ފުރަތަމަ ސަފްޙާ / ޚަބަރު / ބަންގްލަދޭޝް އާއި ސީޝެލްސް މެޗު ވެސް އެއްވަރު

ބަންގްލަދޭޝް އާއި ސީޝެލްސް މެޗު ވެސް އެއްވަރު

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 10 ނޮވެމްބަރު 2021

ސްރީ ލަންކާގައި މިހާރު ކުރިއަށްދާ މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގައި މިއަދު ކުޅުނު މެޗުން ބަންގްލަދޭޝް މޮޅުވާން ދަނިކޮށް ފަހު ވަގުތު ގޯލު ޖަހައި ސީޝެލްސް އިން 1-1 އިން އެއްވަރުކޮށް ޕޮއިންޓެއް ހޯދައިފި އެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ރާއްޖެ ކޮޅަށް ފަހަތުން އަރައި ހަތަރު ގޯލު ޖަހައި ލަންކާ އިން ވެސް ވަނީ ޕޮއިންޓެއް ހޯދައިފަ އެވެ. މުބާރާތުގައި ވާދަކުރާ ކޮންމެ ޓީމަކަށް މިވަގުތު ލިބިފައި އޮތީ އެއް ޕޮއިންޓެވެ.

ދުނިޔޭގެ ރޭންކިންގައި މިދިޔަ މަހު ބަންގްލަދޭޝް 187 ވަނައިގައި އޮތްއިރު ސީޝެލްސް އޮތީ 199 ވަނައިގަ އެވެ. ބަންގްލަދޭޝުން މިދިޔަ މަހު ރާއްޖޭގައި އޮފް ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރިއިރު ސީޝެލްސް އިން އެންމެ ފަހުން މުބާރާތެއްގައި ވާދަކުރީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު ބަންގްލަދޭޝްގައި އޮތް ބަންގުބަންދު ކަޕްގަ އެވެ. އެ މުބާރާތުގައި ބުރުންޑީ އަތުން 3-1 އިން ބަލިވިއިރު މޮރިޝަސްއާ ވާދަކޮށް ސީޝެލްސް ވަނީ 2-2 އިން އެއްވަރުކޮށްފަ އެވެ. ފަހު މެޗުގައި ފަލަސްތީނު އަތުން ބަލިވީ 1-0 އިންނެވެ. ކޮވިޑާ ގުޅިގެން އެގައުމުގެ ފުޓްބޯޅަ ހުއްޓިފައި އޮތުމަށް ފަހު ސީޝެލްސް އިން ވަނީ މިދިޔަ ސެޕްޓެމްބަރު މަހު އެކުވެރިކަމުގެ ދެ މެޗު ކުޅެފަ އެވެ. އެތަނުން ކޮމޮރޯސްއާ ވާދަކޮށް 1-7 އިން ބަލިވިއިރު ބުރުންޑީ އަތުން ބަލިވީ 1-8 އިންނެވެ.

މެޗަށް ނުކުތް ބަންގްލަދޭޝްގެ ޓީމު. – ފޮޓޯ: ލަންކާ ފުޓްބޯޅަ ފެޑެރޭޝަން

މުބާރާތް ކުރިއަށްދާ ކޮލަމްބޯގެ ރެސްކޯސް ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅުނީ ބަންގްލަދޭޝުންނެވެ. މި ހާފުގައި އެޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ފުރަތަމަ ހަމަލާގައި ވަނީ ގޯލު ޖަހައިފަ އެވެ. ގޯލު މަތީ ކަނަށް އަމާޒުކޮށްލައިގެން މި ލަނޑު ޖަހައިދިނީ މިޑްފީލްޑަރު މުހައްމަދު އިބްރާހީމް އެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު ލަނޑު ޖަހާނެ ފުރުސަތެއް މުހައްމަދަށް ލިބި ބޭކާރުވި އެވެ. މެޗުގެ ދެ ވަނަ ހާފުގައި ސީޝެލްސް އިން ނަތީޖާ ހަމަހަމަކުރީ މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށެވެ. މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރެންޑަން ލެބްރޮސް އެވެ.

ފޯ ނޭޝަންސް ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެދުވަހުގެ ހަވީރު ރާއްޖެ އާއި ބަންގްލަދޭޝް ވާދަކުރާއިރު އެރޭ ކުޅޭ މެޗުގައި ވާދަކުރާނީ ލަންކާ އާއި ސީޝެލްސް އެވެ. މުބާރާތުގެ ފައިނަލް މެޗު މި މަހުގެ 19 ވަނަ ދުވަހު އޮންނައިރު އެ މެޗު ޝަރަފްވެރިކޮށްދެއްވާނީ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!