އާޖެންޓީނާ އާއި ބެންފީކާގެ ޑިފެންޑަރު، ނިކޮލަސް އޮޓަމެންޑީ ދިރިއުޅޭ ގެއަށް ވަގުންގެ ބަޔަކު ވަދެ އޮޓަމެންޑީ އަށް ހަމަލާދީ އަގުބޮޑެތި ބައެއް ތަކެތި ވަގަށް ގެންގޮސްފި އެވެ.
މި ހާދިސާ ހިނގީ އިއްޔެ ޕޯޗުގަލް ލީގުގައި ބެންފީކާ އިން ފެމާލިކާއޯ 1-4 އިން ބަލިކުރި މެޗަށް ފަހު އޮޓަމެންޑީ އަނބުރާ ގެއަށްދިޔަ ވަގުތު އެވެ. ހެނދުނުގެ ވަގުތުގައި ހިނގި މި ހާދިސާގައި ހަތަރު މީހަކު ވެގެން އެގެއިން ފޭރެން މަސައްކަތްކޮށް އޮޓަމެންޑީގެ ކަރުގައި ބެލްޓެއް އެޅުވިކަމަށް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އޮޓަމެންޑީ ގެއަށް ވަންނަން ދިޔަ ވަގުތު ހިފެހެއްޓުމަށް ފަހު ވަގުން ބޭނުންވީ ގޭގެ ދޮރު އޮޓަމެންޑީ ހުޅުވާށެވެ. އެކަން އެމީހުން ކުރުވީ އޮޓަމެންޑީ އެއްސުމަށް ފަހު ކަރުގައި ބެލްޓް އަޅުވައިގެން ކަމަށް ރިޕޯޓްކޮށްފައިވެ އެވެ. އަދި ގޭގެ ދޮރު ހުޅުވައި ވަގުންގެ ހަތަރު މީހުން އެގެއަށް ވަދެ އޮޓަމެންޑީގެ ކޮޓަރި އާއި ފިރިހެން ދަރިފުޅު ނިދާ ކޮޓަރި އަށް ވަދެ އަގުބޮޑެތި ބައެއް ގަހަނާ ވަނީ ގެންގޮސްފަ އެވެ.
އޮޓަމެންޑީ އަށް ކުރިމަތިވި ހާދިސާ ބެންފީކާއިން ކަށަވަރުކޮށްދެމުން ބުނީ، އެކަމެއް ހިނގީ މެޗު ނިންމާފައި އޮޓަމެންޑީ ގެއަށްދިޔަ ވަގުތުގައި ކަމަށެވެ. އަދި މި ވަގުތަކީ ކުޅުންތެރިޔާގެ ޕްރައިވަސީ އަށް އިހުތިރާމްކުރަންވީ ވަގުތު ކަމަށް ކްލަބުން ވަނީ ބުނެފަ އެވެ. ހިނގާދިޔަ ހާދިސާއާ ގުޅިގެން މިއީ އޮޓަމެންޑީގެ އާއިލާއަށް އުނދަގޫ ވަގުތެއް ކަމަށް ބެންފީކާ އިން ވަނީ ބުނެފަ އެވެ. ހާދިސާއާ ގުޅިގެން އޮޓަމެންޑީ އާއި އާއިލާގެ ހާލަތު ރަނގަޅު ކަމަށް ކްލަބުން ބުންޏެވެ. މައްސަލަ ރިޕޯޓްވުމުން ޕޯޗުގަލްގެ ޕޮލިހުން މިހާރު ވަނީ ތަހުގީގު ފަށައިފަ އެވެ.
ކުރިން ޕޯޓޯ އާއި ވެލެންސިއާ އަދި މެންޗެސްޓަރ ސިޓީ އަށް ކުޅުނު އުމުރުން 33 އަހަރުގެ ޑިފެންޑަރު ބެންފީކާ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ.
ފޭރޭ މީހުންގެ ނުރައްކާ މީގެ ކުރިން ވެސް މަޝްހޫރު ބައެއް ކުޅުންތެރިންނަށް ވަނީ ކުރިމަތިވެފަ އެވެ.