ފުރަތަމަ ސަފްޙާ / ޚަބަރު / ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި، ޓީމުތަކުން ފޯރިއާއެކު ތައްޔާރުވަނީ

ކްލަބް މޯލްޑިވްސް ކަޕްގެ ގުރު ނަގައިފި، ޓީމުތަކުން ފޯރިއާއެކު ތައްޔާރުވަނީ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 2 ނޮވެމްބަރު 2021

ކޮވިޑާ ގުޅިގެން ގާތްގަނޑަކަށް ދެ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ބާއްވާ ކްލަބް މޯލްޑިވްސް ކަޕް ފުޓްސަލް މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޑްރޯ ނަގައި، ފޯރިއާއެކު ޓީމުތަކުން މުބާރާތައް ތައްޔާރުވާން ފަށައިފި އެވެ.

ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ރާއްޖޭގައި ބާއްވާ އެންމެ ފޯރިގަދަ އެއް ފުޓްސަލް މުބާރާތް އެންމެފަހުން ބޭއްވީ 2019 ވަނަ އަހަރު އެވެ. އެފަހަރު ކްލަބް ވެމްކޯ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ޔުނައިޓެޑް ބީއެމްއެލް އިންނެވެ. މިދިޔަ އަހަރު މުބާރާތް ބާއްވަން މަސައްކަތްކުރިނަމަވެސް ކޮވިޑާ ހެދި ކެންސަލްކުރީ އެވެ. މެދުކެނޑުމަކަށް ފަހު އަނެއްކާވެސް ކްލަބް މޯލްޑިވްސް ކަޕް މި ބާއްވަނީ ޔޫތު މިނިސްޓްރީ އާއި އެފްއޭއެމްގެ އެއްބާރުލުމާއެކު އެވެ.

މިފަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހު އެވެ. މުބާރާތުގެ ފިރިހެން ޑިވިޝަނުގައި 32 ޓީމު ވާދަކުރާއިރު ވިމެންސް ފުޓްސަލް ފިއެސްޓާގައި ވާދަކުރާނީ 8 ޓީމެވެ. ގުރު ނެގުމުގެ ރަސްމިއްޔާތު ރޭ ބޭއްވީ ޓީވީއެމްގަ އެވެ.

