އެފްއޭ ޗެރިޓީ ޝީލްޑް މެޗުން މިރޭ ރާއްޖޭގެ އާ ފުޓްބޯޅަ ސީޒަން 2022/2021 ފަށާނެ އެވެ. މިރޭގެ މެޗުގައި ބައްދަލުކުރާނީ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން މާޒިޔާ އާއި ރަނަރަޕް ކްލަބް ވެލެންސިއާ އެވެ.
މިފަހަރުގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރަނީ މާޒިޔާ އާއި ވެލެންސިއާގެ އިތުރުން ކްލަބް ގްރީން ސްޓްރީޓްސް، ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)، ކްލަބް އީގަލްސް އަދި ޓީސީ ސްޕޯޓްސް ކްލަބެވެ.
އާ ސީޒަން ފަށާއިރު ޓީމުތަކުގެ ތައްޔާރީތައް ފެންނަނީ ވަރަށް ދަށްކޮށެވެ. ފުރަތަމަ ޑިވިޝަނުގެ އަށް ޓީމުގެ ތެރެއިން ތައްޔާރީތައް އެންމެ ރަނގަޅީ މާޒިޔާ އެވެ. އެޓީމުން ވަނީ ސީޒަން ފެށުމުގެ ކުރިން ނ. އަތޮޅުގައި ކޭމްޕެއް ޖަހައިފަ އެވެ. މާޒިޔާއާ ހިލާފަށް އެހެން ޓީމުތަކަށް އަދި ސީނިއާ ކުޅުންތެރިންނާ އެކު ރަނގަޅަށް ޕްރެކްޓިސް ވެސް ނުފެށެ އެވެ.
މި ސީޒަނުގައި މާޒިޔާގެ ކޯޗަކަށް ހުންނާނީ ޕްރޯ ލައިސެންސް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) އެވެ. މިދިޔަ ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި މޯހަންގެ އިރުޝާދުގެ ދަށުން ކުޅުނު ކްލަބް އީގަލްސް އިން ވަނީ ފަހަތުން އަރައި މާޒިޔާ ބަލިކޮށްފަ އެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޯހަން ބުނީ މިދިޔަ އަހަރުގެ ޗެރިޓީ މެޗުން ބަލިވުމުން މިފަހަރު އެހެންވިޔަނުދީ މެޗު ކާމިޔާބުކުރަން މާޒިޔާ ކުޅުންތެރިން ތިބީ “ފެންބޮވައިގެންފައި” ކަމަށެވެ. މެޗު ކާމިޔާބުކުރުން މުހިއްމުވާ އަނެއް ސަބަބަކީ މޯހަން ދެކޭ ގޮތުގައި ސީޒަނަށް މާޒިޔާ ތައްޔާރުވެފައިވާ މިންވަރު ބެލުމެވެ.
މާޒިޔާގެ ތައްޔާރިތަކާ އެހެން ކްލަބްތައް ނުބައްދަލުވުމާއެކު މޯހަން ބުނީ އެހެން ޓީމަކާ ގުޅޭގޮތުން އޭނާ ވާހަކަދައްކަން ބޭނުންނޫން ކަމަށާއި، ރަނގަޅަށް ތައްޔާރުނުވާ ޓީމަކަށް ޕްރެޝަރެއް ނެތި މެޗު ކުޅެވެނޭކަމަށެވެ. އެކަމަކު މާޒިޔާ އިން ބޭނުންވާ އަމާޒަށް ދިއުމަށް ބޭނުންވަނީ ޕްރެޝަރާ އެކު ކުޅެ މޮޅުވާން ކަމަށް މޯހަން ބުންޏެވެ.
މި ސީޒަނަށް މާޒިޔާ އިން ވަނީ ނޭޕާލުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކިރަން ލިމްބޫ ކުމާރު އާއި ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) އަދީ ގައުމީ ޓީމުގެ ލެފްޓް ބެކް ހައިޝަމް ހަސަން ގެނެސްފަ އެވެ. އަދި ނ. އަތޮޅުގައި ކުރިއަށްގެންދިޔަ ކޭމްޕުން ފާހަގަކުރެވުނު ނ. ކެނދިކުޅުދޫ އަށް ނިސްބަތްވާ ޒުވާން ކީޕަރަކަށް މާޒިޔާގެ ޓީމުން ވަނީ ފުރުސަތުދީފަ އެވެ.
