އިނގިރޭސި ކްލަބް ލިވަޕޫލަށް ކުޅޭ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ސަލާހް ލިވަޕޫލްގައި މަޑުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް އެޓީމުގެ މެނޭޖަރ ޖާގަން ކްލޮޕް ބުނެފި އެވެ. މި ސީޒަނުގައި އެޓީމާ ގުޅުނު ސަލާހް އަކީ މިހާރު ޔޫރަޕްގައި އެންމެ މޮޅު ކުޅުމެއް ދައްކާ އެއް ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މިހާތަނަށް މި ސީޒަނުގައި ކުޅުނު 44 މެޗުން 39 ލަނޑު ޖަހާފައެވެ.
” އަހަންނަށް އެނގޭ އޭނާ މި ޓީމުގައި މަޑުކުރާނެކަން. ބައެއް މީހުން އަބަދުވެސް ބޭނުންވާނެ ކޮންމެސް އެއްޗެއް ކިޔަން، ކޮންމެސް އެއްޗެއް ލިޔަން. ބައިވަރު ހުށަހެޅުންތައް ލިބުނު އޭނާއަށް، އެކަމު ބޭނުންވީ މިތަނަށް އަންނަން ” ހަފްތާ ބަންދުގައި އަމިއްލަ ދަނޑުގައި ބޯންމައުތް އާއި ކުޅޭ މެޗުގެ ކުރިން ބޭއްވި ޕްރެސް ގައި ކޮލޮޕް ބުންޏެވެ.
ސަލާހް ވަނީ ޕްރިމިއަރ ލީގުގައި ކުޅުނު 31 މެޗުން 29 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. ޕްރިމިއަރ ލީގު ލަނޑު ލިސްޓުގެ ކުރީގައި އުޅޭއިރު ސަލާހް ވަނީ ލިވަޕޫލް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންދިއުމުގައި މުހިއްމު ދައުރެއް އަދާކޮށްފައެވެ. ސަލާހް ގެންދަން ޔޫރަޕްގެ ބޮޑެތި ކްލަބްތަކުން މި ސީޒަނަށް ފަހު މަސައްކަތް ކުރާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.