ފިރިހެން ޑިވިޝަން ބަހާލާފައިވާ 8 ގްރޫޕް

ގްރޫޕް އޭ: އުރީދޫ، ކަސްޓަމްސް، މީޑިއާނެޓް، އެމްއޭސީއެލް

ގްރޫޕް ބީ: ޕޮލިސް ކްލަބް، އެލައިޑް، ޓްރޭޑް ކްލަބް، އެޗްއާރްސީ

ގްރޫޕް ސީ: ކްލަބް ވެމްކޯ، ސްޓެލްކޯ، ޔޫތު މިނިސްްޓްރީ، ސިޓީ ކައުންސިލް

ގްރޫޕް ޑީ: ޔުނައިޓެޑް ބީއެމްއެލް، ފެން ކްލަބް، އާރްޑީސީ، ކްލަބް އެޗްޑީސީ

ގްރޫޕް އީ: އިމިގްރޭޝަން، ދިރާގު، އެފްއެސްއެމް، ޓީމް އެމްއެންޕީއެޗްއައި

ގްރޫޕް އެފް: ޕްރިޒަން ކްލަބް، އޭވިއޭޝަން ސެކިއުރިޓީ، ޓީމު ފެނަކަ، އާރްއޯއެލް

ގްރޫޕް ޖީ: އެމްޕީއެލް، ޑީއެސްސީ، ސިވިލް ކޯޓު، ކްލަބް 220

ގްރޫޕް އެޗް: އެސްޓީއޯ، އެމްޓީސީސީ، އެމްއެމްއޭ ސޯޝަލް ކްލަބް، މޯލްޑިވް ގޭސް

ޗެމްޕިއަން ބީއެމްއެލްއާ އެކު ގްރޫޕް ޑީގައި ހިމެނޭ އާރުޑީސީ އަކީ މިފަހަރުގެ މުބާރާތަށް އެންމެ ފޯރިއާއެކު ތައްޔާރުވަމުން އަންނަ އެއް ޓީމެވެ. އާރުޑީސީ ޓީމުގައި މަޝްހޫރު ދެ ފުޓްސަލް ތަރިންކަމަށްވާ އިބްރާހީމް އަސްވާދު (ގަބޭ) އާއި އަލީ ޝިފާއު (ރޮނާ) ހިމެނެ އެވެ. އަނެއްކޮޅުން އެ ގްރޫޕުގައި އޮތް ކްލަބް އެޗްޑީސީ އަކީ ވެސް ވަރުގަދަ ޓީމެކެވެ. ޗެމްޕިއަން ބީއެމްއެލް ޓީމުގައި އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އިޝާން އިބްރާހީމް (ސައްޓު) އާއި މިހާރު ސީނިއާ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނޭ ކުޅަދާނަ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް) ހިމެނެ އެވެ. އެހެންވެ މިފަހަރުގެ ގްރޫޕް ސްޓޭޖުގައި އެންމެ ވާދަވެރި ކުޅުމެއް ފެންނާނެކަމަށް ބެލެވެނީ މި ގްރޫޕުގެ މެޗުތަކުގަ އެވެ.

މަޝްހޫރު އެހެން ކުޅުންތެރިންނަށް ބަލާއިރު އަލީ ހާފިޒް (ހާއްޕެ) އާއި އަބްދުﷲ ޝައްފާން (ޝާކާ) މިފަހަރު ފެންނާނީ ކްލަބް ވެމްކޯ އިންނެވެ. އަޔާޒް އަހުމަދު (އަޔާ) އާއި ހުސައިން ޝަރީފް (އޮންލީ) ކުޅޭނީ ފެނަކަ ޓީމަށެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން އާރުޑީސީ އިން މާލޭން ބޭރުގައި ކޭމްޕްކޮށްފައިވާއިރު ވެމްކޯ އިން އއ. މަތިވެރީގައި ފަސް ދުވަހުގެ ކޭމްޕެއް ކުރިއަށްގެންދާގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި އެސްޓީއޯ އިން ވެސް މާލޭން ބޭރުގައި ކޭމްޕްކުރަން ވަނީ ހަމަޖެހިފަ އެވެ. މުބާރާތައް ތައްޔާރުވުމުގެ ގޮތުން ގިނަ ޓީމުތަކަކުން މިހާރު ވަނީ ޕްރެކްޓިސް ފަށައިފަ އެވެ.

CLUB MALDIVES CUP 2021 #draw #futsal #cmc #maldives#clubmaldivescup pic.twitter.com/nGR3z1V7jH

— Club Maldives (@ClubMaldives) November 1, 2021

ވިމެންސް ފުޓްސަލް ފިއެސްޓާގައި ބައިވެރިވާ ޓީމުތައް

ގްރޫޕް އޭ: ޕޮލިސް ކްލަބް، ދިވެހި ސިފައިންގެ ކްލަބް (ޑީއެސްސީ)، ސިޓީ ކައުންސިލް، ޓްރޭޑް ކްލަބް

ގްރޫޕް ބީ: އެމްޕީއެލް، ޓީމް ފެނަކަ، ޔޫތު މިނިސްޓްރީ، ކްލަބް ވެމްކޯ

ވިމެންސް ފުޓްސަލް ފިއެސްޓާގެ އެންމެ ކާމިޔާބު ޓީމު އިމިގްރޭޝަން މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައެއްނުވެ އެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މިފަހަރުގެ ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި ހަމަޖައްސާފައިވަނީ މައިލޯ އާއި އުރީދޫ މޯލްޑިވްސްގެ އިތުރުން އެމްޓީސީސީ އަދި އެލައިޑް އިންސުރެންސް އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!