ފުރަތަމަ ސަފްޙާ / ޚަބަރު / ރޮނާލްޑޯ އަނެއްކާ ވެސް ސޯލްޝެއާ އަށް އޮތް ޕްރެޝަރު ކުޑަކޮށްދީފި

ރޮނާލްޑޯ އަނެއްކާ ވެސް ސޯލްޝެއާ އަށް އޮތް ޕްރެޝަރު ކުޑަކޮށްދީފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 3 ނޮވެމްބަރު 2021

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިތުރު ވަގުތުގައި އިޓަލީގެ އެޓަލާންޓާ ކޮޅަށް ގޯލު ޖަހައި ނަތީޖާ 2-2 އިން އެއްވަރުކޮށް ޔުނައިޓެޑްގެ ކޯޗުކަމުގައި އެތައް ބައެއްގެ ފާޑުކިއުންތަކާ އެކު ހުރި އޮލެ ގުނަ ސޯލްޝެއާ އަށް އޮތް ޕްރެޝަރު ކްރިސްޓިއާނޯ ރޮނާލްޑޯ އަނެއްކާ ވެސް ކުޑަކޮށްދީފި އެވެ.

މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ނުނެރެވޭތީ ސޯލްޝެއާގެ މަގާމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ. ސޯލްޝެއާ އަށް އެންމެ ޕްރެޝަރު ބޮޑުވީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން އަމިއްލަ ދަނޑުގައި 5-0 ގެ ލަދުވެތި ނަތީޖާއަކުން ވާދަވެރި ލިވަޕޫލް އަތުން ބަލިވުމުންނެވެ. އޭގެފަހުން ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްއާ ދެކޮޅަށް ޔުނައިޓެޑް ނުކުތް މެޗުގައި ރޮނާލްޑޯގެ އެހީތެރިކަމާ އެކު ޔުނައިޓެޑް ވަނީ މޮޅުވެފަ އެވެ. އަދި ރޭ އެޓަލާންޓާއާ އެއްވަރުކުރިއިރު ޔުނައިޓެޑްގެ ދެ ލަނޑު ވެސް ޖެހީ ރޮނާލްޑޯ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ފުރަތަމަ ލަނޑު އެޓަލާންޓާގެ ޖޯސެފް އިލިސިޗް ޖެހިއިރު ޔުނައިޓެޑަށް ރޮނާލްޑޯ އެއްވަރުކޮށްދިނީ ބްރޫނޯ ފެނާންޑޭސްގެ އެހީތެރިކަމާ އެކު އެވެ. މެޗުގެ ދެ ވަނަ ހާފުގައި އެޓަލާންޓާ އަށް ލީޑު ނަގައިދިން ލަނޑު 56 ވަނަ މިނެޓުގައި ޖަހައިދިނީ ޑުވާން ޒަޕާޓާ އެވެ. މި ލަނޑު ރެފްރީ ގަބޫލުކުރީ ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ގެ އެހީތެރިކަމާ އެކު އެވެ. ރޮނާލްޑޯ ޔުނައިޓެޑަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނެޓުގެ ތެރެއިން ފުރަތަމަ މިނެޓުގަ އެވެ. އޭރިޔާ ބޭރުން ރޮނާލްޑޯ އަށް ލިބުނު ބޯޅަ ވައްދާލީ ގޯލުގެ ތިރީ ކަނަށެވެ. މިއީ މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ކާމިޔާބުކުރި ފަސް ވަނަ ލަނޑެވެ.

މި ގްރޫޕުގައި ރޭ ވިޔަރެއާލް ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ޔަންގް ބޯއީޒް ބަލިކޮށްފަ އެވެ. އެއް ވަނައިގައި އޮތް ޔުނައިޓެޑާ ދެ ވަނައިގައި އޮތް ވިޔަރެއާލަށް 7 ޕޮއިންޓް ލިބިފައިވާއިރު އެޓަލާންޓާ ތިން ވަނައިގައި އޮތީ 5 ޕޮއިންޓާ އެކު އެވެ. ފުލުގައި އޮތް ޔަންގް ބޯއީޒް އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ޔުނައިޓެޑް އެއް ވަނައިގައި އޮތީ ހެޑް-ޓު-ހެޑް އުސޫލުން ވިޔަރެއާލަށް ވުރެ ކުރި ލިބޭތީ އެވެ.

