ފުރަތަމަ ސަފްޙާ / ޚަބަރު / ސީޝެލްސްއާ އެއްވަރުވުމުން ރާއްޖެ ކަޓައިފި

ސީޝެލްސްއާ އެއްވަރުވުމުން ރާއްޖެ ކަޓައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 16 ނޮވެމްބަރު 2021

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ސީޝެލްސްއާ 0-0 އިން އެއްވަރުވުމުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު މުބާރާތުން ކަޓައިފި އެވެ.

މިއަދުގެ ނަތީޖާއާ އެކު ދުނިޔޭގެ ރޭންކިންގެ 199 ވަނައިގައި އޮތް ސީޝެލްސް ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ކަށަވަރުކޮށްފަ އެވެ. ފައިނަލުގެ ދެ ވަނަ ޖާގަ ލިބޭނީ ބަންގްލަދޭޝް ނޫނީ ސްރީ ލަންކާ އަށެވެ. އެދެޓީމުގެ މެޗު މިރޭ ކުޅޭއިރު މެޗު އެއްވަރުކޮށްލައިގެން ބަންގްލަދޭޝަށް ފައިނަލުގެ ފުރުސަތު ލިބޭނެ އެވެ. ލަންކާ އަށް ފައިނަލަށް ދެވޭނީ ބަންގްލަދޭޝް ބަލިކޮށްގެންނެވެ.

މުބާރާތުން ރާއްޖެ ކެޓީ ކުޅުނު ތިން މެޗުން ލިބުނު ދެ ޕޮއިންޓާ އެކު އެވެ. ފުރަތަމަ މެޗުގައި ލަންކާއާ ވާދަކޮށް 4-4 އިން އެއްވަރުވިއިރު ދެ ވަނަ މެޗުގައި ބަންގްލަދޭޝް އަތުން 2-1 އިން ވަނީ ބަލިވެފަ އެވެ. މިރޭ ބަންގްލަދޭޝް އާއި ލަންކާ ވާދަކުރާ މެޗުގެ ނަތީޖާ ނުކުންނަ ގޮތަކުން ރާއްޖެ ފުލަށް ދިއުމުގެ ފުރުސަތު ވެސް އެބައޮތެވެ.

ރާއްޖޭން މިއަދު މެޗު ފެށީ ކުރިން ދެ މެޗުގައި ނެރުނު އެގާރަ އަށް ގިނަ ބަދަލުތަކެއް ގެނެސްގެންނެވެ. މިދިޔަ ދެ މެޗުގައި އެންމެ ކުރީގައި ކުޅުނު އަލީ އަޝްފާގް (ދަގަނޑޭ) އާއި އަރިމަތިން ކުޅުނު އާލީ ފާސިރު (ސެންޓޭ) އަދި އިބްރާހީމް މަހުދީ ހުސައިން (ފޭދޫ އިއްބެ) ގެ ބަދަލުގައި މިއަދު ފުރަތަމަ އެގާރައިގައި ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ހިމެނީ އަސަދުﷲ އަބްދުﷲ (އަސަކޮ) އާއި ހަމްޒާ މުހައްމަދު (ހަމްޕު) އައި ހަސަން ރާއިފް އަހްމަދު (ހަންނަ) އެވެ. ހަންނަ ކުޅެންއެރީ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނި ނާއިޒް ހަސަން (ދާދު) ވާމްއަޕްގައި އަނިޔާ ވުމުންނެވެ. ފަހަތުގައި އާއްމުކޮށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ހުސައިން ސިފާއު ޔޫސުފް (ކުރޯ) ގެ ބަދަލުގައި ކުޅުނީ އަހްމަދު ނޫމާން (ހެލްމެޓް) އެވެ.

ވިއްސާރައިގެ ސަބަބުން ވަރަށް ބޮޑަށް ހަލާކުވެފައި އޮތް ދަނޑުގައި މެޗު ފަށައިގެން ދެޓީމަށް ވެސް ކުޅެން އުނދަގޫވި އެވެ. މި ހާފުގައި ސީޝެލްސް އިން ޑިފެންސަށް އިސްކަންދީގެން ކުޅުނުއިރު ރާއްޖެ އަށް ގޯލު ޖަހާނެ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. މި ހާފުގައި ރާއްޖޭން އެންމެ ނުރައްކާތެރި ހަމަލާ 35 ވަނަ މިނެޓުގައި ފޮނުވާލީ ހުސައިން ނިހާން (ނިހާޓް) އެވެ. ހަމްޕު ގޯލު އޭރިޔާގެ އަރިމަތީގައި ހުރި ނިހާޓް އަށް ޖައްސާލުމުން، އޭނާ ފުލުފުލުގައި ފޮނުވާލި ދެ ހަމަލާ ވެސް ސީޝެލްސްގެ ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

ދެ ވަނަ ހާފު ރާއްޖޭން ފެށީ ހަންނަގެ ބަދަލުގައި ފޭދޫ އިއްބެ ކުޅެން އަރުވައިގެންނެވެ. މި ހާފުގެ ތިން ވަނަ މިނެޓުގައި މުހައްމަދު އުމެއިރު ފޮނުވާލި ހިލޭ ޖެހުން ކީޕަރު މަތަކުރިއިރު 56 ވަނަ މިނެޓުގައި އަސަދުﷲ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ދިޔައީ ގޯލުގެ މަތިން ބޭރަށެވެ. މެޗުގެ 60 ވަނަ މިނެޓުގައި ސީޝެލްސްގެ ކުޅުންތެރިއަކު އަރިމަތިން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ހުރަސްވެގެންނެވެ. ދެ ވަނަ ހާފުގައި ރާއްޖޭން ވަނީ ސެންޓޭ އާއި ދަގަނޑޭ ކުޅެން އަރުފައިވަ އެވެ. ދަގަނޑޭ ކުޅެން އެރީ އަނިޔާގެ ސަބަބުން މެޗު ކުރިއަށް ނުގެންދެވުނު ފޭދޫ އިއްބެގެ ބަދަލުގަ އެވެ.

ބަދަލުތަކާއެކު ވެސް ރާއްޖެ އަށް މާ ނުރައްކާތެރި ހަމަލާއެއް ފޮނުވައެއްނުލެވުނެވެ. މެޗުގެ 76 ވަނަ މިނެޓުގައި ސީޝެލްސްގެ ޖުނީނިއޯ މާކް އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކުމުން އެޓީމުން މެޗު ފުރިހަމަކުރީ 10 ކުޅުންތެރިންނާ އެކު އެވެ. މެޗުގެ ފަހުކޮޅު ރާއްޖޭން ކުރިއަށް ޖެހިގެން ކުޅުނު ނަމަވެސް ސީޝެލްސްގެ ކުޅުންތެރިން ވަނީ ރާއްޖެ ގޯލެއް ޖެހިޔަނުދީ ހިފަހައްޓައިފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ސީޝެލްސްގެ ކުޅުންތެރިއަކަށް ގަސްތުގައި ހަމަލާދިނުމުން ރާއްޖޭގެ އަސްހަދު އަލީ (އަޑޭ) އަށް ރެފްރީ ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.

ފޯ ނޭޝަންސް މުބާރާތުން ކެޓިއިރު މިދިޔަ މަހު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުން ވެސް ރާއްޖެ އަށް ފުރުސަތެއް ނުލިބުނެވެ. ފަސް ގައުމު ވާދަކުރި އެ މުބާރާތުގެ ލީގު ބުރު ނިމުނުއިރު ރާއްޖެ އަށް ލިބުނީ ތިން ވަނަ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!