ފުރަތަމަ ސަފްޙާ / ޚަބަރު / ގަވާއިދާ ހިލާފުވުމުން އޮބާމިޔަން އަތުން ކެޕްޓަން ބޭންޑް އަތުލައިފި

ގަވާއިދާ ހިލާފުވުމުން އޮބާމިޔަން އަތުން ކެޕްޓަން ބޭންޑް އަތުލައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 14 ޑިސެމްބަރު 2021

ކްލަބުން ކަނޑައަޅާފައިވާ ގަވައިދާ ހިލާފުވުމުން ގެބޮންގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމިޔަން އަތުން އާސެނަލްގެ ކެޕްޓަން ބޭންޑް އަތުލައިފި އެވެ.

އަހްލާގީ މައްސަލައެއްގައި އޮބާމިޔަން އަތުން ކެޕްޓަން ބޭންޑް އަތުލިކަން އާސެނަލުން ހާމަކުރީ މިއަދު އާއްމުކުރި ބަޔާނެއްގަ އެވެ. އޮބާމިޔަންއާ ކްލަބާ ދެމެދު ޖެހުނު މައްސަލައާ ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ސައުތެމްޓަން އަތުން އާސެނަލް 0-3 އިން މޮޅުވި މެޗުގެ ޓީމުގައި އޭނާ ހިމަނާފައެއްނުވެ އެވެ. އަދި، ކެޕްޓަން ބޭންޑް އަތުލުމާ އެކު މާދަމާ ރޭ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅޭ މެޗުން ވެސް އޮބާމިޔަން އަށް ފުރުސަތު ނުދޭން ކްލަބުން ވަނީ ނިންމައިފަ އެވެ.

އާސެނަލުން އާއްމުކުރި ބަޔާނުގައި ބުނީ ހުރިހާ ކުޅުންތެރިން އަދި ހާއްސަކޮށް ކްލަބުގެ ކެޕްޓަން ކްލަބާ އެކު އެއްބަސްވެފައިވާގޮތަށް ގަވާއިދާއި އުސޫލުތަކުގައި ހިފަހައްޓަން ޖެހޭނެ ކަމަށެވެ. އޮބާމިޔަންއާ އާސެނަލާ ދެމެދު މައްސަލަ ޖެހުނު ސީދާ ސަބަބު ކޯޗު މިކޭލް އާޓެޓާ ހާމަކޮށްފައެއްނުވެ އެވެ. އާޓެޓާ ބުނީ ކްލަބްގެ ޑްރެސިން ރޫމްގައި ހިނގާ ކަންކަން ހިއްސާނުކުރެވޭނެ ކަމަށެވެ. އެކަމަކު ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އޮބާމިޔަން ޓީމަށް ނުނަގައި އެންމެ ފަހުން ކެޕްޓަންކަމުން ވަކިކުރީ އާއިލީ ކަމެއްގައި ގައުމުން ބޭރަށް ގޮސް ކްލަބުން އަންގާފައިވާ ތާރީހަށް ޓީމާ ނުގުޅުމުންނެވެ.

އަހްލާގީ މައްސަލައެއްގައި މިދިޔަ މާޗް މަހު ވެސް އޮބާމިޔަން އަށް ކްލަބުން ވަނީ އަދަބުދީފަ އެވެ. މިހާރު އުމުރުން 32 އަހަރުގެ އޮބާމިޔަން އަށް އޭރު އަދަބުދިނީ “ޕްރީ-މެޗް ޕްރޮޓޯލް” އާ ހިލާފުވުމުންނެވެ. އެފަހަރު ޓޮޓެންހަމް ހޮޓްސްޕާސް އަތުން އާސެނަލް މޮޅުވި މެޗުން އޮބާމިޔަން އަށް ފުރުސަތެއް ނުލިބުނެވެ.

އޮބާމިޔަން އަށް އާސެނަލްގެ ކެޕްޓަން ބޭންޑް 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުކުރީ އޭރުގެ ކޯޗު އުނާއި އެމެރީ އެވެ. އޮބާމިޔަންގެ ކުރިން ކެޕްޓަންކަމުގެ މަގާމުގައި ހުރި ގްރޭނިޓް ޝާކާ އަތުން ބޭންޑް އަތުލީ ސަޕޯޓަރުންނާ ދެމެދު ޖެހުނު މައްސަލައަކާހެދި އެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑުން 56 މިލިއަން ޕައުންޑަށް އޮބާމިޔަން އާސެނަލަށް ބަދަލުވީ 2018 ވަނަ އަހަރު އެވެ. އާސެނަލަށް މިހާތަނަށް ކުޅެދިން 163 މެޗުގައި 92 ގޯލު ޖަހާފައިވާ އޮބާމިޔަން ވަނީ މިދިޔަ އަހަރު އެ ކްލަބާ އެކު އިތުރު ތިން އަހަރުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

ކެޕްޓަން ބޭންޑް އަތުލުމުން އޮބާމިޔަން އާސެނަލްގައި ހުންނާނެ ކަމާމެދު މިހާރު ވަނީ ސުވާލު އުފެދިފަ އެވެ. އެކަމަކު މިދިޔަ ބުރާސްފަތި ދުވަހު އާޓެޓާ ދިން އިންޓަވިއުއެއްގައި ބުނީ އަންނަ މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި އޮބާމިޔަން ވިއްކާލުމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި ކުޅުންތެރިންނަށް ކުރިމަތިވާ އުނދަގޫ ހާލަތުގައި ކްލަބުން ސަޕޯޓް ދޭންޖެހޭނެ ކަމަށެވެ.

އޮބާމިޔަންގެ ބަދަލުގައި ސައުތެމްޓަން މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ އަލެކްސަންޑަ ލަކަޒެޓް އެވެ. މާދަމާ ރޭ ވެސްޓް ހޭމްއާ ދެކޮޅަށް ކުޅޭ މެޗުގައި ވެސް ކެޕްޓަން ބޭންޑް އަޅާނީ ލަކަޒެޓް ކަމަށް ބެލެވެ އެވެ. އެކަމަކު ދާއިމީކޮށް ކްލަބްގެ ކެޕްޓަނަކަށް ހަމަޖައްސާނެ ކުޅުންތެރިއެއް އަދި ނޭނގެ އެވެ. ރިޕޯޓުތައް ބުނާގޮތުން ކެޕްޓަން ބޭންޑް އަޅަން އާސެނަލްގެ ސަޕޯޓަރުން އެންމެ ބޮޑަށް ތާއިދުކުރަނީ ކިއެރަން ޓިއާނީ ނުވަތަ ބްރެޒިލްގެ ޑިފެންޑަރު ގެބްރިއެލް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!