ދުނިޔޭގެ ފެތުމުގެ މުބާރާތުގައި ރާއްޖޭން ވާދަކުރާ ކުޅުންތެރިންގެ ނަންތައް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަދު އިއުލާންކޮށްފި އެވެ.
ފަނަރު ވަނަ ފީނާ ވޯލްޑް ސްވިމިން ޗެމްޕިއަންޝިޕްގައި ރާއްޖެ ތަމްސީލު ކުރާނީ އާއިޝަތު ސަސުޝަން އާއި ހަމްނާ އަހުމަދުގެ އިތުރުން މުހައްމަދު އާން ހުސައިން އަދި އިމްއާން އަލީ އެވެ. ސްވިމިން އެސޯސިއޭޝަނުން ބުނީ މި ހަތަރު ފެތުންތެރިން ހޮވީ، ޓްރަޔަލް ބޭއްވުމަށް ފަހު އެ ފެތުންތެރިންގެ ނަތީޖާ އަށް ބަލައިގެން ކަމަށެވެ. ޔޫއޭއީގެ އަބޫދާބީގައި ދުނިޔޭގެ ފެތުމުގެ މުބާރާތް އޮންނަނީ އަންނަ ޑިސެމްބަރު މަހުގެ 16 އިން 21 އަށެވެ.
ރާއްޖޭން ވާދަކުރާ ފެތުންތެރިންގެ ތެރެއިން ސައުޝަން އަކީ ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައިވާ ފެތުންތެރިއެކެވެ. ހަމްނާ އެންމެ ފަހުން ހިމެނުނު ބައިނަލްއަގްވާމީ މުބާރާތަކީ 2019 ވަނަ އަހަރުގެ ފަހުކޮޅު ކަތުމަންޑޫގައި އޮތް ސައުތު އޭޝިއަން ގޭމްސް އެވެ. އިމްއާން އަކީ ސްވިމިންގެ ދުނިޔޭގެ މައި އިދާރާ ފީނާގެ ސްކޯލާޝިޕެއްގައި ރަޝިއާގައި ތަމްރީނުތައް ފުރިހަމަކުރަމުން އަންނަ ފެތުންތެރިއެކެވެ. އަދި، އާން އަކީ 2019 ވަނަ އަހަރު ރީޔޫނިއަންގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކުރި ފެތުންތެރިއެކެވެ.
ރާއްޖޭން ވަނީ މިދިޔަ އޯގަސްޓް މަހު ޖަޕާނުގައި އޮތް އޮލިމްޕިކްސް ކުޅިވަރު ހަރަކާތުގެ ފެތުމުގެ އިވެންޓުގައި ވާދަކޮށްފަ އެވެ. ރާއްޖޭން އޮލިމްޕިކްސްގައި ވާދަކުރީ އައިޝަތު ސާޖިނާ އާއި މުބާލް އައްޒާމް އިބްރާހީމް އެވެ.