ފުރަތަމަ ސަފްޙާ / ޚަބަރު / ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބާސާއިން ކޮޕަ ޑެލް ރޭ ކާމިޔާބުކޮށްފި

ޖެހިޖެހިގެން ހަތަރުވަނަ ފަހަރަށް ބާސާއިން ކޮޕަ ޑެލް ރޭ ކާމިޔާބުކޮށްފި

އެޑްމިން
އެޑްމިން
7 އަހަރު ކުރިން 22 އެޕްރީލް 2018

ސްޕެއިންގެ ސެވިއްޔާ އަތުން ފަސޭހަކަމާއެކު 0-5 ނަތީޖާއަކުން މޮޅުވެ ސްޕެނިޝް ކޮޕަ ޑެލް ރޭ ޗެމްޕިއަންކަން ބާސެލޯނާ އިން ހޯދައި ރެކޯޑް ހަދައިފިއެވެ. މިއީ ބާސެލޯނާއިން މި މުބާރާތް ކާމިޔާބުކުރި 30 ވަނަ ފަހަރެވެ. އަދި ޖެހިޖެހިގެން މި މުބާރާތް ކާމިޔާބުކުރި 4 ވަނަ ފަހަރެވެ. މީގެ ކުރިން މި މުބާރާތް ޖެހިޖެހިގެން 4 ފަހަރު ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑް އާއި އެތުލެޓިކް ބިލްބާއޯ އެވެ. ނަމަވެސް އެއީ މީގެ 80 އަހަރު ކުރިންނެވެ.

ސްޕއިންގެ އެތުލެޓިކޯ މެޑްރިޑްގެ ދަނޑުގައި ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައިވެސް ބާސެލޯނާއިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ޕިލިޕް ކުޓީނިއޯ ދިން ބޯޅައަކުން ލުއިސް ސުއަރޭޒް ބާސާއަށް ލީޑު ނަގައިދިނެވެ. އޭގެ 17 މިނެޓު ފަހުން ޖޯޑި އަލްބާގެ ރީތި ބެކްހީލް ޕާހަކުން ލިއޮނަލް މެސީ އިތުރު ލަނޑެއް ޖަހާ ބާސާއަށް ލީޑު ފުޅާ ކޮށްދިނެވެ. ބާސާގެ މިލަނޑާއެކު ސެވިއްޔާއިން މެޗުގެ ތެރެއަށް އަނބުރާ އަންނަން ގިނަ މަސައްކަތްތަކެއް ކުރިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ އުޅެނިކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާގެ ލުއިސް ސުއަރޭޒް އިތުރު ލަނޑެއްޖަހާ ސެވިއްޔާ މާޔޫސްކޮށްލިއެވެ.

ބާސާގެ އަނެއް ދެލަނޑު މެޗުގެ ދެވަނަ ހާފުގައި ކާމިޔާބުކޮށްދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކެޕްޓަން އަންދްރެސް އިނިއެސްޓާ އާއި ޖެނުއަރީ ޓްރާންސްފާރގައި ލިވަޕޫލްއިން ބާސާއަށް ބަދަލުވި ބްރެޒިލްގެ މިޑްފީލްޑަރ ފިލިޕް ކުޓީނިއޯ އެވެ. ކުޓީނިއޯ ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އަކުންނެވެ.

މި ސީޒަނަކީ އިނިއެސްޓާ ބާސެލޯނާ އަށް ކުޅޭ ފަހު އަހަރު ކަމަށް ގިނަ މީޑިއާ ރިޕޯޓްތައް ބުނަމުންދެއެވެ. އަދި ރޭގެ މެޗުގައި އިނިއެސްޓާ ބަދަލުކުރި ވަގުތު ބާސާގެ އިތުރުން ސެވިއްޔާގެ ސަޕޯޓަރުންގެ ފަރާތުންވެސް އޭނާއަށް ވަނީ ސްޓޭންޑިން އޯވޭޝަނެއް އަރުވާފައެވެ.

މިއީ ބާސެލޯނާގެ ކޯޗުކަމާއި ވަލްވާޑު ހަވާލުވިފަހުން މިއީ އޭނާ ކާމިޔާބުކުރި ފުރަތަމަ ޓްރޮފީއެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!