ފުރަތަމަ ސަފްޙާ / ޚަބަރު / ލުކާކޫ ޗެލްސީ އަށް ބަދަލުވީ މުސާރަ ދެގުނަކުރަން: އިންޓަ

ލުކާކޫ ޗެލްސީ އަށް ބަދަލުވީ މުސާރަ ދެގުނަކުރަން: އިންޓަ

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 22 އޮކްޓޫބަރު 2021

އިންޓަ މިލާން ދޫކޮށް ބޮޑު އަގުގައި ފޯވާޑް ރޮމެލޫ ލުކާކޫ އެނބުރި ޗެލްސީ އަށް ބަދަލުވީ މުސާރަ ދެގުނަކުރަން ކަމަށް އިންޓަގެ ސީއީއޯ ބެޕޭ މަރޯޓާ ބުނެފި އެވެ.

މިދިޔަ ސީޒަނުގައި އިންޓަ އިން އިޓާލިއަން ލީގު ކާމިޔާބު ކުރިއިރު ގިނަ ގޯލުތަކެއް ޖެހި ލުކާކޫ ޗެލްސީ އަށް ބަދަލުވީ 136 މިލިއަން ޑޮލަރަށެވެ. ލުކާކޫ ނެތްތައް ފޫބައްދަން އިންޓަ އިން ގެނައީ ރޯމާ އަށް ކުޅުނު އެޑެން ޒެކޯ އެވެ. މެންޗެސްޓަރ ޔުނައިޓެޑުން އިންޓަ އަށް ބަދަލުވެ، އެ ކްލަބަށް ކުޅުނު 95 މެޗުގައި ލުކާކޫ ވަނީ އެޓީމަށް 64 ލަނޑު ޖަހައިދީފަ އެވެ. މަރޯޓާ ބުނީ ލުކާކޫގެ ބަދަލުގައި އެޓީމުން ޒެކޯ ގެނައުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އިންޓަ ގައި ހޭދަކުރާ ފުރަތަމަ ސީޒަނުގައި ޒެކޯ މިހާތަނަށް ވަނީ ހަތް ލަނޑު ޖަހައިފަ އެވެ.

“ލުކާކޫ 115 ޔޫރޯ އަށް ވިއްކާލާފަ އަހަރެމެން ޒެކޯ ގެނައީ ހިލޭ. ދަނޑުމަތީގައި އެ ދެކުޅުންތެރިންގެ މާބޮޑު ތަފާތެއް ނެތް. ލުކާކޫ ދިޔައީ މުސާރަ ދެގުނަކުރަން. އިޓަލީގައި އެވަރުގެ އަދަދުތައް ނުވެސް ފެންނާނެ” ލުކާކޫގެ ޓްރާންސްފާއާ ގުޅޭގޮތުން ވާހަކަދައްކަމުން މަރޯޓާ ބުންޏެވެ.

ލުކާކޫ ޗެލްސީ އަށް ވިއްކާނުލަން މަރޯޓާ ވަރަށް ބޮޑަށް މަސައްކަތްކުރި އެވެ. އެކަމަކު މާލީ ގޮތުން އުނދަގުލުގައި ކްލަބް އޮތުމުން ޗެލްސީގެ އަގުބޮޑު ހުށަހެޅުމަށް އިންޓަ އަށް ޖެހުނީ އާބަސް ބުނާށެވެ.

ޗެލްސީ އަށް ބަދަލުވެ ފުރަތަމަ މެޗުތަކުގައި ލުކާކޫ ވަނީ މުހިއްމު ގޯލުތަކެއް ޖަހައިފަ އެވެ. ފަހަކަށް އައިސް ލުކާކޫގެ ފޯމު ދަށްކޮށް ފެނުނުއިރު ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ލުކާކޫ މިހާރު ހުރީ ކުޅުމާދުރުގަ އެވެ. ލުކާކޫ އަނބުރާ ކުޅުމުގެ ތެރެއަށް އަންނަން ދެ ހަފްތާ ނަގާނެކަމަށް ބެލެވެ އެވެ.

ލުކާކޫގެ އިތުރުން އިންޓަ އަށް މިހާރު ކުޅޭ މަޝްހޫރު އެހެން ކުޅުންތެރިންނަށް ވެސް ބޮޑެތި ކްލަބްތަކުން އަންނަނީ ފާރަލަމުންނެވެ. އޭގެތެރޭގައި ލަޓާރޯ މާޓީނޭޒް އާއި ނިކޮލޯ ބަރެއްލާ އަދި މާސެލޯ ބްރޮޒޮވިޗް ހިމެނެ އެވެ.

މަރޯޓާ ބުނީ މިހާރުދޭ އަގަށްވުރެ ބޮޑު އަގެއްގައި ލަޓާރޯ އާއި ބަރެއްލާގެ އެއްބަސްވުން އިންޓަ އިން އާކުރާނެ ކަމަށެވެ. އަދި ބްރޮޒޮވިޗްގެ އެއްބަސްވުން ހަމަވާން ގާތްވިނަމަވެސް އިތުރަށް ވާހަކަދައްކައިގެން އާ އެއްބަސްވުމަކަށް ދެވޭނެކަމަށް އުއްމީދުކުރާ ކަމަށް މަރޯޓާ ބުންޏެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!