މެންޗެސްޓަރ ސިޓީ އަށް ކުޅޭ ސްޕެއިންގެ އުމުރުން 21 އަހަރުގެ ފޯވާޑް ފެރާން ޓޮރޭޒް ބާސެލޯނާ އަށް ބަދަލުވާން އެއްބަސްވެއްޖެ އެވެ.
ރިޕޯޓުތައް ބުނާގޮތުން ބާސެލޯނާ އިން ޓޮރޭޒް ގަންނަނީ 46.7 މިލިއަން ޕައުންޑަށެވެ. އެކަމަކު އެ އަގުގެ ތެރެއަށް 8.5 މިލިއަން ޕައުންޑް އިތުރުވާނެ އެވެ. މާލީ ދަތިތަކާ ހުރެ ވެސް ޓޮރޭޒް ގަންނަ އަގު ބާސެލޯނާ އަށް ދެއްކޭނެކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ. މާލީ އަޑިގަނޑުން އަރައިގަތުމަށް ބާސެލޯނާ އިން ދާދިފަހުން ވަނީ ބޭންކް ލޯނެއް ވެސް ނަގައިފަ އެވެ. އެކަމަކު ވެސް ބައެއް ކުޅުންތެރިން ވިއްކާނުލާ ބާސެލޯނާ އަށް އެޓީމުގެ ސްކޮޑަށް ޓޮރޭޒް އިތުރެއް ނުކުރެވޭނެ އެވެ. އެހެންނޫނީ ލަލީގާގެ ފައިނޭންޝިއަލް ފެއާ ޕްލޭގެ ދަށުން އެ ޑީލް ކުރިއަށް ނުދިއުމުގެ ފުރުސަތު އެބައޮތެވެ.
މިދިޔަ އަހަރުގެ އޮގަސްޓް މަހު ސެވިއްޔާ އިން ސިޓީ އަށް ބަދަލުވި ފޯވާޑް ވަނީ ސިޓިގެ ޖާޒީގައި ކުޅުނު 43 މެޗުގައި 16 ލަނޑު ޖަހައިފަ އެވެ. މި ސީޒަނުގެ ލީގުގެ ފުރަތަމަ ހަ މެޗުގެ ފުރަތަމަ އެގާރައިގައި ކުޅެ ޓޮރޭޒް ތިން ގޯލު ޖެހި އެވެ. އޭގެތެރޭގައި އާސެނަލް ކޮޅަށް ޖެހި ދެ ގޯލު ހިމެނެ އެވެ. ޓޮރޭޒް އަށް ފުރަތަމަ އެގާރައިން ފުރުސަތު ގެއްލުނީ ސެޕްޓެމްބަރު މަހު ސައުތެމްޓަނާ ދެކޮޅަށް ކުޅެ 0-0 އިން ސިޓީ އެއްވަރުވި މެޗުގަ އެވެ. އޭގެފަހުން ބައިނަލްއަގްވާމީ މެޗުތައް ކުޅުމަށް ސްޕެއިން ޓީމާއެކު ހުއްޓައި ޓޮރޭޒްގެ ފަޔަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުނެވެ. އެއަށްފަހު ސިޓީ ޓީމުން ޓޮރޭޒް ފެނިފައެއްނުވެ އެވެ.
ސިޓީގެ ޓީމުން ފުރުސަތު ނުލިބޭތީ ޓޮރޭޒް ވަނީ ސިޓީ ދޫކޮށްލަން ބޭނުންވާކަން ޕެޕް ގާޑިއޯލާ އަށް އަންގައިފަ އެވެ. ސިޓީން ޓޮރޭޒް ދޫކޮށްލަނީ އެޓީމުގެ އެޓޭކުގައި މިހާރު ގިނަ ކުޅުންތެރިންތަކެއް ތިބުމުންނެވެ. އޭގެތެރޭގައި ބެނާޑޯ ސިލްވާ އާއި 100 މިލިއަނަށް އެޓީމަށް ގެނައި ޖެކް ގްރީލިޝް އާއި ރިޔާދް މާރޭޒްގެ އިތުރުން ރަހީމް ސްޓާލިން، ފިލް ފޯޑެން އަދި ގެބްރިއަލް ޖީސުސް ހިމެނެ އެވެ.
ބާސެލޯނާ އިން ޓޮރޭޒް ގެންނަނީ އެޓީމުގައި ކުޅުމުގެ ފުރުސަތު ލިބޭނެކަމުގެ ޔަގީންކަންދީފަ އެވެ. ބާސެލޯނާގެ ޓާގެޓަކީ އެޓީމުގެ ޒުވާން ތަރި އަންސޫ ފާޓީއާ އެއްވަރަށް ޓޮރޭޒް އެޓީމުގައި ވިދުން ގަދަކުރުމެވެ. ބާސެލޯނާ އަށް ފޯވާޑެއް ކޮންމެހެން މުހިއްމުވީ މާލީ ދަތިތަކާހެދި މުހިއްމު ދެ ފޯވާޑުން ކަމަށްވާ ލިއޮނަލް މެސީ އާއި އޮންޓުއަން ގްރީޒްމް ވިއްކާލަން ޖެހުމާއި، ބަދަލުގައި ގެނައި ސާޖިއޯ އަގުއޭރޯ ހިތުގެ މައްސަލައަކާ ގުޅިގެން ފުޓްބޯޅަ އިން ރިޓަޔާ ކުރުމުންނެވެ.
މި ސީޒަނުގައި ދަށްކޮށް ފެންނަ ބާސެލޯނާގެ ކޯޗަކަށް ހުރި ރޮނާލްޑް ކޫމަން އޮކްޓޫބަރު މަހު މަގާމުން ވަކިކޮށް އެޓީމަށް ގެނައީ ކުރީގެ ތަރި ޒަވީ ހެނާންޑޭޒް އެވެ. ޒަވީގެ ކޯޗުކަމުގައި ކުޅުނު ފުރަތަމަ އަށް މެޗުގެ ތެރެއިން މޮޅުވީ ތިން މެޗުންނެވެ. އަދި، ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކަޓައި ބާސެލޯނާ މިހާރު ކުޅެނީ ޔޫރޮޕާ ލީގުގަ އެވެ.