ފުރަތަމަ ސަފްޙާ / ޚަބަރު / ކޮވިޑަށް ޕޮޒިޓިވްވެ ޑި ބްރޭނާ އަށް ޕީއެސްޖީއާ ދެކޮޅަށް ނުކުޅެވޭނެ

ކޮވިޑަށް ޕޮޒިޓިވްވެ ޑި ބްރޭނާ އަށް ޕީއެސްޖީއާ ދެކޮޅަށް ނުކުޅެވޭނެ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 19 ނޮވެމްބަރު 2021

ބެލްޖިއަމާއި މެންޗެސްޓަރ ސިޓީގެ މުހިއްމު މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ޑި ބްރޭނާ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ ބެލްޖިއަމް ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން މެޗުތަކަށް ފަހު އެނބުރި ސިޓީ އަށް އައިސް ހެދި ކޮވިޑް ޓެސްޓުންނެވެ. ކޮވިޑަށް ޕޮޒިޓިވްވުމުން 30 އަހަރުގެ ޑި ބްރޭނާ 10 ދުވަހުގެ އައިސޮލޭޝަނަށް ވަނީ ދާންޖެހިފަ އެވެ. މި މުއްދަތުގައި ސިޓީގެ މުހިއްމު މެޗުތަކެއް ޑި ބްރޭނާ އަށް ގެއްލޭނެ އެވެ. އޭގެތެރޭގައި އަންނަ އާދީއްތަ ދުވަހު ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗާއި ބުދަ ދުވަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅޭ މެޗާއި އަންނަ ހަފްތާ ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ސިޓީ ކުޅޭ މެޗު ހިމެނެ އެވެ.

ވެކްސިން ފުރިހަމަކޮށްފައިވާ ޑި ބްރޭނާ ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ އަންގާރަ ދުވަހު ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖަހައިފަ އެވެ. ކޮވިޑާ ގުޅިގެން ސިޓީގެ މުހިއްމު މެޗުތަކެއް ޑި ބްރޭނާ އަށް ގެއްލުމަކީ އެޓީމަށް ކުރިމަތިވާނެ މައްސަލައެކެވެ. ހާއްސަކޮށް ޗެމްޕިއަންސް ލީގުގައި ޕީއެސްޖީއާ ދެކޮޅަށް ވާދަކުރާ މެޗުގައި ނަތީޖާ ނެރުމަށް ޑި ބްރޭނާ އެޓީމަށް މުހިއްމުވާނެ އެވެ.

“ކޮވިޑްގެ އަލާމާތްތައް ވީހާވެސް ކުޑަވުން އުންމީދަކީ. ޑި ބްރޭނާ ނެތިގެން ޓީމަށް ގެއްލޭނެ އެއްޗަކަށްވުރެ އަހަރެމެންނަށް މުހިއްމީ ކުޅުންތެރިޔާ. އަހަރެމެން ޑި ބްރޭނާ އަށް އެހީތެރިވާނަން” ޑި ބްރޭނާއާ ގުޅޭގޮތުން ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!