އޭނާ މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާން އުޅޭކަމަށް ދެކެވޭ ވާހަކަތަކުގައި އަސްލެއް ނެތްކަމަށާއި، ހުރިހާ ވިސްނުމެއް ހުރީ މިވަގުތު ލެސްޓާ ސިޓީއާ އެކު ކުރިއަށް ދިއުމަށް ކަމަށް ކޯޗު ބްރެންޑަން ރޮޖާސް ބުނެފި އެވެ.
ޔުނައިޓެޑްގެ ފޯމު ދަށްވެ އެ ޓީމުގެ ކޯޗު އޮލެ ގުނެ ސޯލްޝެއާ މަގާމުން ވަކިކޮށްފިނަމަ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވުމުގެ ރޭހުގައި އެންމެ ކުރީގައި އުޅެނީ ރޮޖާސް ކަމަށް މީޑީއާތަކުން އަންނަނީ ރިޕޯޓް ކުރަމުންނެވެ. އެކަމަކު އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އުމުރުން 48 އަހަރުގެ ރޮޖާސް އަށް އެ ސުވާލުކުރުމުން އޭނާ ވަނީ އެކަމުގެ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
“އަހަރެން މިހުރީ ލެސްޓާގެ މެނޭޖަރުގެ ގޮތުގައި. އަހަރެން މި މަގާމުގައި ހުންނަން ފަހުރުވެރިވޭ. އަދި މިކަން މި ކުރަނީ ވަރަށް ޝައުގުވެރިވެގެން. ޔުނައިޓެޑާ ގުޅުވައިގެން ދެކެވޭ ވާހަކަތަކަށް އަހަރެންނަށް ރައްދެއް ނުދެވޭނެ. ސަބަބަކީ އެއީ ހަގީގަތެއް ނެތް ވާހަކައެއް” ރޮޖާސް ބުންޏެވެ.
ކުރިން ލިވަޕޫލަށް ކޯޗުކޮށްދިން ރޮޖާސް ލެސްޓާގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. މިދިޔަ އަހަރުތަކުގައި އާސެނަލް އާއި ޓޮޓެންހަމް ހޮޓްސްޕާސްގެ އިތުރުން ނިއުކާސަލް ޔުނައިޓެޑްގެ ކޯޗުކަމާ ރޮޖާސް ހަވާލުވާން އުޅުނު ވާހަކަތައް ދެކެވުނެވެ.
“ކްލަބެއްގައި ބުރަކޮށް މަސައްކަތްކުރާ ރަނގަޅު ކޯޗެއް ހުއްޓަ އަހަރެން ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވާނެތޯ އެހުމަކީ ކުރެވޭ ބޭއިހްތިރާމެއް” ރޮޖާސް ބުންޏެވެ.
ލީގުގައި ކުޅުނު 11 މެޗުން ލިބުނު 15 ޕޮއިންޓާ އެކު ލެސްޓާ މިހާރު އޮތީ އިނގިރޭސި ޕްރިމިއާ ލީގުގެ 12 ވަނައިގަ އެވެ. ލެސްޓާ އިން މި ސީޒަނުގައި ހޯދި އެންމެ މުހިއްމު މޮޅަކީ އަމިއްލަ ދަނޑުގައި ޔުނައިޓެޑް ބަލިކުރުމެވެ. އެއީ ރަށުން ބޭރުގައި ޔުނައިޓެޑް ހަދަމުން އައި ބަލިނުވުމުގެ ރެކޯޑަށް ނިމުން އައި މެޗެވެ. ލީގުގައި މާދަމާ ހަވީރު ލެސްޓާ ގޮވައިގެން ރޮޖާސް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ. ރޮޖާސް ބުނީ މުހިއްމު މެޗެއްގެ ކުރިން އެހެން ވާހަކަތަކެއް ދެކެވުމަކީ ކުޅުންތެރިންނާއި ސަޕޯޓަރުންނަށް މާޔޫސްކަން ލިބޭނެކަމެއް ކަމަށާއި، އެޓީމުން މިވަގުތު ހަމައެކަނި ވިސްނަނީ މާދަމާ ޗެލްސީއާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ.