންޗެސްޓަރ ސިޓީ އެވެ. ސިޓީ އާއި ޗެލްސީން 20 މެޗު ކުޅެފައިވާއިރު ލިވަޕޫލް އާއި އާސެނަލުން ކުޅެފައިވަނީ 19 މެޗެވެ.

ލީގުގެ މެޗުތައް ދެން އޮންނާނީ މާދަމާ އެވެ. އާ އަހަރުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު 5:30 ގައި ފަށާ މެޗުގައި ބައްދަލުކުރާނީ އާސެނަލާއި ސިޓީ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!