މިދިޔަ ސީޒަނަށް ވަރުގަދައަށް ތައްޔާރުވިނަމަވެސް މިފަހަރު ވެލެންސިއާގެ ތައްޔާރީތައް ފެންނަނީ ވަރަށް ދަށްކޮށެވެ. ރަނގަޅަށް ޕްރެކްޓިސް ނުފެށި އުޅެނިކޮށް އެޓީމުގެ ކޯޗުގެ މަގާމްގައި ހުރި މުހައްމަދު އާތިފް (އާތީ) ވަނީ މަގާމުން ވަކިވެފަ އެވެ. އާކޯޗެއް ހޯދުމުގެ ބަދަލުގައި ޗެރިޓީ ޝީލްޑް މެޗާއި ޕްރެޒިޑެންޓްސް ކަޕްގައި ވެލެންސިއާ އަށް އިރުޝާދުދޭނީ އިސްމާއީލް އާސިފް (ކުޑަހީނޭ) ހިމެނޭހެން ކޯޗިން ޓީމަކުންނެވެ. މި ޓީމުގައި ދެން ހިމެނެނީ ޓީސީގެ ކޯޗިން ޓީމުގަޔާއި ޒުވާން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗިން ޓީމުގައި މަސައްކަތްކުރި އާފިއު މުހައްމަދު އާއި އިލްމާއު ހުސައިން (މައު) އެވެ.
ސީޒަނަށް ތައްޔާރުވާން ވެލެންސިއާ އިން އެންމެ ފުރަތަމަ ޕްރެކްޓިސްކުރީ ޒުވާން ކުޅުންތެރިންނާ އެކު އެވެ. އެޓީމަށް ކުޅޭ ސީނިއާ ގިނަ ކުޅުންތެރިން ޕްރެކްޓިހުގައި ބައިވެރިވާން ފެށީ ވަރަށް ފަހުންނެވެ. މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އާފިއު ބުނީ ޗެރިޓީ މެޗަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ނުލިބުނު ކަމަށާއި ޓީމުގެ ކުޅުންތެރިން ހަމަވިއިރު މެޗު ފެށެން އޮތީ ދެ ހަފްތާއަށް ވެފައި ކަމަށެވެ.
ބިދޭސީ ކުޅުންތެރިން ހިމެނޭހެން ރާއްޖޭގެ ބައެއް ކުޅުންތެރިން ވެލެންސިއާ އަށް ވަނީ ގެނެސްފަ އެވެ. އެޓީމަށް މިދިޔަ ސީޒަނުގައި ކުޅުނު ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިން އާއި ޑިފެންޑަރު ހޯސޭ އެންޓޯނިއޯ މިފަހަރު ވެސް ފެންނާނީ ވެލެންސިއާ އިންނެވެ. މީގެ އިތުރުން ރާއްޖޭގެ ގިނަ ކްލަބްތަކަކަށް ކުޅެފައިވާ މިސްރުގެ ހަލީލް ޖަމާލް އާއި މިދިޔަ ސީޒަނުގައި ޓީސީ އަށް ކުޅުނު ލަންކާގެ ގައުމީ ޓީމުގެ ޑިފެންޑަރު ޑަކްސަން ޕުސްލާސް ވަނީ ވެލެންސިއާއާ ގުޅިފަ އެވެ. ދިވެހި ކުޅުންތެރިންނަށް ބަލާއިރު އެޓީމުން ވަނީ މިދިޔަ ސީޒަނުގައި ސަސް އަށް ކުޅުނު އާދަމް އިޝާމް (ސަން) އާއި ޔުނައިޓެޑް ވިކްޓްރީ އަށް ކުޅުނު އިސްމާއީލް އީސާ (މެސީ) އާއި މާޒިޔާގައި ގިނަ އަހަރުތަކެއް ހޭދަކުރި އަމްދާން އަލީ (އެންޑީ) އާއި މިދިޔަ ސީޒަނުގެ ފަހުކޮޅު ކްލަބް އީގަލްސް އިން ފެނުނު އަސްހަދު އަލީ (އަޑޭ) ގެނެސްފަ އެވެ.
ޗެރިޓީ ޝީލްޑް މެޗަށް ފަހު މި ސީޒަނުގައި ދެން އޮންނާނީ ޕްރެޒިޑެންޓްސް ކަޕެވެ. އެ މުބާރާތް މި މަހުގެ 19 ވަނަ ދުވަހު ފަށާއިރު، މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސޫލުން ބުރެއް ކުޅުމަށް ފަހު އެންމެ ކުރި ލިބޭ ދެ ޓީމު ފައިނަލުގައި ވާދަކުރާ ގޮތަށެވެ.
މާޒިޔާ އާއި ވެލެންސިއާ ވާދަކުރާ ޗެރިޓީ ޝީލްޑް މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.