ފުރަތަމަ ސަފްޙާ / ޚަބަރު / ބޮޑު މޮޅަކާ އެކު ޗެރިޓީ ޝީލްޑްގެ ރަސްކަން މާޒިޔާ އަށް

ބޮޑު މޮޅަކާ އެކު ޗެރިޓީ ޝީލްޑްގެ ރަސްކަން މާޒިޔާ އަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 16 ޑިސެމްބަރު 2021

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗު، ކްލަބް ވެލެންސިއާއާ ވާދަކޮށް 0-5 އިން މޮޅުވެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމުގެ ރަސްކަމަށް އަރައިފި އެވެ.

މާޒިޔާ ޗެރިޓީ ޝީލްޑް މެޗުގެ އެންމެ ކާމިޔާބު ޓީމަށްވީ ހަތަރު ފަހަރު މެޗު ކާމިޔާބުކޮށްގެންނެވެ. މި ސީޒަނުގެ އިތުރުން މާޒިޔާ އިން ޝީލްޑް މެޗު ކާމިޔާބުކުރީ 2015، 2016 އަދި 2017 ވަނަ އަހަރު އެވެ. މާޒިޔާގެ ފަހަތުން ދެ ވަނައިގައި އޮތީ ތިން ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައިވާ ވީބީ އައްޑޫ އެފްސީ އެވެ. މިހާރު ފުރަތަމަ ޑިވިޝަނުން ނުފެންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ވަނީ ދެ ފަހަރު ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެވެ. ޗެރިޓީ ޝީލްޑް އެއް ފަހަރު އުފުލާލާފައިވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް އެވެ. ރޭ ކުޅުނީ 2009 ވަނަ އަހަރުން ފެށިގެން ކުޅެމުން އަންނަ ޗެރިޓީ ޝީލްޑްގެ 12 ވަނަ މެޗެވެ.

May be an image of 2 people, people playing football and grass

ވެލެންސިއާ އާއި މާޒިޔާ ވާދަކުރި ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ފަހަތުން އަރައި 3-2 އިން މާޒިޔާ ބަލިކޮށް ޝީލްޑް ކާމިޔާބުކުރީ އީގަލްސް އިންނެވެ. އީގަލްސް އަށް އެ މެޗު ކާމިޔާބުކޮށްދިނީ ރޭ މާޒިޔާއާ އެކު ޝީލްޑް ކާމިޔާބުކުރި މުހައްމަދު ޝިޔާޒް (މޯހަން) އެވެ.

ސީޒަނަށް ވަރުގަދައަށް ތައްޔާރުވީ މާޒިޔާ އިން ރޭ ވަނީ މޮޅު ކުޅުމެއް ދައްކައި ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި މާޒިޔާ އަށް ލީޑު ނަގައިދިނީ މިޑްފީލްޑަރު އިބްރާހީމް އައިސަމް އެވެ. މިއީ އިބްރާހީމް ވަހީދު ހަސަން (އިއްބެ ވަހީދު) ދިން ބޯޅައަކުން އައިސަމް ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ ދެ ވަނަ ލަނޑު 16 ވަނަ މިނެޓުގައި ޖެހީ އިއްބެ ވަހީދު އެވެ. އިއްބެ މި ގޯލު ޖެހީ ފުރަތަމަ ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ނުކުތް ވަގުތު އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ތިން ގޯލުގެ ލީޑެއް ހޯދައިދިނީ 39 ވަނަ މިނެޓުގައި ބިދޭސީ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އެވެ.

May be an image of 2 people, people playing sports and grass

ވެލެންސިއާ އާއި މާޒިޔާ ވާދަކުރި ޗެރިޓީ ޝީލްޑް މެޗުގެ ތެރެއިން. – ފޮޓޯ: އިބްރާހީމް ފާއިދު / އެފްއޭއެމް

ދެ ވަނަ ހާފުގައި މާޒިޔާ އިން ވަނީ އިތުރު ދެ ގޯލު ޖަހައިފަ އެވެ. ލިބުނު ޕެނަލްޓީއަކުން 56 ވަނަ މިނެޓުގައި ހަމްޒާ މުހައްމަދު މެޗުގެ ހަތަރު ވަނަ ލަނޑު ޖެހިއިރު އޭގެ ތިން މިނެޓު ފަހުން މާޒިޔާގެ ފަސް ވަނަ ލަނޑު ޖަހައިދިނީ ހުސައިން ނިހާން (ނިހާޓް) އެވެ. ހަމްޕު ޕެނަލްޓީ ވައްދާލީ ކޮނޭލިއަސް އަށް ވެލެންސިއާގެ އަހުމަދު ސިޒާން ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުންނެވެ.

What better way to open the football season than by giving back and contributing in a way that will have lasting positive impact; We hope that the donated funds will help to augment the ongoing work of the chosen partners benefiting as extensively as possible within our community pic.twitter.com/LZx4cFf9Pl

— FAM Foundation (@maldivesfacsr) December 15, 2021

ޝީލްޑް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މާޒިޔާ އަށް ކުޅޭ ގައުމީ ޓީމުގެ މިޑްފީލްޑަރު އައިސަމް އެވެ. ޗެރިޓީ ޝީލްޑް މެޗުގެ އެއްލައްކަ ރުފިޔާ މިފަހަރު ޑޮނޭޓްކުރީ ޓައިނީ ހާޓްސް އާއި ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް އަށެވެ. މިއިން ކޮންމެ ޖަމިއްޔާއަކަށް ދީފައިވަނީ ބައިލައްކަ ރުފިޔާ އެވެ.

ޗެރިޓީ މެޗަށް ފަހު ސީޒަނުގައި ދެން އޮންނާނީ ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތެވެ. މި މުބާރާތުގައި ވާދަކުރަނީ ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ އަށް ޓީމެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި އަންނަ އާދީއްތަ ދުވަހުގެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެރޭ ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ އާއި ޔުނައިޓެޑް ވިކްޓްރީ ވާދަކުރާނެ އެވެ. ހޯމަ ދުވަހުގެ ހަވީރު މާޒިޔާ އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ވާދަކުރާއިރު އެރޭ ކުޅޭނީ ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބެވެ. ޕްރެޒިޑެންޓްސް ކަޕް ކުރިއަށްދާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!