ފުރަތަމަ ސަފްޙާ / ޚަބަރު / ވިލާއާ ހަވާލުވީ ލިވަޕޫލަށް އައުމުގެ ފުރުސަތު ބޮޑުކުރާކަށް ނޫން: ޖެރާޑް

ވިލާއާ ހަވާލުވީ ލިވަޕޫލަށް އައުމުގެ ފުރުސަތު ބޮޑުކުރާކަށް ނޫން: ޖެރާޑް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 19 ނޮވެމްބަރު 2021

އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވީ ލިވަޕޫލްގެ ކޯޗުކަމަށް އައުމުގެ ފުރުސަތު ބޮޑުކުރަން ނޫންކަމަށް އިންގްލެންޑާއި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ސްޓީވެން ޖެރާޑް ބުނެފި އެވެ.

ޖެހިޖެހިގެން ފަސް މެޗުން ބަލިވުމުން ކޯޗު ޑީން ސްމިތު އެސްޓަން ވިލާގެ ކޯޗުކަމުން ވަކިކުރުމަށްފަހު އެ ކްލަބުން މިހާރު ވަނީ އުމުރުން 41 އަހަރުގެ ޖެރާޑާ އެ ޒިންމާ ހަވާލުކޮށްފަ އެވެ. އެސްޓަން ވިލާގެ ކޯޗުކަމާ ޖެރާޑް ހަވާލުވީ ތިން އަހަރާއި ބައިގެ މުއްދަތަކަށެވެ. އޭގެކުރިން ޖެރާޑް އައީ ސްކޮޓްލެންޑުގެ ރޭންޖާސްއާ އެކު ރަނގަޅު މަސައްކަތްތަކެއް ކުރަމުންނެވެ.

ކޯޗިންގައި ޖެރާޑްގެ އެންމެ ބޮޑު ހުވަފެނަކީ އޭނާގެ “ހިތް” ކަމުގައިވާ ލިވަޕޫލަށް ކޮންމެވެސް ދުވަހަކުން އިރުޝާދުދިނުމެވެ. އެކަމަކު އެސްޓަން ވިލާގެ ކޯޗުކަމާ ޖެރާޑް ހަވާލުވީ ލިވަޕޫލްގެ ކޯޗުކަމަށް އައުމުގެ ފުރުސަތު ބޮޑުކުރަންކަމަށް ދެކެވޭ ވާހަކަތަކަށް ޖެރާޑް ވަނީ ދޮގުކޮށްފަ އެވެ.

“މި ކްލަބް ކާމިޔާބީއަށް ގެންދިއުމަށް އަހަރެންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. އަހަރެންނާއެކު ކްލަބުގެ ސްޓާފުން ވެސް 100 ޕަސެންޓް ދޭނެ. މިއީ ލިވަޕޫލްގެ ކޯޗަކަށް ވާން ފަސޭހަކައަށް ކުރިކަމެއް ނޫން. އެގޮތަށް ވާހަކަ ފެތުރުމަކީ އިންސާފުވެރި ގޮތެއް ނޫން” އެސްޓަން ވިލާގެ ވަޒީފާ އަށް ފަހު ލިވަޕޫލާ ހަވާލުވާނެކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭގޮތުން ޖެރާޑް ބުންޏެވެ.

އިންގްލެންޑާއި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު ޖެރާޑަކީ އޭނާގެ ރަން ޒަމާނުގައި ދުނިޔޭގައި ހުރި އެންމެ މޮޅު އެއް މިޑްފީލްޑަރެވެ. ލިވަޕޫލްގައި ހޭދަކުރި 17 އަހަރު ދުވަހު ޖެރާޑް ވަނީ 710 މެޗު ކުޅެ 186 ލަނޑު ޖަހައިފަ އެވެ. ލިވަޕޫލުން އާދަޔާހިލާފު ގޮތަކަށް 2005 ވަނަ އަހަރު ޖެރާޑްގެ ކެޕްޓަންކަމުގައި ހޯދި ޔޫއެފާ ޗެމްޕިއަންސް ލީގާ އެކު ޖެރާޑް ވަނީ ލިވަޕޫލްގައި 8 މޭޖަރ ޓްރޮފީ ހޯދައިފަ އެވެ.

“ފުޓްބޯޅައިގައި އެންމެ އުހަށް ހުވަފެންތައް ދުށުމަކީ މައްސަލައެއް ނޫން. ލިވަޕޫލްގައި ހުރީ ދުނިޔޭގެ ފެންވަރުގެ ކޯޗެއް. އުމުރުދުވަހުގެ އެއްބަސްވުމެއްގައި ލިވަޕޫލްގައި ހުންނަން ކްލޮޕް ނިންމައިފައި ނަމަ އަހަރެން ވެސް ލިވަޕޫލް ވެސް އުފާވާނެ” ލިވަޕޫލްއާ ގުޅޭގޮތުން ވާހަކަދައްކަމުން ޖެރާޑް ބުންޏެވެ.

އެސްޓަން ވިލާ ޓީމު ގޮވައިގެން އަންނަ މަހުގެ 11 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް ޖެރާޑް ނުކުންނާނެ އެވެ. ކޯޗެއްގެ ގޮތުގައި ލިވަޕޫލްގެ ސްޓޭޑިއަމަށް ޖެރާޑް ދިއުމަކީ އޭނާ އަށް ވަރަށް ހާއްސަ ކަމެކެވެ. ޖެރާޑް ބުނީ އޭނާ އެސްޓަން ވިލާގެ ކޯޗުކަމާ ހަވާލުވިފަހުން އެންމެ ފުރަތަމަ މަރުހަބާކީ މީހުންގެ ތެރޭގައި ކްލޮޕް ހިމެނޭ ކަމަށެވެ.

“ޑިސެމްބަރު 11 ވަނަ ދުވަހު ލިވަޕޫލާ ދެކޮޅަށް އަހަރެމެން ކުޅޭ މެޗުގެ ވާހަކަ ކްލޮޕް ދެއްކި. އެއީ ވަރަށް މޮޅު ކޯޗެއް. ކްލޮޕް ހުރުމަކީ ލިވަޕޫލަށް ލިބުނު ވަރަށް ބޮޑު ނަސީބެއް” ލިވަޕޫލްގައި މޮޅު ކުޅުމެއް ދެއްކި ޖެރާޑް ބުންޏެވެ.

ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ ކުޅޭ ފުރަތަމަ މެޗުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ނުކުންނާނީ ބްރައިޓަންއާ ދެކޮޅަށެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!