ފުރަތަމަ ސަފްޙާ / ޚަބަރު / ކުއާޓާގެ ޓީމުތައް ކަށަވަރުވެ ކްލަބް މޯލްޑިވްސް ކަޕްގެ ފޯރިގަދަވެއްޖެ

ކުއާޓާގެ ޓީމުތައް ކަށަވަރުވެ ކްލަބް މޯލްޑިވްސް ކަޕްގެ ފޯރިގަދަވެއްޖެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 10 ޑިސެމްބަރު 2021

ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލުގައި ވާދަކުރާނެ 8 ޓީމު ކަށަވަރުވެއްޖެ އެވެ. މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ކުއާޓާގެ ފަހު ޖާގަތައް ކަށަވަރުކުރީ ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) އާއި އެމްޕީއެލް، އެސްޓީއޯ އަދި ޓީމު ފެނަކަ އިންނެވެ. މި ޓީމުތަކުގެ އިތުރުން ކުއާޓާ ފައިނަލުން ފުރުސަތު ހޯދީ ޕްރިޒަން ކްލަބް، އެމްއޭސީއެލް، ކްލަބް އެޗްޑީސީ އަދި އެފްއެސްއެމް އެވެ.

ދެ ވަނަ ބުރުގައި ރޭ އެމްޕީއެލް އިން ވަނީ 6-1 އިން އުރީދޫ ބަލިކޮށްފަ އެވެ. މެޗުގައި އެމްޕީއެލްގެ ލަނޑުތައް ޖަހައިދިނީ މުހައްމަދު ޔަފާއު އާއި ހަސަން ނިމާލްގެ އިތުރުން ސިނާން އިބްރާހީމް އާއި ނާއިހު މުފީދު އަދި ކުރިން ގައުމީ ޓީމަށް ކުޅުނު އަހުމަދު އިމާޒް (އާއްކޮ) އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔަފާއު ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. އުރީދޫގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހުސައިން އާތިފް އެވެ.

މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ އާރްއާރްސީ ރޭ ވަނީ 8-3 އިން ދިރާގު ބަލިކޮށްފަ އެވެ. މެޗުގައި އާރްއާރްސީގެ ލަނޑުތައް ޖެހީ މަޝްހޫރު ފުޓްސަލް ތަރި އިބްރާހީމް އަސްވަދު (ގަބޭ) އާއި އިސްމާއީލް މުނީޒު، އިބްރާހީމް މައިޝާން، އަލީ ޝިފާއުގެ އިތުރުން އާދަމް ނާސިހު (އާދަންނާ) އަދި ކްލަބް ވެލެންސިއާ އަށް ކުޅެމުން އަންނަ އަބްދުﷲ މިދުހަތު (ބިޗަޑް) އާއި އަލީ ޝާމިސް (ތޮއްޕޭ) އެވެ. މެޗުގައި ގަބޭ ވަނީ ދެ ގޯލު ޖަހައިފަ އެވެ. ދިރާގުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޔޫހު ނަސީރު ޖެހިއިރު އަނެއް ލަނޑު ޖެހީ އިބްރާހީމް އަތީގް ހަސަން އެވެ.

May be an image of 5 people, people playing football, people standing, grass and text that says 'MILO MIL clubmaldives.org'

ދިރާގަށް ކުޅުނު އަލީ ހައިޝަމް (ޗުމްޕު) އަތުން ނޯޅަ ހޯދަން އާރްއާރްސީގެ އިބްރާހީމް އަސްވަދު (ގަބޭ) މަސައްކަތްކުރަނީ. – ފޮޓޯ: އިމޭޖަސް.އެމްވީ

ޓީމު ފެނަކަ އިން 3-0 އިން ސްޓެލްކޯ ބަލިކުރި މެޗުގައި ލަނޑުތައް ޖަހައިދިނީ މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) އާއި ރިހާމް އަބްދުލްގަނީ (ބޮބީ) ގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަހުމަދު ހަލީމް (އައްމަޑޭ) އެވެ.

އެސްޓީއޯ ކުއާޓާ އަށް ދަތުރުކުރީ މޮޅު ކުޅުމެއް ދައްކައި 5-1 އިން ޓްރޭޑް ކްލަބް ބަލިކޮށްގެންނެވެ. މެޗުގައި އެސްޓީއޯގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ވަޖީހު (ވައްޖެ) ގެ އިތުރުން އިނާން އަހުމަދު، ޝާން އަހުމަދު އަދި އަމީން އިބްރާހީމް އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ވައްޖެ މެޗުގައި ދެ ގޯލު ޖެހި އެވެ. ޓްރޭޑް ކްލަބުގެ ހަމައެކަނި ލަނޑު ޖެހީ ސައިފާން އަހުމަދު މަނިކް އެވެ.

ކުއާޓާގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ހޮނިހިރު އަދި އާދީއްތަ ދުވަހުގެ ރެ އެވެ. ކުއާޓާގެ ފުރަތަމަ މެޗުގައި މާދަމާ ރޭ 8:15 ގައި ފަށާ މެޗުގައި ޕްރިޒަން ކްލަބް ނުކުންނާނީ އެމްއޭސީލްއާ ދެކޮޅަށެވެ. ކުއާޓާގެ ދެ ވަނަ މެޗުގައި މާދަމާ ރޭ 10:15 ގައި ކުޅޭނީ ކްލަބް އެޗްޑީސީ އާއި އެފްއެސްއެމް އެވެ. އެފްއެސްއެމް ކުއާޓާ އިން ޖާގަ ހޯދީ ހުސް ތަރިން ހިމެނޭ ވެމްކޯ ކަޓުވާލުމަށް ފަހު އެވެ. އެފްއެސްއެމްއާ ދެކޮޅަށް ނުކުންނަ އެޗްޑީސީ އަކީ މިފަހަރު އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަ އެއް ޓީމެވެ. އާދީއްތަ ދުވަހުގެ ރޭ 8:15 ގައި އެމްޕީއެލް އާއި އާރްއާރްސީ ވާދަކުރާއިރު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި އާދީއްތަ ދުވަހުގެ ރޭ 10:15 ގައި ކުޅޭނީ އެސްޓީއޯ އާއި ފެނަކަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!