ރޭ އެންމެ މުހިއްމު މޮޅެއް ހޯދީ ބާސެލޯނާ އިންނެވެ. ރަށުން ބޭރުގައި 1-0 އިން ޑީނަމޯ ކިއޭވް ބަލިކުރި މެޗުގައި ބާސެލޯނާގެ ހަމައެކަނި ލަނޑު 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޒުވާން ތަރި އަންސޫ ފާޓީ އެވެ. މި ގްރޫޕުގައި ރޭ ބަޔާން މިއުނިކުން ވަނީ 2-5 އިން ބެންފީކާ ބަލިކޮށްފަ އެވެ. މެޗުގައި ބަޔާންގެ ރޮބާޓް ލެވަންޑޯސްކީ ހެޓްރިކް ހެދިއިރު އަނެއް ލަނޑުތައް ޖަހައިދިނީ ސާޖް ގްނަބްރީ އާއި ލިރޯއި ސާނޭ އެވެ.

މި ގްރޫޕުގައި ސަތޭކަ ޕަސެންޓް ރެކޯޑާ އެކު 12 ޕޮއިންޓް ހަމަކޮށް ބަޔާން އެއް ވަނައިގައި އޮތްއިރު ރޭގެ މޮޅާ އެކު 6 ޕޮއިންޓް ހޯދައި ބާސެލޯނާ ވަނީ ދެ ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ބެންފީކާ އަށް 4 ޕޮއިންޓާ އެކު ތިން ވަނަ ލިބޭއިރު ފުލުގައި އޮތް ޑީނަމޯ އަށް ލިބިފައިވަނީ ޕޮއިންޓެކެވެ. މި ގްރޫޕުގައި ބާސެލޯނާ މި މަހުގެ 23 ވަނަ ދުވަހު ނުކުންނާނީ ބެންފީކާއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން އެޓީމަށް ގަދަ 16 ގެ ފުރުސަތު ލިބޭނެ އެވެ. ބާސެލޯނާ ވަނީ މިދިޔަ 17 ސީޒަނުގައި ވެސް ގްރޫޕް ސްޓޭކް ފަހަނަ އަޅައި ދެ ވަނަ ބުރަށް ދަތުރުކޮށްފަ އެވެ. ބަޔާން ވަނީ މިހާރު ގަދަ 16 އިން ފުރުސަތު ހޯދާފަ އެވެ.

ރޭ 2-4 އިން ޒެނިތު ބަލިކޮށް ޔުވެންޓަސް ވަނީ ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. މެޗުގައި ޔުވެންޓަސްގެ ޕައޮލޯ ޑިބާލާ ދެ ލަނޑު ޖެހިއިރު ދެން ލަނޑު ޖަހައިދިނީ ފެޑެރިކޯ ކިއޭސާ އާއި އަލްވާރޯ މޮރާޓާ އެވެ. ޑިބާލާ ދެ ވަނަ ލަނޑު ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މަލްމޯ އެފްސީއާ ރަށުން ބޭރުގައި ވާދަކޮށް މި ގްރޫޕުގައި ހިމެނޭ ޗެލްސީ ރޭ ވަނީ 1-0 އިން މޮޅުވެފަ އެވެ. މެޗުގައި ޗެލްސީގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ހަކީމް ޒިޔެކް އެވެ.

މި ގްރޫޕުގެ އެއް ވަނައިގައި އޮތީ ހަތަރު މެޗުން 12 ޕޮއިންޓް ހޯދާފައިވާ ޔުވެންޓަސް އެވެ. 9 ޕޮއިންޓާ އެކު ޗެލްސީ ދެ ވަނައިގައި އޮތްއިރު ތިން ވަނައިގައި އޮތް ޒެނިތަށް ލިބިފައިވަނީ 3 ޕޮއިންޓެވެ. ފުލުގައި އޮތް މަލްމޯ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ވުލްފުސްބާގުން 1-2 އިން ރެޑްބުލް ސާލްސްބާގް ބަލިކުރިއިރު އަމިއްލަ ދަނޑުގައި ސެވިއްޔާ ވަނީ ފްރާންސްގެ ޗެމްޕިއަން ލިލް އަތުން 2-1 އިން ބަލިވެފަ އެވެ. މި ގްރޫޕުގެ އެއް ވަނައިގައި 7 ޕޮއިންޓާ އެކު ސަލްސްޒްބާގް އޮތްއިރު ދެ ވަނައިގައި އޮތް ލިލް އާއި ތިން ވަނައިގައި އޮތް ވުލްފްސްބާގަށް ލިބިފައިވަނީ 5 ޕޮއިންޓެވެ. ފުލުގައި އޮތީ ތިން ޕޮއިންޓް ލިބިފައިވާ ސެވިއްޔާ އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. އޭގެތެރޭގައި ލިވަޕޫލުން އަމިއްލަ ދަނޑުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗު ފާހަގަކޮށްލެވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!