އަވައްޓެރި ސްރީ ލަންކާގައި މިއަދު ފެށުމަށް ތާވަލު ކުރި މަހިންދަ ރާޖަޕަކްސަ ފޯ ނޭޝަންސް ކަޕްގެ ފުރަތަމަ މެޗު މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފައިވަނިކޮށް މިރޭ ލަންކާ އާއި ރާއްޖެ ވާދަކުރާ މެޗު ވެސް މޫސުން ގޯސްވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.
ފީފާގެ ބައިނަލްއަގްވާމީ މެޗުތަކުގެ ޝެޑިއުލަށް ވައްދައިގެން ކުޅޭ މި މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ވާދަކުރަން އޮތީ ބަންގްލަދޭޝް އާއި ސީޝެލްސް އެވެ. މި މެޗު މިއަދު ފަސްކުރީ ލަންކާގެ މޫސުން ގޯސްކޮށް އުޅޭތީ އެވެ. އެކަމަކު ލަންކާ އާއި ރާއްޖެ ވާދަކުރާ މެޗު އޮންނާނެކަމަށް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ބުނެފަ އެވެ. މެޗު ފަސްކުރީ ލަންކާގެ މޫސުން މާބޮޑަށް ގޯސްވެ ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެފައިވަނިކޮށެވެ. މި މެޗު ޝަރަފްވެރި ކޮށްދެއްވުމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވަނީ ލަންކާ އަށް ވަޑައިގެންފައެވެ.
ހަތަރު ގައުމު ވާދަކުރާ މުބާރާތް ކުޅޭނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމު ފައިނަލުގައި ކުޅޭ ގޮތަށެވެ. ބަންގްލަދޭޝް އާއި ފިލިޕީންސް މެޗު މާދަމާ ހަވީރު ކުޅެން ނިންމާފައިވާއިރު ރާއްޖެ އާއި ލަންކާ މެޗު ކުޅޭނީ މާދަމާ ރޭ ރާއްޖެ ގަޑިން 8:30 ގަ އެވެ. މުބާރާތުގެ ދެ ވަނަ މެޗުގައި އަންނަ ބުރާސްފަތި ދުވަހު ރާއްޖެ ނުކުންނާނީ ސީޝެލްސްއާ ދެކޮޅަށެވެ. ފަހު މެޗުގައި މި މަހުގެ 14 ވަނަ ދުވަހު ކުޅޭނީ ސީޝެލްސްއާ އެވެ. ފައިނަލް މެޗު ކުރިން ކުޅެން ނިންމާފައި އޮތީ މި މަހުގެ 18 ވަނަ ދުވަހު އެވެ. އެކަމަކު ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯގެ ޝެޑިއުލަށް ބަލައި އެ މެޗު މިހާރު ވަނީ މި މަހުގެ 19 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
ލަންކާގައި ކުޅުނު ފުޓްބޯޅައިގެ ބައިނަލްއަގްވާމީ ދެ މުބާރާތެއްގެ ޗެމްޕިއަންކަން ރާއްޖޭން ވަނީ ހޯދާފަ އެވެ. 2008 ވަނަ އަހަރު ލަންކާގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި ރާއްޖެ މޮޅުވީ އިންޑިއާ ވާދަކޮށެވެ. އޭގެފަހުން 2012 ވަނަ އަހަރު ލަންކާގައި ބޭއްވި މަހިންދުރަ ރާޖަޕަކްސަ މުބާރާތް ކާމިޔާބުކުރިއިރު ވާދަކުރީ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމެވެ.