ފުރަތަމަ ސަފްޙާ / ޚަބަރު / މި ޓީމު 100 ޕަސެންޓް ނެރެފިއްޔާ މޮޅުވާނެ: އަކްރަމް

މި ޓީމު 100 ޕަސެންޓް ނެރެފިއްޔާ މޮޅުވާނެ: އަކްރަމް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 12 ނޮވެމްބަރު 2021

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސް ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗުގައި ލަންކާއިން ފަހަތުން އަރައި ރާއްޖެ ކޮޅަށް ހަތަރު ގޯލު ޖެހީ އެވަގުތު ދަނޑުމަތީގައި ތިބި ކުޅުންތެރިން ފަރުވާކުޑަވުމުން ކަމަށާއި ޓީމުގެ ކުޅުންތެރިން 100 ޕަސެންޓް ނެރެފިނަމަ ރާއްޖޭގެ ޓީމަށް މާދަމާ ބަންގްލަދޭޝް ބަލިކުރެވޭނެކަމަށް ކެޕްޓަން އަކްރަމް އަބްދުލްގަނީ (އަކޫ) ބުނެފި އެވެ.

ލަންކާއާ ދެކޮޅަށް ކުޅުނު މެޗުގެ 60 މިނެޓު ހަމަވިއިރު ރާއްޖެ އޮތީ ހަތަރު ގޯލުން ކުރީގަ އެވެ. އެކަމަކު މެޗުގެ ފަހު 30 މިނެޓުގައި ލަންކާ އިން ވަނީ ފަހަތުން އަރައި ހަތަރު ގޯލު ޖަހައި ރާއްޖެ އަތުން ޕޮއިންޓެއް ހޯދައިފަ އެވެ. ލަންކާ އިން ފަހަތުން އަރައި ރާއްޖެ ކޮޅަށް ހަތަރު ލަނޑު ޖެހުން ވެގެންދިޔައީ ދިވެހި ޓީމަށް ލިބުނު ހައިރާން ކަމަކަށެވެ.

“މި ޓީމު 100 ޕަސެންޓް ނެރެފިއްޔާ މޮޅުވާނެ. ދަނޑުމަތީގައި ކުރާ މަސައްކަތް އޮންނާނީ. ކުރިން މެޗުތަކަށް ބަލައިގެންނެއް ނޫން މި ތައްޔާރުވަނީ. މެޗު މޮޅުވަންޏާ އެބަޖެހޭ 90 މިނެޓުވަންދެން މަސައްކަތްކުރަން”  މާދަމާގެ މެޗުގެ ކުރިން ލަންކާގެ ހިލްޓަން ހޮޓެލްގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ބުންޏެވެ.

ރާއްޖެ އާއި ލަންކާގެ އިތުރުން މުބާރާތުގައި ވާދަކުރާ އަނެއް ދެޓީމުކަމަށްވާ ސީޝެލްސް އާއި ބަންގްލަދޭޝް ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މުބާރާތުގެ ފައިނަލަށް ދާނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމެވެ. އަކްރަމް ބުނީ ލަންކާ މެޗުގައި ބޮޑު ލީޑެއްގައި އޮތްއިރު އިތުރު ގޯލުތަކެއް ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވި ކަމަށެވެ. އެމެޗުގެ ޒިންމާ އޭނާ ހިމެނޭހެން ހުރިހާ ކުޅުންތެރިން ނަގާކަމަށް އަކްރަމް ބުންޏެވެ.

“އަޅުގަނޑު ވެސް ހިމެނިގެން ދަނޑުމަތީގައި އެވަގުތު ތިބި ކުޅުންތެރިންގެ ފަރުވާކުޑަކަމާއި ކޮންސެންޓްރޭޝަންއާ އެއްޗެހި ގެއްލިގެން އަޅުގަނޑުމެންނަށް ވީކަމެއް. އެ ހުރިހާ ކަމެއް އަޅުގަނޑުމެން އެބަޖެހޭ ފަހަތުގައި ބަހައްޓާފަ އެ ހުރިހާ ކަމަކަށް ތައްޔާރުވެގެން އަޅުގަނޑުމެންގެ މައިންޑް މިއަށްވުރެ ވަރުގަދަކޮށްގެން މެޗަކީ އެންމެ ފަހު ސިކުންތާ ހަމައަށް ރެފްރީގެ ކަށިގަނޑު އެޅީމަ ނިމޭ މެޗެއްކަން ހަނދާން ބަހައްޓަން” އަކްރަމް ބުންޏެވެ.

May be an image of 1 person

ނޫސްވެރިންގެ ބައްދަލުވުމުގައި އަކްރަމް ވާހަކަދައްކަނީ. – ފޮޓޯ: އިބްރާހީމް ފާއިދު/ އެފްއޭއެމް

މިދިޔަ މަހު މާލޭގައި ކުޅުނު ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭން ވަނީ 0-2 އިން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. ގާތްގާތުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު ދެޓީމުގެ ކޯޗުން ވެސް ވަނީ ބަދަލުވެފަ އެވެ. ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިން އަލީ ސުޒޭންގެ ބަދަލުގައި މިހާރު ކޯޗުގެ މަގާމުގައި ހުރީ އިޓަލީގެ ގައުމީ ޓީމަށް ކުރިން ކުޅުނު ފްރެންޗެސްކޯ މޮރިއޭރޯ އެވެ. ސާފް ޗެމްޕިއަންޝިޕަށް ފަހު ބަންގްލަދޭޝް ޓީމުގެ ކޯޗުކަން އޮސްކާ ބްރުޒޮން ދޫކޮށްލިއިރު މިހާރު އެގައުމުގެ ކޯޗަކީ މާރިއޯ ލެމޯސް އެވެ.

ސާފް ޗެމްޕިއަންޝިޕްގެ ކާމިޔާބު ނުކުރެވުމާއެކު ރާއްޖޭގެ ޓީމުގެ މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ ފޯ ނޭޝަންސް ކާމިޔާބު ކުރުމެވެ. އަކްރަމް ބުނިގޮތުގައި ހުރިހާ ކުޅުންތެރިން އަޒުމަކީ ލަންކާ މެޗުގައި ވީ ކަންތައް ހަނދާން ނައްތާލައި ވަރުގަދަކޮށް ނުކުމެ ބަންގްލަދޭޝް ބަލިކުރުމެވެ.

“އެކްސްކިއުޒެއް ދެއްކޭކަށް ނެތް. އިންޝާﷲ ކުރިއަށް އޮތް ތާނގައި އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފަރާތުން އެކަމެއް ނުފެންނާނެ. ހުރިހާ ކަމަކަށް އަޅުގަނޑުމެން މަސައްކަތްކުރަމުން މިދަނީ. ހުރިހާ ކަމެއް ރަނގަޅުކޮށްގެން އިރާދަކުރެއްވިއްޔާ މާދަމާގެ މެޗަށް ނުކުންނާނީ”  2018 ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރާއްޖޭގެ ޓީމުގެ ކެޕްޓަންކަން ކުރި ކުޅުންތެރިޔާ ބުންޏެވެ.

ބަންގްލަދޭޝް އާއި ރާއްޖެ ވާދަކުރާ މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން 3:30 ގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!