ކޮވިޑް ވެކްސިން ޖެހުން ފަސްކުރި، ޖަރުމަނާއި ބަޔާން މިއުނިކްގެ ޖޯޝުއާ ކިމިކް ކޮވިޑަށް ޕޮޒިޓިވްވުމުން ފުއްޕާމެއަށް ލިބުނު ގެއްލުންތަކާ އެކު މި އަހަރު ކުޅުމުގެ ތެރެއަށް ނާދެވޭނަކަން ކަށަވަރުވެއްޖެ އެވެ.
އުމުރުން 26 އަހަރުގެ ކިމިކް ކޮވިޑް ވެކްސިން ނުޖަހާކަން ހާމަކުރީ މިދިޔަ އޮކްޓޫބަރު މަހު އެވެ. މިދިޔަ މަހު ކޮވިޑަށް ޕޮޒިޓިވްވެ ކިމިކްގެ ކަރަންޓީން މުއްދަތު ހަމަވީ މިދިޔަ ބުދަ ދުވަހު އެވެ. ކިމިކަށް ކޮވިޑް ޖެހުނީ ޕޮޒިޓިވްވި މީހަކާ ކޮންޓެކްޓް ވުމުންނެވެ.
“އަހަރެން މިހުރީ ޓީމާ އެކު އަލުން ފަށަން ކެތްމަދުވެފަ. އެކަމަކު ކުޑަ ދުވަސްކޮޅަކަށް އަދި ކެތްކުރަން ޖެހޭ. ބާކީ ތިން މެޗު ގޭގެ ސޯފާގަ އޮވެގެން ބެލުމަށް ފަހު ޖެނުއަރީ މަހު ޓީމާ އެކު އެޓޭކްކުރަން ނުކުންނާނަން” ކިމިކް ބުންޏެވެ.
ކޮވިޑާ ގުޅިގެން ކިމިކަށް ވަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާދީފަ އެވެ. ކިމިކްގެ ފުއްޕާމެއަށް ގެއްލުން ލިބިފައި ހުރިކަން އެނގުނީ ކޮވިޑް ޖެހިގެން ހެދި ޓެސްޓްތަކުންނެވެ. ކިމިކް ބުނީ އޭނާގެ ހާލަތު މިހާރު ރަނގަޅު ނަމަވެސް ފުއްޕާމެއަށް ލިބުނު ގެއްލުމާ އެކު ދަނޑަށް ނުކުމެ އެވަރުގެ ހަކަތައެއް ލެވެން ނެތްކަމަށެވެ.
ކޮވިޑް ޖެހުމުން ހަތަރު މެޗެއް މިހާތަނަށް ކިމިކަށް ވަނީ ގެއްލިފަ އެވެ. އޭގެތެރޭގައި ޗެމްޕިއަންސް ލީގުގައި ޑީނަމޯ ކިއޭވް އާއި ބާސެލޯނާއާ ދެކޮޅަށް ބަޔާން ކުޅުނު މެޗުތައް ހިމެނެ އެވެ.
ވެކްސިން ނުޖަހައި ހުއްޓައި ކޮވިޑަށް ޕޮޒިޓިވްވެ ސިއްހީ މައްސަލައެއް ދިމާވުމުން ކިމިކް ބުނީ، ކޮވިޑް ވެކްސިނުގެ ސައްހަކަމާ އެކު އޭނާގެ ނަފްސު ސުވާލު އުފެއްދި ކަމަށާއި، އެކަމަކު ކުރިއަށް އޮތް ތަނުގައި ވެކްސިން ޖެހުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
ވިންޓަ ބްރޭކަށް ޖަރުމަނު ބުންޑަސްލީގާ މެދުކަނޑާލުމުގެ ކުރިން ބަޔާނުން މައިންޒް އާއި ސްޓަޓްގާޑްގެ އިތުރުން ވުލްފްސްބާގާ ދެކޮޅަށް ނުކުންނަ މެޗުގައި ކިމިކަށް ނުކުޅެވޭނެ އެވެ.